"ތިމަން ވިޔަފާރި ކުރައްވާއިރު ބޭންކުން ލޯނު ނުނަންގަވަމެވެ. ވިޔަފާރީގައި ރިބާ ނުހިމަނުއްވަމެވެ."

މަތީގައި އެވަނީ 1970 ގެ ކުރީކޮޅު ރާއްޖޭގައި ކުންފުނި އުފެއްދުމުގެ ހުއްދަ އެންމެ ފުރަތަމަ ފަހަރަށް ސަރުކާރުން ދިންއިރު ހުއްދަ ދެއްވި 5 ފަރާތުގެ ތެރޭގައި ހިމެނި ވަޑައިގަންނަވާ ނިޝާން ކަލާފާނުގެ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ (ނ.ކ.ޝ.ޢ) މަރޮށީ ޙުސައިން ޢަބްދުﷲ ނުވަތަ މަރޮށީ ޙުސައިން ކަލޭފާނުގެ ބަސްކޮޅެކެވެ.

Ad
rt

މަރޮށީ ޙުސައިން ކަލޭފާނު އާމްދަނީ ހޯއްދަވަން ފުރަތަމަ ކުރައްވަމުން ގެންދެވި އެއް މަސައްކަތަކީ ރޯމަސް ގަނެ ބޮޑު ސްޓޯރަށް ވިއްކެވުމެވެ. މީގެ 48 އަހަރު ކުރިން އުފެއްދެވި އެމްއެޗްއޭއަކީ މިހާރު ރާއްޖޭގެ އެންމެ ވަރުގަދަ އެއް ވިޔަފާރި ކުންފުންޏެވެ. އެމްއެޗްއޭއަކީ ރާއްޖޭގެ ވިޔަފާރީގެ ބާޒާރުގައި މިހާރު އެންމެ ވަރުގަދަ އެއް ނަމެވެ. އެއް ތަނބެވެ. ރާއްޖެ އަށް އެންމެ ގިނަ އަދަދަކަށް ވިޔަފާރި މުދާ އިމްޕޯޓް ކުރާ އެއް ތަނަކީ ވެސް އެމްއެޗްއޭ އެވެ.

މިކާމިޔާބު ވިޔަފާރީގެ ސިއްރަކީ ކޮބައިބާއެވެ. ސިޔާސަތަކީ ކޮބައިބާއެވެ؟ދަރަންޏެއް ނުބޭއްވުމާއި މަކަރު ނުހެދުމެވެ. މިއީ މިޒަމާނުގައި ވަރަށް މަދުން ނޫނީ ނުފެންނަ ދެސިފައެވެ. މިކަމަށް ބާރުލިބޭ ވާހަކައެއް ހިއްސާކޮށްލާނަމެވެ.

ކުރީގެ އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒް ހުސައިންގެ ފޭސްބުކްގައި ލިއުއްވި "އިބުރަތްތެރި ވާހަކަކޮޅެއް." މި ސުރުހީގެ ގެ ދަށުން ލިއުއްވި ލިއުންކޮޅެ ކެވެ.

"ވަރަށްފަހުގެ ވާހަކައެކެވެ. އެއްދުވަހަކު ހުސައިންބެ (އާއްމުކޮށްކިޔާއުޅޭގޮތް) ވިދާޅުވެގެން ދިޔައީމެވެ. އޭރު އުޅުއްވަނީ އާލާސްކަންފުޅާއެވެ. ވެއްދެވީ ކޮޑަރިކޮޅަށެވެ. އަރިހުގައި ޝެއިޚު އުސްމާނު އިންނެވިއެވެ. ބައެއްކަންކަމުގައި މަޝްވަރާކޮށްލައްވަން ބޭނުންފުޅުވެގެންނެވެ.
ހުސެންބެ ވިދާޅުވިއެވެ،

ފާއިޒުއެ.... ތިމަން ވިޔަފާރި ކުރައްވާއިރު ބޭންކުން ލޯނު ނުނަންގަވަމެވެ. ވިޔަފާރީގައި ރިބާ ނުހިމަނުއްވަމެވެ.

سبحان اللہ މިއަދު ހުސެންބެ ދުނިޔެއަކުނެތެވެ. ވިޔަފާރީގައި ބަރަކާތް ލައްވައިފިއެވެ. އެފަދަ ވިޔަފާރިވެރިން މަދުވާނެއެވެ."

އަޙްމަދު ފާއިޒް ހުސައިން ލިޔުއްވާފައިވެއެވެ.

ހަޤީގަތުގައިވެސް މިއީ އިބުރަތްތެރި ވާހަކަކޮޅެކެވެ. މިއަދުގެ ޒުވާނުން ވިސްނާ ފިކުރު ހިންގާލަންވީ ކަމެކެވެ. ވިޔަފާރީގައި ދެކޮޅު ނުޖެހިގެން އުޅޭ މީހުން ކޮންމެހެންވެސް ދަސްކުރަންޖެހޭ ފިލާވަޅެކެވެ.