ހދ. މަކުނުދޫގައި އެހެން މަސްމަހާއި ހިލާފަށް ކަރަންޓުބިލު ބޮޑުވެފައިވާކަމަށް ބުނެ އެރަށުގެ ބަޔަކު ފެނަކަ އޮފީސް ދޮރުމަތީ މުޒާހަރާ ކުރަމުން އެބަދެއެވެ.
އެސަރަހައްދުން ވާހަކަ ދެއްކި މީހަކު ބުނީ އެމީހުންގެ ޝަކުވާއަކީ އެހެން މަސްމަހާއި ހިލާފަށް މިމަހުގެ ކަރަންޓު ބިލު ބޮޑުވެފައިވުމެވެ. މިކަމަށް ޖަވާބު ދިނުމަށް ފެނަކަ އޮފީސް ހިންގުމާއި ހަވާލުވެހުރި ފަރާތުން ޖަވާބުދާރީވުމަށް މުޒާހަރާގެ ބައިވެރިން ދަނީ އެދެމުންނެވެ.

މިމުޒާހަރާގެ ބައިވެރިން ދަނީ އަޑުގަދަ ކުރާ ބޭނުން ކުރަމުން ނެވެ.
މަކުނުދޫ ކައުންސިލްގެ ނައިބްރައީސް އަހްމަދު ވާފިރު ބުނެފައި ވަނީ ރައްޔިތުންގެ ކަންބޮޑުވުމަކީ ސަރުކާރުން މިމަހުގެ ކަރަންޓުބިލް ކުޑަވާނެކަމަށް ބުނެފައިވާއިރު އެހެން މަސްމަހާއި ހިލާފަށް މިދިޔަމަހު ކަރަންޓުބިލް ބޮޑުވެފައި ވުމެވެ. ވާފިރުވެސް ވަނީ އެބޭފުޅާއަށް ލިބުނު ބިލް ބޮޑުކަން ފާހަގަ ކޮށްފައެވެ.
ވާފިރު ވިދާޅުވީ 350 ރުފިޔާ އަރާ ގޭބިސީއަކަށް މިދިޔަމަހުގެ ބިލްގައި 800 ރުފިޔާ އަރާފައިވާ ކަމަށެވެ. އަދި 2000 ރުފިޔާ އަރާ ތަންތަނަށް 4000 ރުފިޔާ އަރާގައިވާކަން ފާހަގަކުރެވޭކަމަށް ވާފިރު ވިދާޅުވި އެވެ.
މިދުވަސްވަރަކީ ގިނަބަޔަކު އެއްތަނަކަށް އެއްވެ އުޅުން މަނާކުރެވިފައިވާ ދުވަސްވަރެކެވެ.
އެސަރަހައްދުގައި ހުރި މީހަކު މަޢޫލޫމާތުދެމުން ބުނެފައިވަނީ މިހާރު އިންޖީނުގޭތެރެއަށް އެއްބަޔަކު ވަދެފައިވާކަމަށެވެ. އިންޖީނުގެ ހިންގުމާއި ހަވާލުވެ ހުރި ފަރާތާއި އެމީހުން ސުވާލު ކުރަމުން ދާއިރު ބޭރުގައި އެއްބަޔަކު ތިބިކަމަށާއި އެސަރަހައްދުގައި ފުލުހުންވެސް ހަރަކާތްތެރިވާކަމަށް ބުނެއެވެ.
އެއްވެފައިތިބި މީހުންގެ ކައިރިން ފުލުހުން އެދެމުންދަނީ އެސަރަހައްދު ދޫކޮށް ދިއުމަށް ނަމަވެސް އެއްވެފައިތިބި މީހުން އެކަމަށް އިޖާބަ ދީފައެއް ނުވެއެވެ.
މިކަމާއި ގުޅިގެން ފުލުހުން ބުނެފައިވަނީ އެއްވެފައިވާ މީހުންނާއި ވާހަކަ ދައްކައިގެން އެމައްސަލަ ހައްލުކުރަމުން ދާކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!