ރާއްޖޭގައި އަމަލުކުރަމުންދާ "ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނު"ގެ ދަށުން ގާނޫނީ ވަކީލުކަމުގެ ހުއްދަ ދޫކުރެވޭ ޝަރުތުތަކުގެ ތެރޭގައި ހިމެނޭ، ގާނޫނީ ހިދުމަތްދޭ ތަނެއްގައި އެއްއަހަރު ދުވަހުގެ ތަމްރީނު ފުރިހަމަކުރުމާއި، ބާ އިމްތިހާނު ފުރިހަމަކުރުމަށް އަމަލުކުރުން ފަސްކުރަން، އެ ގާނޫނަށް ރައްޔިިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް އިސްލާހެއް ހުށަހަޅައިފިއެވެ.
ނާޒިމް މިއަދު ވިދާޅުވީ ކޯވިޑް-19 ބަލިމަޑުކަމާއި ގުޅިގެން ގާނޫނީ ވަކީލުކަމުގެ ހުއްދަ ހޯދަން ދަތިވެ ހުއްދަ ނުލިބުމުގެ ސަބަބުން އާމްދަނީ ހޯދުމަށް ގޮންޖެހުން ކުރިމަތިވެފައިވާ މީހުނަށް ހައްލު ހޯދައިދިނުމަށްޓަކައި އެ ގާނޫނަށް އިސްލާހު ހުށައަޅާފައިވާ ކަމަށެވެ.
" ކޯވިޑް -19 ބައްޔާއި ގުޅިގެން ގާނޫނީ ވަކީލުކަމުގެ ހުއްދަ ހޯދުމަށް ދަތިވެ ހުއްދަ ނުލިބުމުގެ ސަބަބުން އާމްދަނީ ހޯދުމަށް ގޮންޖެހުން ކުރިމަތިވެފައިވާ މީހުންނަށް އެކަމުގެ ހައްލު ހޯދައިދިނުމަށްޓަކައި، ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނަށް އިސްލާހެއް އަޅުގަނޑު ހުށަހަޅައިފިން. " މުޙައްމަދު ނާޒިމް، ރައްޔިތުންގެ މަޖިލިސްގެ ދަނގެތީ ދާއިރާގެ މެމްބަރު
އެ އިސްލާހު ހުށަހަޅުއްވާ ސަބަބެއްގެ ގޮތުގައި ނާޒިމް ވިދާޅުވެފައި ވަނީ ކޯވިޑް-19 އާ ހެދި ރާއްޖޭގެ ފަރުދުންނާއި މުއައްސަސާތަކުގެ މަސައްކަތް ލަސްވެ، އަމިއްލަ ގިނަ މަސައްކަތްތައް މުޅިން ހުއްޓުމަަކަށް އައިސްފައިވާ ކަމަށާއި އެހެންވެ، ގާނޫނީ ވަކީލުކަން ކިޔަވާ ނިންމާ ދަރިވަރުން ހަދަން ޖެހޭ އެއް އަހަރު ދުވަހުގެ ތަމްރީނަށް މިހާލަތުގައި ހުރަސްއެޅިފައިވާ ކަމަށެވެ.
ތަމްރީނު ނިންމުމަށް ފަހު ހަދަން ޖެހޭ އިމްތިހާނަކީ އެެމެރިކާގެ ނެޝަނަލް ސެންޓާ ފޯ ބާ އެގްޒެމިނާސް (އެންސީބީއީ)އާ ގުޅިގެން ބާއްވާ އިމްތިހާނެއް ކަމުން، މިހާލަތުގައި އެ އިމްތިހާނު ބާއްވަން ބޮޑެތި ދަތިތަކެއް އެބަހުރި ކަމަށް ބާ ކައުންސިލުން ބުނެފައިވާ ކަމަށް ވެސް ނާޒިމްގެ ހުށަހެޅުއްވުމުގައި ވިދާޅުވެފައި ވެ އެވެ.
ނާޒިމް އިސްލާހު ހުށަހެޅުއްވީ ގާނޫނީ ހިދުމަތްދޭ ތަނެއްގައި އެއްއަހަރު ދުުވަހުގެ ތަމްރީން ފުރިހަމަކުރުމާއި ބާ އިމްތިހާނު ފުރިހަމަކުރުން، މި ދެޝަރުތައް އަމަލުކުރުން 1 ޖެނުއަރީ 2021 ހަމަޔަށް ފަސްކުރުމަށެވެ.
އިސްލާހުގައި ގާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލް ކުރުމަށް ފަހު ހިމެނޭ، ގާނޫނީ ހިދުމަތްދޭ ތަނެއްގައި އެއްއަހަރު ދުުވަހުގެ ތަމްރީން ފުރިހަމަ ކުރުމާއި ބާ އިމްތިހާނު ފުރިހަމަކުރެވިފައި ނުވާތީ 300 ވުރެ ގިނަ ވަކީލުންނަށް އާމްދަނީ ހޯދުމަށް މަސައްކަތް ފެށިފައިނުވާ ކަމަށް ބުނެފައި ވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!