މޯލްޑިވިއަންގެ 2 ފްލައިޓެއްގައި 234 ދިވެހިން މާދަމާ އިންޑިއާއިން ރާއްޖެއަށް އަންނާނެކަމަށް ފޮރިން މިނިސްޓްރީއިން ބުނެފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ ދިވެހިން ގެންނަނީ 16 ސިޓީއަކުން ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ޕަންޖާބް، ކަލްކަތާ، ގުރްގުއާން، ރިޝިކޭޝް، ދިއްލީ، ވެއްލޫރު، ޗެންނާނީ، ޓްރިވެންޑްރަމް، ކޮޗިން، ބެންގަލޯރ، ޕޫނޭ، ގޯއާ، ޖަމްނާގަރް، އެޒިމާލާ، ވެލިންޓަން އަދި ޕަޗްމާރީއެވެ.

Ad
rt

މޯލްޑިވިއަންގެ އެއަރބަސް މަތިންދާބޯޓު ދަތުރުކުރާނީ މާލެ – ދިއްލީ – ޓްރިވެންޑްރަމް – މާލެ ރޫޓުންނެވެ. މި ފްލައިޓް ހުޅުލެއަށް ޖައްސާނީ މެންދުރުފަހު 2:00 ގައިކަމަށާއި ޑޭޝް މަތިންދާބޯޓު ދަތުރުކުރާނީ މާލެ – ޓްރިވެންޑްރަމް – މާލެ ރޫޓުންނެވެ. މި ފްލައިޓް ހުޅުލެއަށް ޖައްސާނީ މެންދުރު ފަހު 1:10 ގައިކަމަށް އެފަރާތުން މަޢުލޫމާތުދެއެވެ.

މި ފްލައިޓްގައި ބޭސްފަރުވާއަށް އިންޑިއާއަށް ގޮސް ފްލައިޓް ކެންސަލްވި ފަރާތްތަކާ، ބޮޑެތި ބަލިތަކަށް ފަރުވާކުރުމަށް އިންޑިއާއަށް ދަތުރުކޮށް، ލޮކްޑައުންގެ ސަބަބުން ފަރުވާ ހުއްޓިފައިވާ ފަރާތްތަކާއި، ރިޕަޓްރިއޭޝަން ފްލައިޓްތަކުގައި އައުމަށް އެއަރޕޯޓްތަކަށް ދިޔުމަށް ދަތި ދުރު ހިސާބުތަކުގައި ތިބި ދިވެހިންނާއި، ކުރު މުއްދަތުގެ ވިސާގައި އިންޑިއާގައި ތިބި ދިވެހިން އަންނާނެއެވެ. ފްލައިޓުން ދަތުރުކުރާ ދުރު ހިސާބުތަކުގައި ދިރިއުޅޭ މީހުން މިހާރު ދަނީ ދިއްލީ އަދި ޓްރިވެންޑްރަމަށް ދިޔުމަށް ދަތުރުކުރަމުންނެވެ.

މި ފްލައިޓްގައި އަންނަ އެންމެންވެސް 14 ދުވަހުގެ މުއްދަތަށް ކަރަންޓީން ކުރެވޭނެކަމަށާއި ކުރިއަށް އޮތްތަނުގައިވެސް މިފަދަ ފްލައިޓްތައް ބޭއްވުމަށް ދަނީ މަސައްކަތްކުރަމުންކަމަށް އެފަރާތުން ހާމަކުރެއެވެ.