ދިވެހި ރާއްޖޭގައި ގުދުރަތީގޮތުން ވަނީ ސައްބީސް އަތޮޅެވެ. ރާއްޖޭގެ ޖޯގުރަފިކަލް އަތޮޅުތައް ސިޔާސީގޮތުން އެކި ޒަމާނުގައި އެކި ޢަދަދަށް ބައިކުރެވެމުން ދިޔައީ، އެޒަމާނަކާއި ގުޅޭ ގޮތުން ވެރިކަން ހިންގަން ފަސޭހަ ކުރުމުގެ ގޮތުންނެވެ. ވެރިކަން ހިންގުމުގެ ގޮތުން (އިދާރީ ގޮތުން) ބަލާއިރު އެންމެ އިހުޒަމާނުގައި ދިވެހި ރާއްޖޭގައި އޮތީ 13 އަތޮޅެވެ. އެއީ ތިލަދުންމަތި، މިލަދުންމަޑުލު، ފާދިއްޕޮޅު، މާޅޮސްމަޑުލު، މާލެ އަތޮޅު، އަރި އަތޮޅު، ފެލިދެ އަތޮޅު، މުލަކު އަތޮޅު، ނިލަންފެ އަތޮޅު، ކޮޅުމަޑުލު، ހައްދުންމަތި، ހުވަދު އަތޮޅު އަދި އައްޑު އަތޮޅެވެ. އިހަވަންދިއްޕޮޅު، މާމަކުނުދޫ އޮތީ ތިލަދުންމަތީ ގައެވެ.

ރާއްޖޭގެ އެންމެ އުތުރުގައިވާ އަތޮޅު، ތިލަދުންމަތީގެ ނަން ނެގިފައިވަނީ ތިލަދޫ ކިޔުނު ރަށުންނެވެ. ތިލަދުއަކީ ތިލަދުންމަތީގައި އިހުއޮތް ރަށެކެވެ. ނަމަވެސް މިހާރު މިރަށްވީ ދިއްދޫއާ އެކުވެ، ދިއްދޫގެ ބައެއްގެ ގޮތުގައެވެ. ތިލަދުންމަތީގެ ބައެއްގެ ގޮތުގައި އިހަވަންދިއްޕޮޅުވެސް ހިމެނިފައިވެއެވެ.

Ad
rt

ތިލަދުންމަތި ހިމެނޭ ސަރަޙައްދުގެ ބޮޑުކަމުން ރައްޔިތުންނަށް ދިމާވާ ދަތިތަކަށް ޙައްލެއް ގެނައުމުގެ ގޮތުން އިބްރާހިމް ނާޞިރުގެ ބޮޑުވަޒީރުކަމުގައި ސަރުކާރުން ތިލަދުންމަތި ދެބަޔަކަށް ބައިކުރުމަށް ނިންމެވިއެވެ. ތިލަދުންމަތި ދެބަޔަކަށް ބައިކުރެވުނީ 21 މެއި 1958 ވީ ބުދަދުވަހުގައެވެ. "ހަށަނަށަބަޅަ" އިގެ އަކުރުތަކުން ކޯޑް ހަމަޖެއްސެވީ މުޙައްމަދު އަމީނުގެ ވެރިކަމުގައެވެ. ތިލަދުންމަތި އަށް އެއިރު ކިޔަނީ ހ. އަތޮޅެވެ. އެއްބަޔަށް ކިޔަނީ ތިލަދުންމަތީ އުތުރުބުރި (ހއ. އަތޮޅު) އެވެ. އަނެއްބަޔަށް ކިޔަނީ ތިލަދުންމަތީ ދެކުނުބުރި (ހދ. އަތޮޅު) އެވެ. ހއ. އަތޮޅުގައި ވެރިކަން ކުރަނީ ދިއްދޫގައެވެ. ހދ. އަތޮޅުގައި އޭރު ވެރިކަން ކުރަނީ ނޮޅިވަރަންފަރުގައެވެ. ތިލަދުންމަތި ދެބައިކުރުމަށްފަހު ތިލަދުންމަތީ އުތުރުބުރީގެ އަތޮޅުވެރިކަމަށް އަލްމުޙްތަރަމް މުޙައްމަދު ޙަސަން އަދި ތިލަދުންމަތީ ދެކުނުބުރީގެ އަތޮޅުވެރިކަމަށް އަލްމުޙްތަރަމް ޢަލީކަލޭފާނު ކުޑަތުއްތު ހަމަޖެއްސެވިއެވެ.

ތިލަދުންމަތީ ދެކުނުބުރި ނުވަތަ ހދ. އަތޮޅުގެ ވެރިކަންކުރާ ރަށަކީ ހދ. ކުޅުދުއްފުށި ކަމަށް ސަރުކާރުން ހަމަޖެއްސުމާ ގުޅިގެން 6 މެއި 1992 ބުދަދުވަހު ހދ. އަތޮޅުގެ ވެރިކަންކުރާ ރަށް ހދ. ނޮޅިވަރަންފަރުން ހދ. ކުޅުދުއްފުށްޓަށް ބަދަލުކުރެވުނެވެ. އަތޮޅުއޮފީސް ކުޅުދުއްފުށީގައި ހުޅުވުނީ 7 މެއި 1992 ވީ ބުރާސްފަތި ދުވަހުގައެވެ. ހދ. އަތޮޅުގެ ވެރިކަންކުރާ ރަށަކީ ހދ. ކުޅުދުއްފުށި ކަމަށް ސަރުކާރުން ހަމަޖެއްސެވިއިރު ހދ. އަތޮޅުވެރިޔަކީ އަލްފާޟިލް އަޙުމަދު ސަމީރު، މ.އަސަރީއާގެ އެވެ.

އޭރު، ހދ. އަތޮޅުގައި އޮންނަނީ މުޅިއެކު 30 ރަށެވެ. މީގެ ތެރެއިން މީހުން އުޅެނީ 16 ރަށުގައެވެ. ހއ. އަތޮޅަށާއި ހދ. އަތޮޅަށް ތިލަދުންމަތި ބައިކުރެވިފައިވަނީ ބާރަށު ކަނޑުއޮޅިން ރުއްފުށީ ކަނޑުއޮޅިއަށެވެ.

ތިލަދުންމަތީ އުތުރުބުރީ އަތޮޅުއޮފީސް އުފެދުނުފަހުން އަތޮޅު ކައުންސިލް އުފެދުމާ ދެމެދު ފާއިތުވެގެންދިޔަ 62 އަހަރުގެ ތެރޭގައި 13 ބޭފުޅަކު އަތޮޅުވެރިކަން ކުރައްވާފައި ވެއެވެ. ތިލަދުންމަތީ ދެކުނުބުރީގައި 19 ބޭފުޅަކު އަތޮޅުވެރިކަން ކުރައްވާފައި ވެއެވެ.

ޤާނޫނީގޮތުން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން އުފެދި އަތޮޅުއޮފީހުގެ ނަން އަތޮޅު ކައުންސިލްގެ ނަމަށް ބަދަލުވަންދެން އަތޮޅުއޮފީސް ހިންގަމުން އައިސްފައިވަނީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާފައިވާ އަތޮޅު ވެރިޔަކު ހުންނަވައިގެންނެވެ. އަތޮޅުއޮފީހުގެ ނަން އަތޮޅު ކައުންސިލްގެ ނަމަށް ބަދަލުވީ 26 ފެބުރުއަރީ 2010 ގައެވެ.

ބޮޑުތިލަދުންމަތީ ދެބައިކުރީއްސުރެ ފެށިގެން ތިލަދުންމަތީ އުތުރުބުރީ އަތޮޅުވެރިކަން ކުރައްވާފައިވާ ބޭފުޅުން.

  1. އަލްމަރުޙޫމް މުޙައްމަދު ޙަސަން މ. އޯޝަންރީފް ކ. މާލެ
  2. އަލްމަރުޙޫމް މުޙައްމަދު ޒާހިރު ހ. ބުރެވިމާގެ ކ. މާލެ
  3. އަލްމަރުޙޫމް ސައްޔިދު ސަޢީދު މ. ފާމްދޭރިގެ ކ. މާލެ
  4. އަލްމަރުޙޫމް ޒަކަރިއްޔާ ޙުސައިން ކަލޭފާނު ( މާރަންދޫ ކަލޭފާނު ) ހއ. މާރަންދޫ ނޫރަލީގެ
  5. އަލްމަރުޙޫމް އާދަމް ޢަބްދުއްރަޙުމާން ( ވަށަފަރު އާދަމް ކަލޭފާނު ) ގ. ވަށަފަރު
  6. އަލްމަރުޙޫމް އިބްރާހީމް ރަޝީދު ގ. ވައިޖެހޭގެ ކ. މާލެ
  7. އަލްފާޟިލް އިސްމާޢީލް ރަޝީދު ހ. އިރުވައި ކ. މާލެ
  8. އަލްފާޟިލް އާދަމް ޢަބްދުއްރަޙްމާން ހއ. އުތީމު އަލިމަސްގެ
  9. އަލްމަރުޙޫމް ޙަސަން މުޙައްމަދު މއ. ވައިލެޓްމާގެ ކ. މާލެ
  10. އަލްމަރުޙޫމް މުޙައްމަދު މޫސާ އަލިމަސްގެ ހއ. ދިއްދޫ
  11. އަލްފާޟިލް އަޙުމަދު ޢަލިދީދީ މއ. ރޯޒްބާން ކ. މާލެ
  12. އަލްއުސްތާޛު އަޙުމަދު ސާވީ ހ. ބްލޫވެއިޓް ކ. މާލެ
  13. އަލްފާޟިލް މުޙައްމަދު ރަޝީދު ލ. މާބައިދޫ އާޝިރުވާދު

ބޮޑުތިލަދުންމަތީ ދެބައިކުރީއްސުރެ ފެށިގެން ތިލަދުންމަތީ ދެކުނުބުރީ އަތޮޅުވެރިކަން ކުރައްވާފައިވާ ބޭފުޅުން.

  1. އަލްމަރްހޫމް ޢަލީކަލޭފާނު ކުޑަތުއްތު
  2. އަލްމަރްހޫމް ދޮންޙުސައިން ކުޑަތުއްތު - ހ.ވައިޖެހޭގެ
  3. އަލްފާޟިލް އިސްމާޢީލް ނަޞީރު - މއ. ބޯގަންވިލާ
  4. އަލްމަރްހޫމް މަލަން ދޮންތުއްތު - ގ.މަންޒަރުގެ
  5. އަލްފާޟިލް މަނާގޭ ސަޢީދު - މއ. މަނާގެ
  6. އަލްމަރްހޫމް ޢަލީ ސުލައިމާން - ގުލްފާމުގެ، ހދ. ވައިކަރަދޫ
  7. އަލްމަރްހޫމް ޙުސައިން ޢަލީ – ހިތްފަސޭހަގެ، ހދ. ކުމުންދޫ
  8. އަލްމަރްހޫމް މުޙައްމަދު ރަޝީދު - ހ. ތިޔަރަ
  9. އަލްމަރްހޫމް ކުޑައިބްރާހީމް މަނިކު ދޮންމަނިކު - މ.ސަންބީމް
  10. އަލްފާޟިލް ކދ. އަޙްމަދު މަނިކު - ހ.ޝޭޑީގްރޯވް
  11. އަލްމަރްހޫމް ޢަބްދުﷲ މުފީދު - މއ.ރަބީޢުގެ
  12. އަލްފާޟިލް ޢަލީ ކަލޭފާނު – ހުވަނދުމާގެ، ހދ.ނޮޅިވަރަން
  13. އަލްފާޟިލް އަޙުމަދު ސަމީރު - މ.އަސަރީއާގެ
  14. އަލްފާޟިލް ޢަބްދުﷲ ރަފީޤު - ސީނާ، ގދ.ވާދޫ
  15. އަލްފާޟިލް އަޙްމަދު ނާޞިރު - ހ.ވެލާނާގެ
  16. އަލްފާޟިލް އިބްރާހީމް މަނިކު ދޮންމަނިކު - އައްސޭރި، ތ.ގުރައިދޫ
  17. އަލްފާޟިލް އަޙްމަދު ރަޝީދު - ގ.ނިޔަމި
  18. އަލްފާޟިލް ޢަބްދުލްޙަމީދު މުޙައްމަދު - ފޭރުމާގެ، ހއ.މޮޅަދޫ
  19. އަލްފާޟިލް މުޙައްމަދު ދީދީ - މ.ނިޔަނދުރުގެ

މަޢުލޫމާތުނެގީ: ހއ. އަތޮޅު ކައުންސިލް

ހދ. އަތޮޅު ކައުންސިލް