އެމްޑީއެންގެ ރިޕޯޓް ތަޙްޤީގުކުރި އުސޫލުން އުތެމައިގެ ރިޕޯޓު ވެސް ތަހުޤީޤުކޮށް، މިކަމުގައި ޝާމިލުވާ އެންމެހައި ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އެޅުމަށް ގޮވާލައި ތިލަދުންމަތީ އުތުރުބުރީ ވަށަފަރު ކައުންސިލުގެ އިދާރާއިން ނޫސްބަޔާނެއް ނެރެފިއެވެ.
އެ ކައުންސިލުން މިކަމާއި ގުޅިގެން ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައިވަނީ ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގަމުންދާ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯރކުން "ޕްރިލިމިނަރީ އެސެސްމެންޓް އޮންޑް ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް" ގެ ނަމުގައި އާންމުކުރި ރިޕޯޓުގައި އިސްލާމްދީނަށް ފުރައްސާރަ ކޮށްފައިވާކަމަށެވެ.
އެކަން ރާއްޖޭގެ ކަންކޮޅުތަކުގައި ތިއްބެވި އެކިއެކި ޢިލްމުވެރިންގެ ބަސްފުޅުތަކުންނާއި، އިސްލާމިކް މިނިސްޓްރީގެ ބަޔާނުންނާއި، ފުލުހުންގެ ތަޙްޤީގަށް ވެސް ސާބިތުވެފައިވާ ކަމަށާއި، މިކަމާދެކޮޅަށް މުޅިރާއްޖޭގެ ރައްޔިތުން، އެކިސިފަސިފާގައި ކައުންސިލުތަކާއި ޖަމްޢިއްޔާތައް ޝާމިލުވާނެފަދައިން އަޑު އުފުލާ އިހްތިޖާޖު ކުރުމުގެ ސަބަބުން، 2019 ޑިސެމްބަރ 19 ވަނަ ދުވަހު ދިވެހި ސަރުކާރުން ވަނީ އެ ޖަމްޢިއްޔާ (އެމް.ޑީ.އެން) އުވާލައިފި ކަމުގައި އިޢުލާންކޮށްފައި ވާކަމަށެވެ.
" އެހެންކަމުން މިހާރު އެ ޖަމްޢިއްޔާ ހަރަކާތްތެރިވާ ނަމަ އެއީ ޣައިރު ޤާނޫނީ މުއައްސަސާއެއް ކަމުގައި ވެސް ދަންނަވަންޖެހެއެވެ. މިއާއެކުވެސް އެނުބައި، ނޭއްގާނީ ޢަމަލު ހިންގި ފަރާތްތަކަށް އެއްވެސް ފިޔަވަޅެއް އެޅިފައި ނުވާކަމީ ދިވެހިރައްޔިތުން އިންތިހާޔަށް ކަންބޮޑުވާ ކަމެއްކަމުގައި ވެފައިވަނިކޮށް، މި ފެނިގެންދިޔައީ އެ ޖަމްޢިއްޔާގެ ނަމުގައި ބަރާބަރަށް މަސައްކަތްކޮށް ހަރަކާތް ހިންގާތަނެވެ. އަދި އެ ޖަމްޢިއްޔާގެ ތާއީދުގައި އެފަދަ އެހެން ޖަމްޢިއްޔާތައް އުފައްދައިގެން ވެސް މަސައްކަތްކުރާތަނެވެ."
އެމްޑީއެންއަށް ނިސްބަތްކޮށް އެ ނޫސް ބަޔާނުގައި ބުނެފައި ވެއެވެ.
ދިވެހިރާއްޖޭގައި ރަޖިސްޓްރީވެފައިވާ މަދަނީ ޖަމްޢިއްޔާއެއް ކަމަށްވާ "އުތެމަ" އިން 2020 ޖޫން 22 ން ޖުލައި 10 އަށް ޖެނީވާގައި އޮންނަ ސީޑޯ ކޮމިޓީގެ 76 ވަނަ ބައްދަލުވުމަށް ހުށަހަޅާ ރިޕޯޓުގައި އެމް.ޑީ.އެންގެ ރިޕޯޓް ބަލައިގަނެ އެރިޕޯޓްގައި ފާހަގަކޮށްފައިވާ، ދީނީގޮތުން ހައްދުފަހަނަ އަޅައިދިއުމުގެ ނުރައްކާތެރިކަމުގެ މައްޗަށް ހަޤީގަތާއި ހިލާފަށް އެކުލަވާލާފައިވާ ކަންކަންބަލައިގަނެ، އެކަންކަމާ ދޭތެރޭގައި ފިޔަވަޅު އެޅުމަށް ގޮވާލާފައިވުމީ އަދި މާބިރުވެރި، އެހާމެ ނުރައްކާތެރި ކަމެއްކަމުގައި އެ ކައުންސިލުން ފާހަގަ ކުރާ ކަމުގައި އެ ބަޔާނުގައި ބުނެފައިވެއެވެ.
"ދިވެހިރާއްޖޭގެ ރައްޔިތުންނަކީ ހިތުން ރުހުމުން އިސްލާމްދީން ބަލައިގަނެ، އެދީނުގެ މަތިވެރިކަމާއި ފުރިހަމަކަން އެނގި، އެދީނުގެ ހިމާޔަތުގައި ވާންޖެހުނު ކޮންމެ ޤުރުބާނީއެއް ޖާނާއި މާލުން ވުމަށް ތައްޔާރަށްތިބި ބައެއްކަން ވެސް މި ފުރުޞަތުގައި ހަނދުމަކޮށް އަރުވަމެވެ. އެހެންކަމުން އަޅުގަނޑުމެން ގޮވާލަނީ، އެމް.ޑީ.އެންގެ ރިޕޯޓް ތަޙްޤީގުކުރި އުސޫލުން އުތެމައިގެ ރިޕޯޓުވެސް ތަހުޤީޤުކޮށް، މިކަމުގައި ޝާމިލުވާ އެންމެހައި ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އެޅުމަށެވެ. އަދި މިފަދަ ނަފްރަތްތެރި ޢަމަލުތައް ހިންގާ މަދަނީޖަމާޢަތްތަކާމެދު ޤާނޫނީގޮތުން އަޅަންޖެހޭ އެންމެ ހަރުކަށި ފިޔަވަޅު އެޅުމުގައި ފަސްނުޖެހުމަށް ދިވެހިރާއްޖޭގެ ވެރިންނާއި ކަމާބެހޭ މުއައްސަސާތަކަށް އަޅުގަނޑުމެން އިލްތިމާސްކުރަމެވެ."
ވަށަފަރު ކައުންސިލުން ބުނެފައި ވެއެވެ.
އިތުރަށް އެ ކައުންސިލުން ބުނީ ދިވެހިރާއްޖޭގައި އުފައްދާފައިވާ ހުރިހާ ސިޔާސީޕާޓީތަކާއި، ރަށްރަށުގެ ކައުންސިލްތަކާއި، ޖަމްޢިއްޔާ ޖަމާޢަތްތަކާއި، ސަރުކާރާއި އަމިއްލަ ފަރާތްތަކުގެ މުއައްސަސާތަކުން ވެސް މިފަދަނިރުބަވެރި ނަފްރަތްތެރި އަމަލުތަކާމެދު ފާޅުގައި އިންކާރުކޮށް، މިފަދަ ކަންތައްތަކުން ދިވެހި މުޖުތަމައު ސަލާމަތްކުރުމަށް ގަދައަޅައި މަސައްކަތްކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.
މީގެ އެތައްސަތޭކަ އަހަރެއްގެކު ކުރިންސުރެ ފެށިގެން މިލޮބުވެތި ދިވެހި ޤައުމުގައި ދެމިއޮތް އިސްލާމީ ހިދާޔަތުގެ ނޫރުފަނޑުކޮށްލާ ނިވާލުމަކީ، ވަށަފަރު ކައުންސިލާއި، ވަށަފަރުގެ ލޮބުވެތި ރައްޔިތުން ފަހަރެއްގައިވެސް އެދޭނެ ކަމެއް ނޫންކަމަށާއި، އަދި ދިވެހި ޤައުމުގެ ލޮބުވެތި ފަސްގަނޑުން ލާދީނީ ފިކުރު ހިންގާ ފަރާތްތަކަށް ފުރުސަތު ނުދެއްވުމަށް ކަމާބެހޭ އެންމެހާ ފަރާތްތަކަށް ގޮވާލާ ކަމަށް އެ ބަޔާނުގައި ވެއެވެ.
މިފަދަ ޖަރީމާތައް ހިންގާ ފަރާތްތަކުގެ ޙަރަކާތްތައް މިހާރުން މިހާރަށް ހުއްޓުވާ އެފަރާތްތަކަށް ޤާނޫނުންލިބިދޭ އެންމެ ހަރުކަށި، ޙައްޤު އަދަބު ދިނުމަށް ވެސް ކަމާބެހޭ އެންމެހައި މުއައްސަސާތަކަށް ގޮވާލާކަމަށްވެސް ވަށަފަރު ކައުންސިލްގެ ބަޔާނުގައި ބުނެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!