މިހާރު މިތިބީ ފުރަބަންދުގައެވެ. މުޅި ރާއްޖެ ފުރަބަންދުގައި އޮތަސް ބައެއް ރަށްރަށް ހާލަތު ރަނގަޅުވެފައި ހުރުމުން ކުދިކުދި ލުއިތައް ވަނީ ދީފައެވެ.
މި ހާލަތުގައި ތިބޭތާ ގާތްގަނޑަކަށް ދެމަހާ ކައިރި ވަމުން އަންނައިރު މިހާރު މިތިބީ ރަސްމީ ސިފައެއްގައި ބޭރަށް ނުކުމެވޭނެ ވަގުތަކަށް ބަލަބަލައެވެ. ގޭގައި މިހެން ތިބެ ގާވެ މުޅިމީހާ ކަންނެތް ކޮށްފިއެވެ.
މިކަމުން ވީއްލިހާ އަވަހަށް ކުރަން ޖެހިފައި ހުރި ކަންތައްތައް ގިނައެވެ. ބައެއް ކަންތައްތައް މިހާރުންސުރެ ނޯޓް ކުރާ މީހުން މަދެއްނޫނެއެވެ.
އަނެއް ބަޔަކު ކުރަން ހަމަޖެހިފައި އޮތް ސެޑިއުލްތައް ދަނީ މީސްމީޑިޔާގައި ހިޔާލުތައް ދޫކޮށްލަމުންނެއެވެ. ފުރަބަންދުން މިނިވަން ވީމަ އުފަން ރަށް ފިޔަވާ ދާނި ކޮންރަށަކަށްތޯ ސުވާލު އުފައްދާ މީހުން މަދެއް ނޫނެއެވެ.
އެއްބަޔަކު ދާން ބޭނުންވަނީ މާބޮޑަށް ތަރައްގީ ނުވާ ހަލަބޮލިކަން ކުޑަ ރަށްރަށެއެވެ. އަނެއް ބަޔަކު ބޭނުންވަނީ ރީތި ހިތްގައިމު ކުޅިތަކާއި ތުނޑިއޮތް ރަށްތަކަށެވެ.
އެކުގައި ކިޔެވި ކުލާސްމޭޓުންގެ ރަށަށް ދާން ނިންމައިގެން ތިބި މީހުން މަދެއްނޫނެއެވެ. މާމަ ރަށާއި ކާފަ ރަށަށްވެސް ދެވެން މިއޮތީ މިހާރުންސުރެ ދަތުރު ސެޑިއުލެއް ކުޑަގޮތަކަށް ރާއްވާލައިގެންނެވެ.
ކޮންމެ ގޮތެއް ހަދާފައިވެސް އުފަން ރަށް ފިޔަވާ އެހެން ރަށެއްގެ މާހައުލަށް ވެސް ދުވަސްކޮޅަކަށް ހޭނިލަން އެބަޖެހެއެވެ.
މިދުވަސްކޮޅު ގޭގައި ތިބޭއިރު ރައްޓެހިންނަށް ގުޅައިގެން ތަށެއް ކަނޑައެޅިދާނެއެވެ. ތިލަދުންމަތީގައި ވަރަށް ރީތި ހިތްގައިމު ރަށްރަށް ހުންނާނެއެވެ. މަޖާކޮށްލާ ހިތްހަމަ ޖައްސާލަން އަވަހަށް އަންނާށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!