ދިވެހިރާއްޖޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ބަލިމަޑުކަން ށ.އަތޮޅުގެ ބައެއް ރަށްރަށުގައި ފެތުރެން ފެށުމާ ގުޅިގެން މި ވަބާއިން ރައްކާތެރިވުމަށް ރަށްރަށުގައި ޤާއިމުކުރެވިފައިވާ އެމަޖެންސީ އޮޕަރޭޓިންގ ސެންޓަރުތަކާއި، ސޯޝަލް ސަޕޯޓް ޑެސްކުތަކުން ކުރަމުންދާ މަސައްކަތްތަކަށް އެހީތެރިވެ، ބާރުވެރިކުރުމުގެ ގޮތުން ށ. އަތޮޅުކައުންސިލުން ކޮވިޑް 19 ވިޔަވަތި އިމަރޖެންސީ ފަންޑެއް އުފެއްދުމަށް ނިންމައިފިއެވެ.

2020 މެއި 2ވަނަ ދުވަހުގެ މެންދުރުފަހު 1:00ގައި ކޮންފަރެންސްކޮށް ބޭއްވުނު އެ ކައުންސިލްގެ ތިންވަނަ ދައުރުގެ 146ވަނަ ޢާއްމު ޖަލްސާގައި މި ފަންޑު ހުޅުވުމަށް ފާސްކުރެވިފައިވަނީ ކައުންސިލްގެ އިއްތިފާޤުންނެވެ. މި ޖަލްސާގައި މި ފަންޑުން ޚަރަދު ކުރެވޭނެ ގޮތުގެ އުޞޫލެއް އެކުލަވާލާފައިވާއިރު މި ފަންޑަށް 250,000.00 (ދެލައްކަ ފަންސާސްހާސް) ރުފިޔާގެ ބަޖެޓެއް ވަނީ ކަނޑައަޅުއްވާފައެވެ.

Ad
rt

ތިލަދުންއަށް މަޢުލޫމާތު ހިއްސާކުރަމުން އެކައުންސިލުން ބުނެފައިވަނީ މިފަންޑުގެ ދަށުން -/39200 ރުފިޔާގެ މާސްކާއި އަންގި އަދި ސެނެޓައިޒަރ ގަތުމަށް އެކައުންސިލުން ވަނީ ނިންމާފައެވެ. އަދި -/210800 ރުފިޔާ އެކިރަށްރަށް ފައިސާގެ އެހީގެ ގޮތުގައި ބެހުމަށް ނިންމާފައިވާކަމަށެވެ. އެކައުންސިލުންބުނީ ފައިސާ ބެހުމުގައި ބަލާފައިވަނީ އާބާދީގެ ނިސްބަތުން ކަމަށެވެ. އެގޮތުން އެންމެ މަދުން ލިބޭރަށަކަށް -/10000 ރުފިޔާ އަދި އެންމެ ގިނައިން ލިބޭ ރަށަކަށް -/22500 ރުފިޔާ ލިބޭނެކަމަށް ބުނެފައިވެއެވެ.

ފަންޑު ދޫކުރާނެ އުޞޫލު
މިފަންޑުން ދޫކުރާ ފައިސާ ދޫކުރެވޭނީ ކޮވިޑް-19އަށް އިން ރައްކާތެރިވުމަށް ރަށްރަށުގެ ލެވެލްގައި ހިންގާ ހަރަކާތްތަކަށް ބޭނުންވާނެ މެޑިކަލް ކޮންސިއުމަކަލްސް އަށް ހިނގާ ޚަރަދު ކެނޑުމަށްފަހު ބާކީވާ ފައިސާ ކައުންސިލުން ފާސްކޮށްފައިވާ ހިލޭ އެހީދޭ އުޞޫލުގައި ފައިސާ ބެހުމަށް ކަނޑައެޅިފައިވާ ގޮތަށެވެ.

ފައިސާ ޚަރަދު ކުރުމުގެ އުޞޫލު
މި ފަންޑުގެ ދަށުން ދޫކުރާ ފައިސާ ޚަރަދުކުރަންވާނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާއި އެއްގޮތްވާ ގޮތުގެ މަތިން އަންނިވި ކަންކަމަށެވެ.

  • އިމެޖެންސީ އޮޕަރޭޓިންގ ސެންޓަރގެ އިދާރީ ޚަރަދުތަކަށް ކައުންސިލުގެ ބަޖެޓުން ޚަރަދު ނުކުރެވޭ ކަންކަމަށް
  • އިމެޖެންސީ އޮޕަރޭޓިންގ ސެންޓަރގެލަފާދޭ ކޮމެތީގެ ބައްދަލުވުންތަކުގެ ޚަރަދު
  • ސަޕޯޓް ސާރވިސް ޑެސްކަށް ބޭނުންވާނެ ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓްސް
  • ކަރަންޓީން ކޮށްފައިވާ ފަރާތްތަކަށް ބޭނުންވާ ޒަރޫރީ ކަންކަން ހަމަޖެއްސުމަށް ހިނގާ ލޮޖިސްޓިން ޚަރަދު

މި ފަންޑުގެ ދަށުން ދޫކުރެވޭ ފައިސާ ޚަރަދުކުރި ގޮތުގެ ރިޕޯޓް 2021 ވަނަ އަހަރުގެ ފެބުރުއަރީމަހުގެ 28ގެ ކުރިން އަތޮޅުކައުންސިލަށް ހުށައަޅަންޖެހޭއިރު ބާކީވާ ފައިސާ އެރަށެއްގެ ރައްޔިތުންގެ މާލިއްޔަތަށް ޖަމާކުރަންވާނެކަމަށް އެކައުންސިލުން އެކުލަވާލާފައިވާ އުސޫލުގައި ބުނެފައިވެއެވެ.

މި ބަލިން ރަށުގެ ރައްޔިތުން ރައްކާތެރިކޮށް ސަލާމަތުގެ އައްސޭރިއަކަށް ގެންގޮސްދިނުމަށްޓަކައި ރަށްރަށުގައި އުފެދިފައިވާ އެމަޖެންސީ އޮޕަރޭޓިންގ ސެންޓަރތަކުގައާއި، ސޯޝަލް ސަޕޯޓް ޑެސްކްތަކުގައި ވޮލަންޓިއަރުންގެ ގޮތުގައި ޒުވާނުންނާއި، ސަރުކާރުގެ މުވައްޒަފުން ދަނީ ޙަރަކާތްތެރިވަމުންނެވެ.