ފަސްކޮށްފައިވާ ލޯކަލް ކައުންސިލް އިންތިހާބަށް ނަން ހުށަހެޅި ކެނޑިޑޭޓުންގެ ތެރެއިން ނަން އަނބުރާ ގެންދިއުމަށް ބޭނުންވާ ފަރާތްތަކަށް އެފުރުސަތު މިއަދުން ފެށިގެން ހުޅުވާލައިފި އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ނެރުނު އިއުލާނުގައި ބުނީ އޭޕްރީލް 4 ވަނަ ދުވަހު ބޭއްވުމަށް ކުރިން ނިންމި ލޯކަލް ކައުންސިލް އިންތިހާބުގައި ލޯކަލް ކައުންސިލްތަކާއި އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް ވާދަކުރުމަށް ފޯމު ހުށަހެޅި ކެނޑިޑޭޓުންގެ ތެރެއިން ނަން އަނބުރާ ނެގުމަށް ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

Ad
rt

އެގޮތުން ނަން އަނބުރާ ގެންދިއުމަށް ބޭނުންވާ ފަރާތްތަކުން ނަން އަނބުރާ ގެންދިއުމަށް އެދޭ ފޯމު ފުރިހަމަ ކުރުމަށްފަހު، ކޮމިޝަނުގެ އީމެއިލް އަށް މެއިލް ކުރުމަށް ކޮމިޝަނުން ވަނީ އެދިފައެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ޤާނޫނު 2020 ގެ 3 ވަނަ މާއްދާގެ (ށ) ދަށުން، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމުގެ ފުރުޞަތު، 2020 ޖޫން 23 ވާ އަންގާރަ ދުވަހުން ފެށިގެން ހުޅުވާލައިފީމެވެ.

އީސީއިން ނެރުނު އިޢުލާނުގައި ބުނެ ބުނެފައިވެ އެވެ.

މި ފޯމު ދިވެހި ސަރުކާރުގެ ގެޒެޓުންނާއި ކޮމިޝަނުގެ ވެބްސައިޓް (www.elections.gov.mv އިން ލިބެން ހުންނާނެއެވެ. ފޯމު ހުށަހަޅުއްވާނީ ކޮމިޝަނުގެ އީމެއިލް (info@elections.gov.mv) މެދުވެރިކޮށެވެ. އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ދުވަސްތަކުގައި ފޯމް ބަލައިގަތުން ހަމައެކަނި ހަމަޖެހިފައިވަނީ އީމެއިލް މެދުވެރިކޮށް ކަމުގައިވެސް އެއިޢުލާނުގައި ދަންނަވާފައިވެއެވެ.

އިޢުލާނުގައި ވަނީ، ކެނޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމުގެ މުއްދަތު ހަމަވުމުގެ ދިހަ ދުވަސް ކުރިން ނަން ނެގުމުގެ އެންމެ ފަހު ތާރީހު އިއުލާން ކުރާނެކަމަށެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރުމަށް ފޯމް ހުށައެޅި ކެނޑިޑޭޓުންގެ ނަން ނެގުމުމަށް އީސީން ފުރުސަތު ހުޅުވާލާފައިވާއިރު މި އަހަރުގެ އޭޕްރީލް މަހު ބޭއްވުމަށް ނިންމި އިންތިހާބު މުއްދަތެއް ނެތް ގޮތަށް ފަސްކުރީ ކޯވިޑް-19 އާ ގުޅިގެންނެވެ. ރައްޔިތުންގެ މަޖިލީހުން ވަނީ ކައުންސިލްތަކުގެ ދައުރު ދިގު ދައްމާލާ މިހާރު ތިިބި ކައުންސިލަރުން އިތުރު އިންތިހާބެއް ބޭއްވެންދެން ދެމިތިބެވޭ ގޮތަށް ޤާނޫނު އަސާސީ އަށް އިސްލާހު ގެނެސްފަ އެވެ.