މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ހއ. ފިއްލަދޫއިން މަސްތުވާ ތަކެއްޗާއިއެކު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އެމީހާ ހައްޔަރުކުރީ ހއ. ދިއްދޫގައި މަސައްކަތްކުރާ ފުލުހުންނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

Ad
rt

ފިއްލަދޫގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި ޖޫން މަހުގެ 23 ވަނަ ދުވަހުގެ 12:35 އެހާކަންހާއިރު ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައިވަނީ 28 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ. އަދި އެމީހާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ދެ ރަބަރު ޕެކެޓާއި ދަޅެއް ފެނިފައިވާކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މި މައްސަލައިގައި ހައްޔަރުކުރެވުނު މީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ދިއްދޫ މެޖިސްޓްރޭޓް ކޯޓަށް ހާޟިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް ހަތް ދުވަހުގެެ މުއްދަތު ދީފައިވާ ކަމަށެވެ.

މި މައްސަލަ ދިއްދޫ ޕޮލިސް ސްޓޭޝަނުން ގެންދަނީ ތަހުގީގު ކުރަމުން ކަަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.

ފުލުހުން ދަނީ މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ރާއްޖޭގެ އެކި ރަށްރަށުން މަސްތުވާތަކެތި ބޭނުންކުރާ މީހުންނާއި، އޭގެ ވިޔަފާރި ކުރާ މީހުން ހޯދައި، ފުލުހުންނާއި މަތިކޮށްފައިވާ ގާނޫނީ ވާޖިބު އަދާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.