ރާއްޖޭގެ ޖަލުތަކުގައި ހުރި ޖާގަތަކަށްވުރެ 40 އިންސައްތަ އިތުރަށް ޖަލުތަކުގައި ގައިދީން އެބަތިބިކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލިސްގެ މިއަދުގެ ޖަލްސާގައި އެޖެންޑާ ކޮށްފައިވާ ހޯމް މިނިސްޓަރާއި ސުވާލު ކުރުމުގެ ވަގުތުގައި ރާއްޖޭގެ ޖަލުތަކުގެ އާބާދީ އާއި ޖަލުތަކުގެ މިހާރުގެ ހާލަތާއި ގުޅޭގޮތުން މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަޙްމަދު ހައިތަމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުން ރާއްޖޭގައި މިވަގުތު ހުރީ 4 ޖަލެއްކަމަށެވެ.
މިޖަލުތަކުގެ ޖާގައަކީ 1300 މީހުންކަމަށްވިޔަސް މި ޖަލުތަކުގައި 1800 މީހުން މިހާރުވެސް އެބަތިބިކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިއީ ޖަލުތަކުގެ ޖާގައަށް ބަލާއިރު 40 އިންސައްތަ އިތުރު އަދަދެއްކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މަސައްކަތް ކުރައްވަމުން ގެންދަވަނީ ޖަލުތަކުގެ އާބަދީ މަދުކޮށް ގައިދީންނަށް ރަނގަޅު ރިހިބިލިޓޭޝަން ޕްރޮގިރާމް ދީގެން މުޖުތަމައަށް ދޫކުރަން ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މީގެކުރިން ޖަލަށް ލެވޭ އެންމެންވެސް ބޭތިއްބެނީ އެއްކޮށްކަމަށާއި، އޭގެ ތެރޭގައި ހައްދު ފަހަނަ އަޅާފައިވާ މީހުންގެ ގޮތުތުގައި ފާހަގަކުރެވި ޖަލަށްލެވޭ މީހުންވެސް ތިބެނީ އެހެން ގައިދީންނާއިއެއްކޮށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިވަގުތު ޖަލުތަކުގެ ޖާގަ ކުޑަނަމަވެސް މިފަދަ ކުށްތަކަށް އަރައިގަނެފައިވާ މީހުން މިހާރު ބޭތިއްބިފައި ތިބީ އެހެން ގައިދީންނާއި ވަކިންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިއަދުގެ ޖަލްސާގައި މިނިސްޓަރާއި އަމާޒުވި މައިގަނޑު ސުވާލަކީ ހދ. ނޭކުރެންދޫގައި އެޅުމަށް ހަމަޖެހިފައިވާ ޖަލުގެ މަސައްކަތް ކުރިއަށް ނުގޮސް ހުއްޓިފައިވުމާއި ގުޅޭގޮތުން ނޭކުރެންދޫ ނިސްބަތްވާ، މަކުނުދޫ ދާއިރާގެ މަޖިލިސް މެންބަރު މުޙައްމަދު ރާޢީ، ކުރެއްވި ސުވާލެވެ. އެސުވާލުގެ ޖަވާބުގައި މިނިސްޓަރު ވަނީ ކޯވިޑް-19 އާއި ގުޅިގެން ނޭކުރެންދޫގައި އެޅުމަށް ހަމަޖެހިފައިވާ ޖަލުގެ މަސައްކަތް ހުއްޓިފައިވީ ނަމަވެސް، އަލުން މަސައްކަތް ފަށައި މިދައުރުގެ ތެރޭގައި އެރަށުގައި ޖަލެއް އަޅާނެކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!