ހއ. އަތޮޅު ދޮނަކުޅީގައި ތަރައްޤީކޮށް ހިންގާ ހައިޑަވޭ ރިސޯޓު ކަރަންޓީނު ފެސިލީޓީގައި، ކަރަންޓީނުގައި ހުރި މީހަކު ނޭވަޔަށް އުނދަގޫވެ ހާލު ދެރަވެގެން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) ގައި ފަރުވާ ދެމުން އެބަދެއެވެ.

ހދ. ވައިކަރަދޫއަށް ނިސްބަތްވާ 54 އަހަރުގެ އެ އަންހެން މީހާ ކޭއާރުއެޗަށް ގެންގޮސްފައި ވަނީ އިއްޔެރޭ ގެ ވަގުތެއްގައެވެ. ވައިކަރަދޫ ކައުންސިލްގެ ރައީސް އަހުމަދު ނަސީމުވަނީ " ތިލަދުން " އެކަން ކަށަވަރު ކޮށްދީފައެވެ.

Ad
rt

ނަސީމު ވިދާޅުވީ އެމީހާއަކީ މާލެއިން ވައިކަރަދުއަށް އަންނަން ބޭނުންވާ މީހުން ދެނެގަތްއިރު، ހެދުނު ލިސްޓްގައި ހިމެނިގެން ފުރަތަމަ ބުރުގައި އައި މީހުންގެ ތެރޭގައި ހިމެނޭ މީހެއް ކަމަށާއި، އޭނާގެ ހާލު ކައުންސިލުން ބަލަމުން އަންނަ ކަމެށެވެ. މިވަގުތު ކުޅުދުއްފުށީ ހޮސްޕިޓަލުން ފަރުވާ ހޯދަމުންދާ އެމީހާގެ ހާލަތު މިހާރު ވަނީ އާންމު ހާލަތެއްގައި ކަމަށްވެސް ނަސީމު ވިދާޅުވިއެވެ.

" އެއީ މާލެއިން ވައިކަރަދުއަށް އައުމަށްޓަކައި ހެދުނު ލިސްޓްގެ ފުރަތަމަ ބުރުގެ މީހެއް. އޭނަ ގެ ހާލު ކައުންސިލުން މިއަންނަނީ ބަލަމުން، މިވަގުތު ކުޅުދުއްފުށީ ހޮސްޕިޓަލުން ފަރުވާ ހޯދަމުން ދަނީ، އޭނާގެ ހާލަތު މިވަގުތު ވަނީ އާންމު ހާލަތުގައި " ނަސީމް ވިދާޅުވިއެވެ.

މާލެއިން ދިޔަމީހުންގެ ތެރެއިން ކަނޑައެޅިފައިވާ މުއްދަތު ހަމަކުރުމަށް ހައިޑަވޭ ރިސޯޓް ކަރަންޓީން ފެސިލިޓީގައި ހުރި އަންހެނަކު ކޭއާރުއެޗަށް ގެންގޮސް ފަރުވާދެމުންދާކަމަށް އެ ހޮސްޕިޓަލާއި ހަވާލާދީ ކުޅުދުއްފުށީގެ އޮންލައިން ނޫހަގައިވެސް ވަނީ ރިޕޯޓްކޮށްފައެވެ.

ކޯވިޑް-19 އަށް ޓެސްޓްކުރުމަށް މިއަދުގެ ވަގުތެއްގައި އެ މީހާގެ ސާމްޕަލް ނެގުމަށް ހަމަޖެހިފައިވާ ކަމަށް ހޮސްޕިޓަލުން ބުނެފައިވެއެވެ.

ކޯވިޑް-19 ގެ މިހާލަތުގައި މާލެއިން ރަށްރަށަށް ދާން އެދޭ މީހުންނަށް ކަނޑައެޅިފައިވާ އުސޫލާއި އެއްގޮތަށް ސަރުކާރުން ދަނީ ފުރުޞަތު ދެމުންނެވެ. މިފުރުޞަތުގެ ދަށުން އަތޮޅުތަކުން މާލޭގައި ތާށިވި ގިނަ ބަޔަކު ދަނީ ރަށްރަށަށް ދަމުންނެވެ.