ވ. ރަކީދޫ އާއި ރ. ވަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ފަށައިފި އެވެ.

އެމްޓީސީސީ އިން ބުނީ ވ. ރަކީދޫ ބަނދަރުގެ މަސައްކަތް ކުރުމަށް ބޭނުންވާ ސާމާނު އެރަށަށް ގެންގޮސް މޮބިލައިޒް ވެފައިވާ ކަމަށެވެ. މި ޕްރޮޖެކްޓުގެ އީއައިއޭ ރިޕޯޓަށް ހުއްދަ ލިބުނީ މިދިޔަ ޑިސެމްބަރު 26 ގައި ކަމަށާއި ޕްރޮޖެކްޓު ހަވާލު ކުރީ 19 އޮކްޓޯބަރު 2019 ގައި ކަމަށް އެމްޓީސީީ އިން ބުންޏެވެ.

Ad
rt

މި އަހަރުގެ އޮކްޓޯބަރަށް ނިންމަން އެއްބަސްވެފައިވާ މި މަޝްރޫއަަށް 18.5 މިލިއަން ރުފިޔާ ހަރަދު ކުރެ އެވެ. މި މަޝްރޫއުގައި 156 މީޓަރު ދިގު ބޭރު ތޮށްޓަކާއި 164 މީޓަރު ދިގު އެއްގަމު ތޮށްޓެއް ލުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި 74 މީޓަރުގެ ރިވެޓްމަންޓް ޖަހާ ބަނދަރު ސަރަހައްދުގައި ޕޭމަންޓު މަގެއް ހެދުމަަށްވެސް ހަމަޖެހިފައިވެ އެވެ. މީގެ އިތުރުން މަގުބައްތި އާއި ނެރުބައްތިވެސް ހަރު ކުރެ އެވެ. އަދި މި މަޝްރޫޢުގެ ދަށުން އެރަށު ފަޅުން 5645 ކިއުބިކް މީޓަރުގެ ސަރަހައްދެއްވެސް ފުން ކުރާނެއެވެ.

2019 ވަނަ އަހަރުގެ އޯގަސްޓު މަހު ހަވާލުވި، ރ. ވަންދޫ ބަނދަރު ފުންކުރުމާއި މަރާމާތުކުރުމުގެ މަސައްކަތް ވެސް އެމްޓީސީސީއިން ވަނީ ފަށާފައެވެ. 5.99 މިލިއަން ރުފިޔާ ހޭދަވާ މި މަޝްރޫޢުގެ ދަށުން އެރަށު ބަނދަރުގައި މިހާރު ހުރި ސިމެންޓް ބޭގް ވޯލް ސްޓްރަކްޗަރާއި ބަނދަރުގެ އެއްގަމުތޮށިން ހަލާކުވެފައިވާ ތަންތަން ނަގާނެއެވެ.

އެރަށުގެ ބަނދަރުގެ 1870 ކިއުބިކް މީޓަރުގެ ސަރަޙައްދެއް ފުން ކުރުމަށް ހަމަޖެހިފައި ވާއިރު، 75 މީޓަރުގެ އެއްގަމު ތޮށްޓެއްލައި، ކުރިން ހަލާކުވެފައި ހުރި ތަންތަން ޕްރީކާސްޓް ބްލޮކްސް ބޭނުންކޮށްގެން ބެއްދުމުގެ މަސައްކަތްވެސް އެ މަޝްރޫޢުގެ ދަށުން ކުރާނެއެވެ.

އެމްޓީސީއިން މިހާރުވެސް ދަނީ ގިނަ ރަށްތަކެއްގެ ބަނދަރުގެ އަމަލީ މަސައްކަތް ކުރުމުގެ އިތުރުން، ސަރުކާރުގެ ގިނަ ތަރައްޤީގެ މަޝްރޫޢުތަކެއް ހަލުވިކަމާއި އެކު ހިންގަމުންނެވެ.