ކޯވިޑް-19 ގެ ސަބަބުން މާލެ ސަރަހައްދު ފުރަބަންދު ކުރުމުން މެދުކަނޑާލަން ޖެހުނު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ކަށަވަރު ޝޯރޫމްގެ ޚިދުމަތްތައް އަލުން ފަށައިފިއެވެ.

ފުރަބަންދުގެ ސަބަބުން އެމްޓީސީސީ ކަށަވަރު ޝޯރޫމްގެ ޚިދުމަތް ވަގުތީގޮތުން ކަސްޓަމަރުންނަށް މެދުކަނޑާލި ނަމަވެސް ފުރަބަންދުގެ ތެރޭގައިވެސް އެ ޝޯރޫމުން ވަނީ ޑެލިވަރީގެ ހިދުމަތް ކަސްޓަމަރުންނަށް ފޯރުކޮށްދީފައެވެ.

Ad
rt

އެ ޝޯރޫމު މި ޖޫން މަހުގެ 13 ވަނަ ދުވަހާއި ހަމައަށް ހުޅުވަން ހަމަޖައްސާފައިވާ ގަޑި ތަކަކީ ހުކުރު ދުވަސް ފިޔަވައި އެހެން ހުރިހާ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރު 1:30 އަށެވެ. މިހާރު އެ ޝޯރޫމަށް ވަދެވޭނީ ބޮޑުތަކުރުފާނު މަގުގައި ހުންނަ ސޯމިލް ގޭޓުން ކަމަށް އެމްޓީސީއިން ވަނީ ބުނެފައެވެ.

އެމްޓީސީސީ ކަށަވަރު ޝޯރޫމުގެ ޚިދުމަތް އަލުން ހުޅުވާލާއިރު ކަސްޓަމަރުންނާއި މުވައްޒަފުންގެ ރައްކާތެރި ކަމަށްޓަކައި ވަނީ ޚާއްސަ ފިޔަވަޅުތަކެއްވެސް އަޅާފައެވެ.

އެގޮތުން އެ ޝޯރޫމުގައި ކަސްޓަމަރުންނަށް އިޖުތިމާއީ ގައިދުރުކަމާއިއެކު ތިބެވޭނެ އިންތިޒާމާއި، ޚިދުމަތް ހޯދަން އަންނަ ކަސްޓަމަރުންގެ ހުންބަލާނެ އިންތިޒާމް ވެސް ވަނީ ހަމަޖައްސާފައެވެ. އަދި ޝޯރޫމުގެ އެތެރޭގައި ތިބެވޭނީ ފަހަރަކު ތިން ކަސްޓަމަރުން ކަމަށް ހަމަޖައްސައި، ހުރިހާ ކަސްޓަމަރުން ވެސް މާސްކު އަޅައިގެން ކަމަށް ތިބޭ ގޮތަށް އެމްޓީސީސީން ވަނީ ހަމަޖައްސާފައެވެ.