ސުނާމީ އާއި ގްލޯބަލް ފައިނޭޝަލް ކްރައިސިސްއަށްވުރެ މިފަހަރުގެ ގެއްލުން ރާއްޖެއަށް ބޮޑުވާނެކަމުން ރާއްޖެފަދަ ޖަޒީރާ ޤައުމުތަކަށް ކޮމަންވެލްތުގެ އެހީތެރިކަން ބޭނުންވާނެކަމަށް މިނިސްޓަރ ޢަލީ ވަޙީދު ވިދާޅުވެއްޖެއެވެ.
ކޮވިޑް-19 ގެ ސަބަބުން ފަތުރުވެރިކަމާއި، ދަރަނި އަދި ކާރިސީ ހިރާސް ބެލެހެއްޓުމާއި ގުޅޭގޮތުން ގައުމުތަކުން އަޅަމުންދާ ފިޔަވަޅުތަކާއި ގުޅޭގޮތުން، ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ރިޔާސަތު ބެލެހެއްޓެވި، އަދި މާލްޓާގެ ކުރީގެ ބޮޑުވަޒީރު ބައިވެރިވެވަޑައިގެންނެވި ސެމިނަރގައި ވާހަކަދައްކަވަމުން
މިނިސްޓަރ އޮފް ޓޫރިޒަމް ޢަލީ ވަޙީދު ވަނީ ރާއްޖޭގެ އިޤްތިޞާދާއި ފަތުރުވެރިކަމަށް މި ޕެންޑެމިކްގެ ސަބަބުން ކޮށްފައިވާ އަސަރުތަކާއި ގުޅޭގޮތުންނާއި ރާއްޖޭގެ އިޤްތިޞާދު އަލުން ދިރުވުމަށް ކުރެވެމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ.
ރާއްޖޭގެ ފަތުރުވެރިކަން އަލުން ފެށުމަށް ކުރެވެމުންދާ މަސައްކަތްތައް ހިއްސާކުރެއްވުމަށް އެމިނިސްޓްރީއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގެ އިޤްތިޞާދު ފަތުރުވެރިކަމަށް ބަރޯސާވެފައިވާ މިންވަރުން މުޅި ގައުމުގެ އުފެއްދުންތެރިކަމަށް އައިސްފައިވާ ހީނަރުކަން މިނިސްޓަރ ޢަލީ ވަޙީދު ފާހަގަކުރެއްވިކަމަށާއި ދިމާވެފައިވާ މި ކާރިސާގައި ދިވެހި ރައްޔިތުންގެ ދިފާޢުގައި ރިޒޯޓު، ޓޫރިސްޓް ހޮޓެލް އަދި ޓޫރިސްޓް ގެސްޓްހައުސްތައް ހިމެނޭގޮތަށް ފަތުރުވެރިކަމުގެ އެކި ވަސީލަތްތައް ބޭނުންކުރެވެމުންދާކަމަށެވެ. އަދި، ސަރުކާރުގެ ފަރާތުން އަޅާފައިވާ ހަރުދަނާ ފިޔަވަޅުތަކާއި އެކީ، މާތް ﷲ އިރާދަފުޅާއެކު، މިބަލި ފެތުރުން ކޮންޓްރޯލްކުރެވެމުންދާތީ އާއި އިޤްތިޞާދީގޮތުން ކުރިމަތިވެފައިވާ ހީނަރުކަމުން އަރައިގަތުމަށްޓަކައި ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވާލައި ފަތުރުވެރިކަން އަލުން ފަށައިގަތުމަށް ބޭނުންވާ ރައްކާތެރިކަމުގެ އުސޫލުތައް
ފަތުރުވެރިކަމުގެ ސިނާޢަތުގެ މަސްލަހަތުވެރިންގެ ލަފަޔާއި މަޝްވަރާގެ މަތިން އެކުލަވާލުމަށް ކުރެވެމުންދާ މަސައްކަތުގެ މައްޗަށް އަލި އަޅުއްވާލެއްވިކަމަށް ބުނެފައިވެއެވެ.
Statement by Minister @ali20waheed at @commonwealthsec Virtual Seminar on the Impact of Tourism, Debt and Disaster Risk Management pic.twitter.com/QEL76UCL0h
— Ministry of Tourism (@MoTmv) May 27, 2020
ފަތުރުވެރިކަން އަލުން ފަށައިގަތުމުގެ މަސައްކަތުގައި ބޮޑެތި ގޮންޖެހުންތައް ހުރިކަން ފާހަގަކުރައްވައި މިނިސްޓަރ ޢަލީ ވަޙީދު ވަނީ ކޮމަންވެލްތު ފަދަ ބައިނަލްއަޤްވާމީ ޖަމިއްޔާތަކުގެ އެހީތެރިކަމަށް އެދިވަޑައިގެންފައެވެ. އަދި ދޭދޭ ގައުމުތަކުގެ ދޭތެރޭގައި ރައްކާތެރިކަމާއި އެކީ ދަތުރުފަތުރު ކުރެވޭނެ އުސޫލުތަކެއް އެކުލަވާލުމަށް ގޮވާލެއްވިއެވެ.
ތިމާވެށި ރައްކާތެރިކޮށް، ދިވެހި މުވައްޒަފުންނަށް އިތުރު ވަޒީފާގެ ފުރުޞަތު ހޯދުމަށް ލިބޭ ފުރުޞަތެއް މިއީ ތިމާވެށި ރައްކާތެރިކޮށް މޫސުމީ ބަދަލުތައް ހުއްޓުވުމަށް ބޭނުންވާ ސިޔާސަތުތައް ކަނޑައަޅައި ތަންފީޛުކުރުމަށް ރަނގަޅު ފުރުޞަތެއް
މިނިސްޓަރ ޢަލީ ވަޙީދު ފާހަގަކުރެއްވިއެވެ.
މިއީ، ފަތުރުވެރިކަން އަލުން ފެށުމުގެ ތެރޭގައި ދިވެހި މުވައްޒަފުންނަށް އިތުރު ވަޒީފާގެ ފުރުޞަތު ހޯދައި ދިނުމަށާއި ޖިންސުގެ ތަފާތުކުރުން ނައްތާލުމަށް ލިބިގެންދާ ފުރުޞަތެއްކަންވެސް ފާހަގަކުރެއްވިއެވެ.
މިނިސްޓަރ ޢަލީ ވަޙީދުވަނީ ކުރެވެމުންދާ މަސައްކަތުގައި ކޮމަންވެލްތުގެ ފަރާތުން ލިބެމުންދާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވައި ރައްކާތެރިކަމާއި އެކީ އަލުން ދަތުރުފަތުރު ކުރުމަކީ ދިމާވެފައި މިވާ ކާރިސާއިން އަރައިގަތުމަށް ދިވެހިރާއްޖެފަދަ ޤައުމުތަކަށް އެންމެ މުޙިއްމު ކަން ކަމުގައިވާތީ ރައްކާތެރިކަމާއެކު ދަތުރުފަތުރު ކުރުން އަލުން ފެށުމަށް ބާރުއަޅުއްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!