ނެލްސަން މަންޑޭލާ ރޫލްސްއަށް ފުރިހަމައަށް ޢަމަލުކުރަން ފެށުމުން ޖަލުތަކުގެ ވަރަށްގިނަ ކަންކަން އިޞްލާހުވެގެންދާނެކަމަށް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
އެމަނިކުފާން މިހެން ވިދާޅުވީ "ނެލްސަން މަންޑޭލާ އިންޓަރނޭޝަނަލް ޑޭ" ގެ މުނާސަބަތުގައި ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމްސް - ޔޫއެންއޯޑީސީ ގެ ފަރާތުން މިނިސްޓްރީ އޮފް ހޯމް އެފެއާޒް އާއި ގުޅިގެން ބޭއްވި ނެލްސަން މަންޑޭލާ ޑޭ މަސައްކަތު ބައްދަލުވުން ފައްޓަވައިދެއްވަމުން ދެއްކެވި ވާހަކަފުޅުގައި ކަމަށް ހޯމް މިނިސްޓްރީއިން ބުންޏެވެ.
ސަރުކާރުގެ އަމާޒަކީ ޖަލުތަކުގެ ހާލަތު ރަނގަޅު ކުރުންކަމަށާއި، ބައިނަލްއަޤްވާމީ މިންގަނޑުތަކާއެއްގޮތަށް ޖަލުގެ ވަޞީލަތްތައް ޤާއިމްކޮށް، ޤައިދީންނާމެދު އަމަލުކުރުންކަމަށް އެ މަސައްކަތު ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވި ކަމަށް ހޯމް މިނިސްޓަރީއިން ވަނީ ބުނެފައެވެ.
ޖަލުގެ ޞިއްޙީ ނިޒާމާއި، ޤައިދީންގެ އަހުލާޤާއި، މުޢާމަލާތް ކުރެވޭ ގޮތާއި، މައްސަލަތައް ހައްލުކުރުމުގައި އަމަލުކުރެވޭ ގޮތް އޭގެ ތެރޭގައި ހިމެނޭކަން މިނިސްޓަރ ފާހަގަކުރެއްވި ކަމަށާއި، އެމަގަށް ކުރެވޭ މަސައްކަތްތަކުގައި ޤައިދީންގެ ހައްޤުތައް ރައްކާތެރިކުރުމަށް ނެލްސަން މަންޑޭލާ ރޫލްސް އެހީވެދޭނެކަމަށް މިނިސްޓަރ ވިދާޅުވި ކަމަށް ހޯމް މިނިސްޓަރީއިން ވަނީ ބުނެފައެވެ.
"ނެލްސަން މަންޑޭލާ ރޫލްސްގެ ދިވެހި ތަރުޖަމާ ޝާއިއުކުރެވިގެން ދިއުމަކީ މަސައްކަތަށް ލިބޭ ވަރަށްބޮޑު ކުރިއެރުމެއްކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. މިމަސައްކަތުގެ ތެރެއިން ޞުލްޙަ މަސަލަސްކަމާއި، ޑިމޮކްރަސީއާއި، އިންސާނީ ހައްޤުތައް ކަށަވަރުކުރުމަށް ކުރާ މަސައްކަތްތަކުގެ ނަތީޖާ ހާޞިލްވުމަށްވެސް އެހީވެދޭނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ." ހޯމް މިނިސްޓަރީއިން ބުނެފައި ވެއެވެ.
"ނެލްސަން މަންޑޭލާ ރޫލްސްގެ ދިވެހި ތަރުޖަމާ ޝާއިއުކުރެވޭ ދުވަހަކީ ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ނެލްސަން މަންޑޭލާ ދުވަހަށްވުމީ އުފަލެއްކަމަށާއި، އަދި މިއީ ރާއްޖޭގައި މިދުވަސް ފާހަގަކުރާ ފުރަތަމަ ފަހަރުކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ. ނެލްސަން މަންޑޭލާ ރޫލްސްގެ ދިވެހި ތަރުޖަމާ ވުޖޫދަށް ގެނައުމަށް ޔޫއެންއޯޑިސީއާއި ހޯމް މިނިސްޓްރީގެ މުވައްޒަފުން ކުރެއްވި މަސައްކަތް މިނިސްޓަރ ފާހަގަކުރެއްވިއެވެ." އެ މިނިސްޓްރީއިން އިތުރަށް ބުނފައި ވެއެވެ.
މިއަދު ޖަލުތަކުގައި ހުންނަންވާ އެންމެ ދަށް މިންގަނޑުކަމަށް އދ.ން ކަނޑައަޅާފައިވާ 'މަންޑޭލާ ރޫލްސް' ދިވެހި ބަހަށް ތަރުޖަމާކޮށް، ހޯމް މިނިސްޓްރީގެ ވެބްސައިޓްގައި ޝާޢިއުކޮށްފައި ވާއިރު، އެމިންގަނޑަށް ރާއްޖޭގެ ޖަލުތަކުގެ ކަންކަން ގެންދިއުމަކީ ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ މިދިޔަ މުއްދަތުގެ ތެރޭގައި އެންމެބޮޑު އިސްކަމެއް ދެއްވި އެއް މަސައްކަތެއް ކަމަށްވެސް ހޯމް މިނިސްޓަރީއިން ވަނީ ބުނެފައެވެ.
އެގޮތުން މަންޑޭލާ ރޫލްސް ދިވެހި ބަހަށް ތަރުޖަމާ ކުރައްވާ، ޖަލުތައް ބަލަހައްޓާ އޮފިސަރުން ތަމްރީނުކުރެއްވުމަށް މިނިސްޓަރު ޚާއްޞަ އިސްކަމެއް ދެއްވި ކަމަށާއ، ކުރިއަށް އޮތްތަނުގައި މަންޑޭލާ ރޫލްސްއަށް ހުރިހާ އޮފިސަރުން އަހުލުވެރިކުރުމަށް ޚާއްޞަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށްވެސް އެ މިނިސްޓްރީއިން ވަނީ ބުނެފައެވެ.
ނެލްސަން މަންޑޭލާ ރޫލްސް ދިވެހި ބަހަށް ތަރުޖަމާކޮށްފައިވަނީ މިނިސްޓްރީ އޮފް ހޯމް އެފެއަރޒް އާއި ޔޫއެންއޯޑީސީ ގުޅިގެންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!