މާލެއާއި ވިލިގިލި އާއި މެދު ދަތުރުކުރާ ފެރީތައް އިތުރު ކުރުމަކުން ކޯވިޑް-19ގެ ހާލަތަށް އެއްވެސް ބަދަލެއް އައިސް ހާލަތު ގޯސްވެދާނެ ކަމަށް ގަބޫލުނުކުރެވޭ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮންމްޕެނީ (އެމްޓީސީސީ)ގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެެވެ.

ސަންގުޓީވީއިން ގެނެސްދޭ ޚަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ މިފަދަ ދަޑިވަޅުތަކުގައި މުހިންމީ އާންމު ފަރުދުންވެސް ފަރުދީ ޒިންމާ އަދާކުރެއްވުން ކަމަށާއި އެބޭފުޅުން މާލެއާއި ވިގިލިގިއްޔާއި ދޭތެރޭ ދުއްވާ ފެރީތައް އިތުރުކޮށްފައިވަނީ އެޗްޕީއޭގެ ލަފަޔާއި މަޝްވަރާގެ މަތިންކަމަށެވެ.

Ad
rt

މީގެ އިތުރުން އެމްޓީސީސީގެ ފަރާތުން ކުރިއަށް ގެންދާ އެއްވެސް މަޝްރޫއެއް ހުއްޓާލަން ޖެހިދާނެ ކަމަށް ގަބޫލުނުކުރެވޭ ކަމަށްވެސް އާޒިމް ވިދާޅުވިއެވެ. ސަބަބަކީ ޕްލޭނިންގެ މިނިސްޓްރީއާއި ސަރުކާރުގެ ތެރެއިންވެސް ގެންދަނީ އެބޭފުޅުންގެ މަސައްކަތްތައް ވަރަށް ކައިރިން ބަލަމުން ކަމަށާއި އެހެންކަމުން ޕްލޭނިންގެ މިނިސްޓްރީންވެސް އަދި އެފަދަ އެއްވެސް އިޝާރާތެއް ދެއްވާފައި ނުވާކަން އާޒިމް ފާހަގަކުރެއްވިއެވެ.

އާޒިމް ފާހަގަކުރެއްވި ގޮތުގައި އެމްޓީސީސީން ކުރިއަށްގެންދާ ޕްރޮޖެކެޓް ތަކަކީ ސަރުކާރު ހިންގުމުގައާއި ސަރުކާރުގެ ވައުދުތައް ފުރިހަމަ ކުރުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރަމުން ގެންދާ ކުންފުންޏެކެވެ. އެގޮތުން އެކުންފުނިން ކުރަމުން ގެންދާ ޕްރޮޖެކްޓްތައް ހުއްޓުމަކަށް ނައިސް ކާމިޔާބު ކަމާއި އެކު ކުރިޔަށް ގެންދެވެނީ ކުންފުނީގެ މުވައްޒިފުންގެ އެހީތެރިކަމާއި ހިތްވަރާއި އެކުގައިކަމަށް އާޒިމް ވިދާޅުވިއެވެ.

އަދި އެބޭފުޅުން އަބަދުވެސް ގެންދަނީ ކުންފުނީގެ މުވައްޒިފުންގެ ރައްކާތެރިކަމަށް ވިސްނާ ވަރަށް ކައިރިން ބަލަމުން ކަމަށާއި، އެގޮތުން ތިލަފުށީގައި ތިބޭ ކުންފުނީގެ މުވައްޒިފުންވެސް ވަކި ތަނެއްގައި ބައިތިއްބައިގެން ކޯވިޑް19 އަށް ޓެސްޓުކޮށްފައި ވާކަމަށާއި، އަދި އެ ހުރިހާ ފަރާތްތައް އެ ބައްޔަށް ނެގަޓިވްވެފައިވާ ކަން އޭނާ ފަޙަގަކުރެއްވިއެވެ.

ކޯވިޑް-19ގެ މި ނާޒުކު ވަގުތުގައިވެސް އެމްޓީސީސީއިން ގެންދަނީ ރާއްޖޭގެ އެކި ސަރަހައްދުގައި ޖުމްލަ 42 ޕްރޮޖެކެޓެއް ހިންގަމުންނެވެ. އެގޮތުން ފަޅު ފުން ކުރުމާއި، ބަދަރު ހެދުމާއި ފުޓްބޯޅަދަޑުތައް ހެދުންފަދަ މަސައްކަތްތައް ހިމެނެއެވެ.