ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެއްވެސް ކަސްޓަމަރެއްގެ ކާޑުގެ މަޢުލޫމާތު ލީކުވެފައި ނުވާކަމަށް އެ ބޭންކުން ރޭ ބުނެފިއެވެ.
ބީއެމްއެލްއިން މިގޮތަށް ބުނީ އެބޭންކުގެ ކަސްޓަމަރުންތަކެއްގެ ކާޑުގެ މައުލޫމާތު "ޑާކްވެބު"ގައި ލީކުވެފައިވާ ކަމަށް ބުނެ ގިނަ ބައެއް މީސްމީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް އެ ބޭންކުން ރޭ ނެރުނު ބަޔާނެއްގައިއެވެ.
ނަމަވެސް އެބަޔާނުގައި ކާޑުތަކެއްގެ މައުލޫމާތު ހާމަވެފައިވެދާނެކަމަށް ބީއެމްއެލްގެ ކާޑު ޕާރޓްނަރަކު މިދިޔަ ބުރާސްފަތިދުވަހު އަންގާފައިވާ ކަމަށާއި، މީގެ ތެރޭގައި ބޭންކުން ދޫކޮށްފައިވާ ގާތްގަނޑަކަށް 350 ކާޑު ހިމެނޭ ކަމަށް އެ ބޭންކުން ވަނީ ބުނެފައެވެ. އަދި ބޭންކުން އެ ކާޑުތައް ބްލޮކްކޮށްފައި ވާކަމަށާއި، އައު ކާޑު ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބުނެފައިވާތީ، ބޭންކުން ލީކުނުވިޔަސް ކަސްޓަމަރުން ތަކެއްގެ ކާޑުތަކެއްގެ މަޢުލޫމާތު ލީކުވެފައިވާކަން ހާމަވެއެވެ.
އެބަޔާނުގައި ބޭންކުން ބުނެފައި ވަނީ ބޭންކް އޮފް މޯލްޑިވްސް އިން ކަސްޓަމަރުންގެ ކާޑުގެ މައުލޫމާތު އާންމުވެފައިވާކަމަށް ބޭންކަށް ފާހަގަކުރެވިފައިނުވާ ކަމަށެވެ. އެހެން ނަމަވެސް ބައެއްފަހަރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަރޗަންޓުންނާއި އަކޮމަރސް މަރޗަންޓުންގެ ފަރާތުން ކާޑުގެ މައުލޫމާތު މިފަދަ
ގޮތަކަށް އާންމުވާ ހާލަތުގައި ޑާރކް ވެބްގައި މި މައުލޫމާތުތައް ހާމަކޮށްފައި ހުންނަކަމަށް ބޭކުން އެބަޔާނުގައި ބުނެފައި ވެއެވެ.
ކާޑުގެ ރައްކާތެރިކަން ކަށަވަރުކޮށް އަދި ކާޑުގެ މައުލޫމާތު ހާމަވެދާނެފަދަ އަމަލެއް ހިނގަމުންދޭތޯ ކާޑު އެސޯސިއޭޝަންތަކާއެކު ބޭންކުން އަބަދުވެސް މޮނިޓަރކުރަމުންދާކަމަށްވެސް އެބަޔާނުގައި ވެއެވެ.
" މިގޮތުން ކާޑުތަކެއްގެ މައުލޫމާތު ހާމަވެފައިވެދާނެކަމަށް ބީއެމްއެލްގެ ކާޑު ޕާރޓްނަރއަކުން ވަނީ މިދިޔަ ބުރާސްފަތިދުވަހު މި ބޭންކަށް އަންގާފައެވެ. މީގެ ތެރޭގައި ބޭންކުން ދޫކޮށްފައިވާ ގާތްގަނޑަކަށް 350 ކާޑު ހިމެނެއެވެ. މިފަދަ ގޮތަށް ކާޑުގެ މައުލޫމާތު އާންމުވާ ހާލަތްތަކުގައި މުޅި ދުނިޔެއަށް ބަލާއިރު އެތައް މިލިއަން ކަސްޓަމަރުންނަށް މީގެ އަސަރުކުރެއެވެ. ބޭންކުން މިވަނީ މި ކާޑުތައް ބްލޮކްކޮށްފައެވެ. އަދި އައު ކާޑު ހެދުމުގެ މަސައްކަތްވެސް މިދަނީ ކުރަމުންނެވެ." އެބަޔާނުގައި ބީއެމްއެލް އިން ބުނެފައިވެއެވެ.
ބޭންކުން ބުނެފައި ވަނީ އެފަދަ ގޮތަކަށް މަރޗަންޓެއްގެ ފަރާތުން ކާޑުގެ މައުލޫމާތު ހާމަވާ ހާލަތްތަކުގައި ކަސްޓަމަރުންނަށް ފުރިހަމަ ރައްކާތެރިކަން ލިބި، އަދި މާލީ ގޮތުން އެއްވެސް ގެއްލުމެއް ނުލިބޭނެކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!