ހއ. އަތޮޅު ހޮސްޕިޓަލްގެ އޮޕަރޭޝަން ތިއޭޓަރުގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގުމުން ތިއޭޓަރ ޚިދުމަތް ވަގުތީގޮތުން މެދުކަނޑާލައިފިއެވެ.

މިއަލިފާނުގެ ހާދިސާ ހިނގާފައިވަނީ މިއަދު ހަވީރު 17:21 ހާއިރުގައެވެ. އަލިފާން ރޯވެފައިވަނީ ސީލިންގުމަތީގައި އަޅާފައިވާ ކަރަންޓު ވައިރު ތަކުގައެވެ. ފުލުހުންނާއި އާންމުން ވެގެން މި އަލިފާންގަނޑު ނިންވާލާފައިވަނީ ސީލިންގު ހަލާކުކޮށްލައިގެން އަލިފާން ނިއްވާ ފުޅި ބޭނުންކޮށްގެންނެވެ.

Ad
rt

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިއަލިފާނުގެ ހާދިސާ ހިނގިއިރު އެތިއޭޓަރުގައި ދިޔައީ ބަލިމީހަކަށް ފަރުވާދެމުންނެވެ. މިހާދިސާއާއި ގުޅިގެން ތިއޭޓަރ ބޭނުން ކުރުން އެހޮސްޕިޓަލުން ވަގުތީގޮތުން މެދުކަނޑާލަން ޖެހުމާއި އެކު މާބަނޑު ދެމީހުން ވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ފޮނުވާލާފައެވެ. ހދ. ދިއްދޫ އިން މިދެމީހުން ފޮނުވާލެވިފައިވަނީ މިރޭ 23:00 ހާއިރު ގައެވެ.

ހއ ހޮސްޕިޓަލުގެ ފޭސްބުކް ޕޭޖުގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އެހޮސްޕިޓަލުގެ އޮޕަރޭޝަން ތިއޭޓަރުގައި މަސައްކަތެއް ކުރިއަށް ގެންދިއުމަށްޓަކައި 01 ޖުލައި 2020 ވަނަ ދުވަހުން ފެށިގެން ތިއޭޓަރގެ ޚިދުމަތް ވަގުތީގޮތުން ވަނީ މެދުކަނޑާލެވިފައިކަމަށާއި ޚިދުމަތް ދެވެން ފެށުމުން މިޕޭޖް މެދުވެރިކޮށް ހިއްސާކުރާނެކަމަށް ދަންނަވާފައެވެ.