ފ. ދަރަނބޫދޫ ބަނދަރު ތަރައްޤީ ކުރުމުގެ އަމަލީ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮންމްޕެނީ (އެމްޓީސީސީ)އިން ފަށައިފިއެވެ.

އެމްޓީސީސީ އިން ބުނީ އެރަށުގެ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތް އިއްޔެ ފަށާފައިވާ ކަމަށެވެ. މި މަޝްރޫޢަށް ބޭނުންވާ ސާމާނު އެރަށައް ގެންގޮސްފައިވަނީ ހުސްވި މޭމަހުގެ 27 ވަނަ ދުވަހުއެވެ.

Ad
rt

މި މަޝްރޫޢުގެ ދަށުން އެ ރަށުގައި 410 މީޓަރު ބޭރު ތޮއްޓެއް ލުމުގެ އިތުރުން 196 މީޓަރުގެ އެއްގަމު ތޮށި ލާނެއެވެ. މީގެ އިތުރުން އެރަށުގެ ފަޅުން 42،600 މީޓަރުގެ ސަރަހައްދެއް ފުންކުރާނެއެވެ.

މިމަޝްރޫޢުގައި ހިމެނޭ އިތުރު މަސައްކަތް ތަކުގެ ތެރޭގައި 2500 އަކަ މީޓަރުގެ ޕޭވްމަންޓެއް ހެދުމާއި، 4000 އަކަ މީޓަރުގެ ނެރެއް ފުންކުރުމާއި އަދި 60 މީޓަރުގެ ރިވެޓްމަންޓް ޖެހުން ހިމެނެއެވެ.

މީގެ އިތުރުން 10 މޫރިން ބުލޮކް ލުމާއި، 10 ބަނދަރު ބައްތި ހަރުކުރުމާއި، 2 ނެރުބައްތި ހަރުކުރުމަށްވެސްވަނީ ހަމަޖެހިފައެވެ.

38.2 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ 397 ދުވަހުގެ ތެރޭ ނިންމުމަށެވެ. މި މަޝްރޫޢު އެމްޓީސީސީ އާއި ހަވާލުކޮށްފައިވަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރު 10 ވަނަ ދުވަހުއެވެ.

މި މަޝްރޫޢުއާއި އެކު އެރަށުގައި މިހާރު ބޭނުންކުރާ ބަނދަރު ބޮޑުކޮށް، ބޮޑެތި އުޅަނދުފަހަރު ގާތްކުރެވޭ މިންވަރަށް ފަޅު ފުންކުރެވި، އެރަށުގެ ބަނދަރުގެ ދަތިކަން ހައްލުވެގެން ދާނެއެވެ.

އެމްޓީސީއިން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރުވެސް ތަރައްޤީގެ ބޮޑެތި ގިނަ މަޝްރޫޢުތަކެއް ހިންގަމުންނެވެ.