ކޯވިޑް-19 ފެތުރެމުން ދާ މި ދަނޑިވަޅުގައި ކޮންމެ ރައްޔިތަކުވެސް ފަރުދީ ޒިންމާ ނަންގަވައި، ރައްކާތެރިކަމަށް އިސްކަންދީ، ގޭގައި މަޑުކޮށްދިނުމަށް ހދ. މަކުނުދޫ ކައުންސިލުން އިލްތިމާސް ކޮށްފިއެވެ.

މަކުނުދޫ ކައުންސިލުން އާންމުކޮށްފައިވާ ދެންނެވުމެއްގައި ބުނެފައި ވަނީ މިދުވަސްވަރު އެއްވެސް ބޭނުމެއްނެތި ގެއިން ބޭރަށް ނިކުތުމާއި، ސައިކަލުގައި ފިނިބުރުޖެހުމާއި، މައިޒާންތަކަށް އެއްވުން އިތުރުވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

Ad
rt

" ކޯވިޑް -19 ރޯގާ އާއި ގުޅިގެން އާއްމު ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަމަށްޓަކައި ސަރުކާރުގެ ކަމާބެހޭ
ފަރާތްތަކުން ދަނީ ގިނަގުނަ މަސައްކަތް ތަކެއް ކުރަމުންނެވެ. އެގޮތުން މިހާރު ރޯގާގެ ނުރައްކާ މުޅި ރާއްޖެއަށް ފެތުރެމުންދާތީ ހުރިހާ އެންމެންވެސް ފޭސް މާސްކު އަޅައިގެން އުޅުމަށާއި، ކޮންމެހެން ބޭރަށް ނިކުންނަންޖެހިގެން ނޫނީ ބޭރަށް ނުނިކުތުމަށް އެޗްޕީއޭ އިން ވަނީ އިރުޝާދު ދެއްވާފައެވެ." މަކުނުދޫ ކައުންސިލުން ބުނެފައިވެއެވެ.

އެކައުން ސިލުން ބުނެފައި ވަނީ އެއްވެސް ބޭނުމެއްނެތި ގެއިން ބޭރަށް ނިކުތުމާއި، ސައިކަލުގައި ފިނިބުރުޖެހުމާއި، މައިޒާންތަކަށް އެއްވުން އިތުރުވެފައިވާކަން ފާހަގަކުރެވިފައިވާތީ، މުޅި މުޖުތަޢަށް ދިމާވެދާނެ ބޮޑު ނުރައްކަލަކުން ސަލާމަތްވުމަށްޓަކައި ހަމަ ކޮންމެ ބޭފުޅަކުވެސް ފަރުދީ ޒިންމާ ނަންގަވައި، އެޅިފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ކަމޭ ހިތައި ބޯލެނބުމަށް އިލްތިމާސްކުރާ ކަމަށެވެ.

ދިމާވެދާނެ ޙަލަތަކަށް ވިސްނައި، ދަނޑުވެރިކަން އާލާކުރުމަށްޓަކައި ދޫކުރެވިފައިވާ ދަނޑުބިން ތަކުގައިވެސް، ވީހާވެސް މަދު ޢަދަދެއްގެ މީހުން މަސައްކަތުގައި ޝާމިލްކުރުމަކީ އިޖުތިމާޢީ ގައިދުރުކަމަށް އެޅޭނެ ވަރަށްބޮޑު ބާރެއް ކަމަށާއި، އަދި ކުޑަކުދިން ދަނޑުބިންތަކަށް ނުގެންދިއުމަށްވެސް އިލްތިމާސްކުރާ ކަމަށް މަކުނު ދޫ ކައުންސިލުން ވަނީ ބުނެފައެވެ.

މަކުނުދޫ ކައުންސިލާއި އެރަށު ސިއްހީ މަރުކަޒާއި، އަދި އެރަށު ކޯވިޑް-19 ޓާސްކު ފޯހުން ވަނީ ކޯވިޑް-19 އާއި ގުޅިގެން އެރަށުގައި ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.

ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 982 އަށް އަރާފައިވާއިރު، ރާއްޖޭގެ އުތުރުންވެސް މިބަލި ވަނީ ފެނިފައެވެ. އެގޮތުން ހއ. އުލިގަމުން މިބަލި ޖެހުނު މީހާ މިހާރު ރަނގަޅު ވެފައިވާއިރު، ހއ. ތަކަންދޫއިން 3 މީހަކަށް، ށ. ނަރުދޫން 11 މީހަކަށް އަދި ށ. މިލަންދޫއިން އެކަކަށް މިބަލި ވަނީ ޖެހިފައެވެ. އޭގެ އިތުރުން ނ. މަނަދޫ މީހަކަށްވެސް މިބަލި ވަނީ ޖެހިފައެވެ.