ޅ. ހިންނަވަަރަށް ނިސްބަތްވެ ވަޑައިގަންނަވާ، ހިންނަވަރު ދާއިރާގެ މަޖިލިސް މެމްބަރު ޖީހާން މަހްމޫދަށް ލ. ގަމުން ގޯއްޗެއް ލިބުނު ވާހަކަ މީޑިއާތަކުގެ ސުރުހީތަކަށް އައުމާއި އެކު ގިނަ ބަޔެއްގެ ފާޑުކިޔުން މެމްބަރު ޖީހާންއަށް އަމާޒުވެގެން ދިޔައެވެ. އަދި ފާޑުކިޔުން އިތުރަށް އަމާޒުވީ މާލޭގައި ދިރިއުޅުއްވާ މެމްބަރު ޖީހާން އަށް ލ. ގަމުގައި އުޅޭތީ ލިބޭ 10 މާރކްސް ލިބި ގޯތި ލިބުމުގެ ޝަރުތު ހަމަވީމައެވެ.
އެހެންކަމުން މިހާރު ބެލެވޭ ގޮތުގައި މެމްބަރު ޖީހާންއަށް ގަމުން ގޯތި ލިބުނީ "އޮޅިގެން"ނެވެ. ލ. ގަމު ކައުންސިލުން ގޯތި ހޯދުމަށް 1400 މީހުން ކުރިމަތިލި ލިސްޓުން ޝަރުތު ހަމަވާ 400 މީހުންގެ ތެރޭގައި މެމްބަރު ޖީހާން ހިމެނޭތީ އެކަމަށް ޚުދު ޖީހާން ވެސް ސުވާލު އުފައްދާފައިވެއެވެ.
"އަޅުގަނޑަކަށް ނުވެސް ވިސްނޭ ކީއްވެގެން ކަމެއް ގަމުގައި އުޅޭކަމަށް އަޅުގަނޑަށް ޕޮއިންޓް ލިބިފައި ވަނީ. އަޅުގަނޑެއް ނޫން ދެއްތޯ މާކްސް ދެނީ. އަޅުގަނޑަކަށް ނޭނގޭ މާކްސް ދީފަ އޮތް ގޮތެއް،" އޮންލައިން ނޫސް "ސަން" އަށް ޖީހާން ވިދާޅުވެފައި ވެއެވެ.
މީގެ އިތުރުން ޖީހާ ވިދާޅުވެފައިވަނީ ލ. ގަމުގެ ގޯއްޗަށް ކުރިމަތިލީ ދަރިންގެ މުސްތަޤުބަލަށްޓަކައެވެ. ދެ ކުދިންގެ މުސްތަގުބަލަށް ވިސްނައި، އެ ދެ ކުދީންނަށް އަމިއްލަ ބިމެއް ހޯދައިދެއްވުމުގެ މަގުސަދުގައި ކަމަށެވެ. ޖީހާން ވިދާޅުވެފައި ވަނީ ޖީހާންގެ ދެ ކުދިންގެ ރަޖިސްޓްރީ ވެސް އޮންނަނީ ގަމުގައި ކަމަށެވެ.
ޖީހާން އިތުރަށް މީޑިއާއަށް ވިދާޅުވެފައި ވަނީ މާލޭގަ ވެސް، ހިންނަވަރުގައި ވެސް، އެކަމަނާގެ ގޯއްޗެއް ނޯންނާނެ ކަމަށެވެ. އެހެންވެ ގަމުން ގޯތި ހޯދަން މަސައްކަތް ކުރެއްވީ ރަށުން ބޭރު މީހުނަށް ދޫކުރާ ކެޓަގަރީން ގޯއްޗަށް ހޯދުމަށް ކަމަށެވެ. ޖީހާން ގޯތި ހޯދުމަށް އެދި ފޯމު ހުށަހަޅުއްވާފައި ވަނީވެސް އެކަޓަގަރީއަށެވެ.
ޖީހާނަށް ލ. ގަމުން ގޯއްޗެއް ލިބުނު ގޮތާމެދު ސުވާލު އުފައްދާ ފާޑުކިޔުން އަމާޒުވެފައިވަނިކޮށް ލިބުނު ގޯތި ޖީހާން ވަނީ ދޫކޮށްލައްވާފައެވެ. ބައެއް ފަރާތްތަކުން ޖީހާންއަށް ގޯތި ލިބުނީ މެމްބަރު ކަމުގެ ނުފޫޒާއި ޕާޓީގެ ނުފޫޒުންކަމަށް ބުނަމުންދަނިކޮން ލިބުނު ގޯތި ދޫކޮށްލުމުންވެސް ބައެއް ފަރާތްތަކުން ބަލަންފެށީ އިތުރަށް ޝައްކުގެ ނަޒަރުންނެވެ.
އެހެނަސް މެމްބަރު ޖީހާން ވަނީ "އެއްވެސް ނުފޫޒެއް ނުފޯރުވާ" ކަމަށް ވިދާޅުވެފައެވެ. ޔަގީންވާ ކަމަކީ ހިންނަވަރު ދާއިރާގެ އިއްޒަތްތެރި މެމްބަރަށް ލ. ގަމުން ގޯތި ލިބިވަޑައިގަތީ ލިބެން ނުވާ 10 ޕޮއިންޓް ލިބިގެން ކަމެވެ. އެ 10 މާރކްސް އުނިކުރުމުން 61 ޕޮއިންޓް ލިބި ގޯތި ލިބޭ މީހުންގެ ލިސްޓުން އުނިވެގެންދާނެއެވެ. އެންމެ ދަށް ޕޮއިންޓް ލިބިފައިވާ މީހާއަށް ލިބިފައިވަނީ 67 މާރކްސްއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!