މިދިޔަ ބުރާސްފަތި ދުވަހު ރޭ ހދ. ހަނިމާދޫއަށް ކުރި ވިއްސާރާގައި އެރަށަށް ހޮނު އަޅައި، އެ ރަށުގެ ގޭ ބިސީތަކުގެ ބައެއް ތަކެއްޗަށް ބޮޑެތި ގެއްލުން ތަކެއް ލިބިއްޖެއެވެ.

ހަނިމާދޫއަށް ކުރި ވިއްސާރާގައި މެއި 7 ވަނަ ދުވަހުގެ ރޭ 11:00 އިން އެރޭ 1:00 އާއި ދެމެދު ވަނީ ވަރަށް ބާރަށް ގުރުމާއި، އެކު އެރަށަށް ވިއްސާރަ ކޮށްފައެވެ. ހޮނު އަޅާފައި ވަނީ އެރަށުގެ މީހުން ދިރި އުޅޭ އާބާދީގެ މެދެއްހާ ހިސާބެއްގައި ހުންނަ ގެއެއްގެ ގޯތި ތެރޭގައި ހުރި ރުކަކަށެވެ.

Ad
rt

ހޮނު އެޅުމުގެ ސަބަބުން އެއްވެސް މީހަކަށް އަނިޔާ ވެފައި ނުވެއެވެ. ހޮނު އެޅި ރުއް ހުރި ގޭގައި ދިރި އުޅެމުން ދަނީ އެރަށު ސްކޫލްގައި މަސައްކަތްކުރާ ބިދޭސީ ޓީޗަރުންނެވެ.

ހަނިމާދޫއަށް ކުރި ވިއްސާރާގައި އެރަށުގެ ބައެއް ގޭގޭގެ ކަރަންޓް މައި ކޭބަލް އެއްކޮށް އަނދާފައިވާ ކަމަށް އެރަށުން ވާހަކަ ދެއްކި މީހުން ބުންޏެވެ. އަދި ބައެއް ގޭގޭގެ އޭސީތަކާއި، ފަންކާ ތަކާއި، ލައިޓްތަކުގެ އިތުރުން ޓީވީ އާއި ޑީކޯޑަރތައް ވެސް ވަނީ އަނދާ ބޭނުން ނުކުރެވޭ ވަރުވެފައިކަމުގައި އެ މީހުން މައުލޫމާތު ދިނެވެ.

ކޯވިޑް-19 ގެ މި ހާލަތުގައި މާލީ ބޮޑެތި ގޮންޖެހުން ތަކެއް ކުރިމަތި ވެފައި ވަނިކޮށް މިލިބުނު ގެއްލުން ތަކަކީ އަމިއްލައަށް ފޫބަށްދަން އުނދަގޫ ގެއްލުން ތަކެއް. ގޭގެ ކަރަންޓް މައި ކޭބަލް އެ އޮތީ އެއްކޮށް އަނދާފައި، ރަށުން ކޭބަލް ނުވެސް ލިބުނު

އެ ރަށުން ވާހަކަ ދެއްކި މުޙައްމަދު ޙުސައިން ބުންޏެވެ.

އެރަށުން ވާހަކަ ދެއްކި އިތުރު މީހުން ބުނި ގޮތުގައި ކޯވިޑްގެ ދަތިތަކާއި، އަދި ރޯދަމަހާއިވެސް ދިމާވެފައި ވަނިކޮށް ގޭގެ އޭސީ، ޓީވީ ފަދަ އަގު ބޮޑެތި ތަކެތި އެނދުމުން އެ ތަކެތި ހޯދުމަކީ މިވަގުތަށް އަމިއްލައަށް ކުރަން ދަތިވެފައިވާ ކަމެއް ކަމަށެވެ.

ބުރާސްފަތި ދުވަހުގެ ރޭ އެރަށަށް ކުރި ވިއްސާރާގައި އެރަށުގައި އަމިއްލަ ބަޔަކު ދެމުންދާ އިންޓަރނެޓްގެ ޚިދުމަތް "ސެޓްލިންކް"ގެ ޚިދުމަތްވެސް މެދު ކެނޑިފައިވާއިރު، އެރަށުގައި ދޭ މީޑިއާނެޓްގެ ޚިދުމަތަށްވެސް ބުރޫއަރައި އަދިވެސް މައްސަލަ އެއްކޮށް ހައްލު ކުރެވިފައި ނުވާ ކަމަށް އެރަށުން ވާހަކަ ދެއްކި މީހުން ބުންޏެވެ.

މިކަމާއި ގުޅިގެން ހަނިމާދޫ ކައުންސިލްގެ ރައީސް އަބުދުއް ސަލާމް ޢަލީ ވިދާޅުވީ ބުރާސްފަތި ދުވަހުގެރޭ ހަނިމާދޫއަށް ކުރި ވިއްސާރާގައި އެރަށުގެ ބައެއް ގެތަކުގެ ބައެއް ސާމާނަށް ބޮޑެތި ގެއްލުންތައް ލިބިފައިވާ ކަމަށެވެ.

" ބައެއް ގޭގޭގެ ބައެއް ތަކެއްޗަށް ބޮޑެތި ގެއްލުން ލިބުނު، އަޅުގަނޑުމެން މިދަނީ އެ ގެއްލުންތައް ދެނެގަނެ ސަރުކާރުގެ ކަމާއި ބެހޭ އިދާރާތަކަށް އެ މައުލޫމާތު ފޯރުކޮށް ދިނުމަށް ކުރަން ޖެހޭ މަސައްކަތް ކުރަމުން " ސަލާމް ވިދާޅުވިއެވެ.

ސަލާމް ވިދާޅުވީ އެރަށުގެ ރައްޔިތުންނަށް މި ދަތި ދަނޑިވަޅުގައި މިލިބުނީ ބޮޑެތި ގެއްލުން ތަކެއް ކަމަށެވެ. މިސާލެއްގެ ގޮތުން ސަލާމް ވިދާޅުވީ އެއް ގެއަކުން 3 ޓީވީ ވެސް އަނދާފައި އެބަ ހުރިކަމަށެވެ. މިވިއްސާރާގައި ލިބުނު ގެއްލުމުމުގެ ތަފްޞީލް ވިހާވެސް އަވަހަކަށް ސަރުކާރަށް ހުށަހަޅުއްވަން މަސައްކަތް ކުރަށްވާނެ ކަމަށާއި، މިވިއްސާރާގައި ކައުންސިލްގެ އިންޓަނެޓްގެ ޚިދުމަތަށްވެސް ބުރޫ އަރާފައިވުމުން މި ދަނޑިވަޅުގައި ކައުންސިލާއި، އެ ރަށު ކޯވިޑް-19 ޓާސްކު ފޯހުގެ މަސައްކަތް ތަކަށްވެސް ދަތިކަން ކުރިމަތި ވެފައިވާ ކަމަށް ސަލާމް ވިދާޅުވިއެވެ. ނަމަވެސް ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ކުރަން ޖެހޭ މަސައްކަތް ކުރަށްވާނެ ކަމަށް ސަލާމް ވިދާޅުވިއެވެ.

ހަނިމާދޫ ކައުންސިލްގައި ބޭނުން ކުރަނީ އެރަށުގައި އިންޓަރނެޓް ޚިދުމަތް ފޯރުކޮށްދޭ "ސެޓްލިންކް" ގެ ޚިދުމަތެވެ. އެ ޚިދުމަތަށް ވިއްސާރާގައި ލިބުނު ގެއްލުން އެއްކޮށް ރަނގަޅު ކުރަން ހަފުތާއެއް ވަރު ހޭދަ ވެދާނެ ކަމަށް ސެޓްލިންކުން ލަފާ ކުރަށްވައެވެ.

ހދ. ހަނިމާދޫއަށް ގަދަ ވިއްސާރަކޮށް ހޮނު އަޅާފައިވާ އިރު މޫސުމާއިބެހޭ ގައުމީ އިދާރާއިން ވަނީ މި ދިޔަ ބުރާސްފަތި ދުވަހުގެ ރޭ 40 މޭލަށް ވައިގަދަވާނެކަމަށް ލަފާކޮށް ހއ އަތޮޅުން ކ އަތޮޅަށް ވައިޓް އެލާޓް ނެރެފައެވެ.