ކޯވިޑް-19 އާއި ގުޅިގެން ސްކޫލުތައް ބަންދުކޮށްފައިވާ ދުވަސްތަކުގައި ދަރިވަރުންނަށް ބޭނުންވާ ފިލާވަޅުތައް ގެއްލިގެންދިޔަ ނުދިނުމަށް ކުރެއްވި އަގުހުރި މަސައްކަތްތަކަށާއި، ތަޢުލީމީ ދާއިރާ ކުރިއެރުވުމަށް ޕްރިންސިޕަލުން ކުރަށްވަމުން ގެންދަވާ ބުރަ މަސައްކަތްތަކަށް ނައިބު ރައީސް ފައިޞަލް ނަސީމް ޝުކުރު އަދާކުރަށްވައިފިއެވެ.

ނައިބު ރައީސް ފައިޞަލް ނަސީމް މިއަދު ހަވީރު ވަނީ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ އިސް ބޭފުޅުންނާއި، އަދި ރާއްޖޭގެ ހުރިހާ ސްކޫލުތަކެއްގެ ޕްރިންސިޕަލުންނާއިއެކު ބައްދަލުކުރައްވާފައެވެ.

Ad
rt

އޮންލައިންކޮށް ކުރިއަށްދިޔަ އެ ބައްދަލު ކޮށްލެއްވުމުގައި ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ވަނީ ކޯވިޑް-19 އާއި ގުޅިގެން ސްކޫލުތައް ބަންދުކޮށްފައިވާ ދުވަސްތަކުގައިވެސް ދަރިވަރުންނަށް ބޭނުންވާ ފިލާވަޅުތައް ގެއްލިގެންދިޔަ ނުދިނުމަށް ވަރަށްބޮޑު އަހަންމިއްޔަތުކަމެއް ދެއްވައިގެން ޓެލިކްލާސްގެ ނަމުގައްޔާއި، އެހެނިހެން އޮންލައިން ކްލާސްތައް ހިންގުމުގައި އެބޭފުޅުންކުރެއްވި ބުރަ މަސައްކަތް ބަލައިގަންނަކަމުގައި ވިދާޅުވެ އެކަމަށްޓަކައި ޝުކުރުއަދާކުރައްވާފައެވެ.

" މިއަދު ސްކޫލް މާޙައުލަކީ ރައްކާތެރި މާޙައުލަކަށް ހެދުމަށް ބެލެނިވެރިންނާއި، މުދައްރިސުންނާއި، މިނިސްޓްރީއިން ކުރެއްވި ބުރަ މަސައްކަތް ފެނިގެން ހިނގައްޖެ"

އެ ބައްދަލު ވުމުގައި ނައިބު ރައީސް ފައިޞަލް ނަސީމް ވިދާޅުވިއެވެ.

ޕްރިންސިޕަލުންނާއި، މުދައްރިސުންނަކީ މި ޤައުމުގެ އެންމެ ބޮޑު ޒިންމާއެއް ނަންގަވައިގެން ތިއްބެވި ބޭފުޅުންކަން ފާހަގަކުރައްވަމުން ނައިބު ރައީސް ވަނީ މި ޤައުމުގައި އެންމެ އިސްކަމެއް ދޭ އެއްކަމަކީ ރަނގަޅު ދަރިވަރުންތަކެއް ބިނާކުރުންކަމުގައި ވިދާޅުވެފައެވެ.

" ސްކޫލުތަކުން ވެފައިވާ ތައްޔާރީތައް މިއަދު އެނގިގެން ހިނގައްޖެ. އެ ތައްޔާރީތައް ވަރަށް ފުރިހަމަ، އެކަމަށްޓަކައި ވަރަށް އުފާ ކުރަން. މިހާފުރިހަމައަށް ތައްޔާރީތައް ކުރެއްވުމުގައި އުޅުއްވި ހުރިހާ ބޭފުޅުންނަށާއި، ޙާއްޞަކޮށް މިނިސްޓަރ އޮފް އެޑިއުކޭޝަންއަށާއި ތަޢުލީމީ ދާއިރާ ހިންގުމާ ހަވާލުވެތިއްބެވި ހުރިހާ ބޭފުޅުންނަށް ޝުކުރުދަންނަވަން "

އެ ބައްދަލު ވުމުގައި ނައިބު ރައީސް ފައިޞަލް ނަސީމް ވިދާޅުވިއެވެ.

ކޯވިޑް-19 އާއި ގުޅިގެން ސްކޫލުތައް ބަންދުކުރުމަށްފަހު މިއަދު އަލުން ކިޔެވުން ފެށުމާއި ގުޅިގެން އެކަމަށްޓަކައި ވެފައިވާ ތައްޔާރީތަކުގެ މަޢުލޫމާތާއި، އާ ޢާންމު ޙާލަތު ނުވަތަ ނިއު ނޯމަލްގައި ކިޔަވަން ފެށުމުން މިއަދުގެ ކިޔެވުން ކުރިއަށްދިޔަ ގޮތާއިބެހޭގޮތުން އެ ބައްދަލުވުމުގައި ވަނީ އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން މައުލޫމާތު ޙިއްޞާކުރައްވާފައެވެ.

މިއަދުގެ ބައްދަލުވުމުގައި ރާއްޖޭގެ އެކި ސަރަޙައްދުގެ ސްކޫލުތަކުން ވެފައިވާ ތައްޔާރީތައް އެ ބައްދަލުވުމުގައި ބައިވެރިވެލެއްވި ސްކޫލްތަކުގެ ޕްރިންސިޕަލުން ވަނީ ނައިބު ރައީސާއި ހިއްސާ ކުރަށްވާފައެވެ. އެ ބޭފުޅުން ދެއްކެ ވާހަކާގައި، ސްކޫލްތައް ހުޅުވުމުގެ ކުރިން އެބޭފުޅުންވަނީ އެޗް.ޕީ.އޭގެ އުޞޫލުތަކާ އެއްގޮތަށް އެސް.އޯ.ޕީ ތައްޔާރުކޮށް ޢަމަލުކުރަން ފަށާފައިކަން ވަނީ ފާހަގަ ކުރަށްވާފައެވެ.

އެގޮތުން ސްކޫލުތަކުގައި 3 ފޫޓު ދުރުމިނުގައި ފާހަގަތައް ޖަހާ، ހޭންޑް ސެނިޓައިޒް ކުރެވޭނެ އިންތިޒާމްތަކާއި، އަތް ދޮވެވޭނެ އިންތިޒާމްތައް ސްކޫލުގެ އެކި ސަރަޙައްދުގައި ޤާއިމުކޮށްފައި ވާނެކަމަށާއި، ހަމަ އެއާއެކު ވަކިވަކި ދަރިވަރުންގެ ޙަރަކާތްތައް މޮނިޓަރ ކުރުމަށް ސްކޫލުގެ އެކި ހިސާބުތަކުގައި ބެލެނިވެރިންނާއި، ޓީޗަރުން ޙަރަކާތްތެރި ވަމުން ދާނެކަމުގައި އެބޭފުޅުން ވިދާޅުވިއެވެ. އަދި، މިއަދުގެ ކިޔެވުން ދިޔަ ގޮތާއި ބެހޭގޮތުން އެބޭފުޅުން މަޢުލޫމާތުދެއްވި ގޮތުގައި މިއަދު ވަނީ ގާތްގަނޑަކަށް ހަމަ ކުރިއެކޭ އެއްގޮތަށް ކުދިން ސްކޫލަށް ޙާޒިރުވެފައެވެ.

އެކަމުން ދޭހަވަނީ ވެފައިވާ ތައްޔާރީތަކަށް ބެލެނިވެރިން އިތުބާރު ކުރައްވާކަމުގައި އެ ބޭފުޅުން ވަނީ ފާހަގަކުރަށްވާފައެވެ. މީގެ އިތުރުން މި ބައްދަލުވުމުގައި ސްކޫލުތަކުގެ ވެރިންވަނީ އެބޭފުޅުންގެ ބައެއް ކަންބޮޑުވުންތަކާއި ޝުޢޫރުތައްވެސް ފާޅުކުރައްވާފައެވެ.

އެ ބައްދަލުވުމުގައި ބައިވެރިވި ހުރިހާ ބޭފުޅުންގެ ފަރާތުން ނައިބު ރައީސް ވަނީ މިހާރު ކަނޑައެޅިފައި އޮތް އުޞޫލުތަކާއި އެއްގޮތަށް މަސައްކަތްތައް ބައްޓަން ކޮއްދެވުމަށް އެދިވަޑައިގެންފައެވެ.