ފަލަސްތީނު ރައްޔިތުންގެ ހައްޤުތައް ހިމާޔަތްކުރުމަށް މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާޙިދު ގޮވާލައްވައިފި އެވެ.
މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާޙިދު މިހެން ގޮވާލެއްވީ ފަލަސްތީނުގެ ރެފިއުޖީންނާ ބެހޭ އދގެ އެޖެންސީ، "ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވަރކްސް އެޖެންސީ ފޮރ ޕަލަސްޓައިން ރެފިއުޖީސް އިން ދަ ނިއަރ އީސްޓް" (އަންރުވާ) އަށް ފަންޑު ހޯދުމާ ބެހޭ ވަޒީރުންގެ ފެންވަރުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.
ވަރޗުއަލްކޮށް ބޭއްވި މި ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ އުރުދުންގެ ޚާރިޖީ ވަޒީރު އައިމަން ސަފާދީއާއި ސްވިޑްންގެ ޚާރިޖީ ވަޒީރު ޕީޓަރ އެރިކްސަން އެވެ. މިނިސްޓަރ ޝާހިދުގެ ވާހަކަފުޅުގައި، މީގެ 70 އަހަރު ކުރިން އުފެއްދި އަންރުވާ އިން ހޯދާފައިވާ ކުރިއެރުމަށް އަލިއަޅުއްވަލައްވައި، ފަލަސްތީނުގެ 5.5 މިލިއަން ރެފިއުޖީން އަސާސީ ބޭސްފަރުވާއަށާއި ތައުލީމަށް ބަރޯސާ ވަނީ އަންރުވާގެ އެހީއަށްކަން ފާހަގަކުރެއްވިއެވެ. އަދި އަންރުވާއަށް ފައިސާ ހޯދުމުގައި ދިމާވާ ދަތިތަކުގެ ސަބަބުން ފަލަސްތީނުގެ ރެފިއުޖީންނަށް ކުރިމަތިވާ ދަތިތަކާމެދު ކަންބޮޑުވުން ފާޅުކުރެއްވިއެވެ. އެހެންނަމަވެސް، ކޮވިޑް-19 ފަދަ އެތައް ދަތިތަކާއެކުވެސް، އެޖަމްއިއްޔާއިން ކުރަމުންދާ މަސައްކަތް ހުއްޓާނުލާ ކުރިއަށްގެންދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
Honoured to participate in the Extraordinary Virtual Ministerial Pledging Conference for @UNRWA “A strong UNRWA in a challenging world - Mobilizing Collective Action”. We must work together and support UNRWA’s efforts in providing healthcare and education for #PalestineRefugees. pic.twitter.com/L58tIxNeXh
— Abdulla Shahid (@abdulla_shahid) June 23, 2020
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޝާހިދު ވަނީ ފަލަސްތީނުގެ ރައްޔިތުންގެ އިންސާނީ ހައްޤުތަކާ ކަރާމާތް ރައްކާތެރިކުރުމަށް އަންރުވާގެ މަސައްކަތް ހުއްޓާނުލާ ކުރިއަށް ގެންދިޔުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ބައިނަލްއަޤްވާމީ މުޖްތަމައަށް ގޮވާލައްވާފައެވެ. އަދި އދގެ ޤަރާރުތަކާ ބައިނަލްއަޤްވާމީ ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ފަލަސްތީނުގެ މިނިވަން ދައުލަތެއް ޤާއިމްކުރުމަށް ދިވެހިރާއްޖެއިން އަބަދުވެސް ވަކާލާތުކުރާކަން ފާހަގަކުރައްވައި، އެކަން ތަކުރާރުކުރެއްވިއެވެ.
މިއަދުގެ ބައްދަލުވުމަކީ މިއަހަރާއި، ކުރިއަށް އޮތް 2 އަހަރު އަންރުވާއަށް ބޭނުންވާ ފަންޑާއި، ބައިނަލްއަޤްވާމީ މުޖްތަމައުން ބޭނުންވާ ސިޔާސީ މަދަދުވެރިކަން ހޯދުމަށް ބޭއްވި ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި އދގެ މެމްބަރު ބައެއް ޤައުމުތަކުން ވަނީ އަންރުވާއަށް މާލީ އެހީތެރިކަން ދިނުމަށް އެއްބަސްވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!