ށ. މިލަންދޫން ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހާއާއި ޑައިރެކްޓް ކޮންޓެކްވި 8 މީހުންގެ ތެރެއިން 7 މީހުންގެ ސާމްޕަލްގެ ނަތީޖާ ލިބިފައިވާ ކަމަށް މިލަންދޫ ހެލްތު ސެންޓަރުން ބުނެފިއެވެ.

އެ 7 މީހުންގެ ނަތީޖާވެސް ނެގެޓިވު ވެފައިވާ ކަމަށާއި، ބާކީ ނަތީޖާ ނުލިބޭ މީހާގެ ނަތީޖާ ނެގެޓިވު ވުމަކީ އެ މަރުކަޒާއި މިލަންދޫ ރައްޔިތުންގެ ދުޢާ ކަމަށް މިލަންދޫ ސިއްޙީމަރުކަޒުން ވަނީ ބުނެފައެވެ.

Ad
rt

އެރަށުން ކޯވިޑް-19 އަށް ޕޮޒިޓިވްވީ އެ އަތޮޅު ނަރުދޫ އަމާޒު ބޯޓުން އެ ރަށަށް ދަތުރުކުރި މީހެކެވެ.

އަމާޒު ބޯޓުގެ ކެޕްޓަނާއި އެކު ނަރުދޫންވެސް ވަނީ 10 މީހުން މިހާރު ޕޮޒިޓިވް ވެފައެވެ. އެރަށުގައިވެސް މިއަދު އިތުރުމީހުންގެ ސާމްޕަލް ނެގުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

އަތޮޅުތަކުން މީހުން ދިރިއުޅޭ ރަށްތަކުން އިއްޔެ ވަނީ ހއ. ތަކަންދޫން 3 މީހަކު އަދި ނ. މަނަދޫ މީހަކު ކޯވިޑަށް ޕޮޒިޓިވް ވެފައެވެ. މަނަދޫ މީހާ ޕޮޒިޓިވްވެފައި ވާކަން އެނގުނީ އިތުރު ފަރުވާއަށް މާލެ ގެންގޮސް ޓެސްޓް ހެދުމުންނެވެ.

މީގެ އިތުރުން ހއ. އުލިގަމު މީހަކުވެސް ވަނީ މިބައްޔަށް ޕޮޒިޓިވް ވެފައެވެ. އޭނާއަކީ އަތޮޅުތަކުގެ މީހުން އުޅޭ ރަށަކުން ފުރަތަމަ ޕޮޒިޓިވްވި މީހާއެވެ. ކ. ތުލުސްދޫންވެސް ވަނީ ބިދޭސީއަށް މިބައްޔަށް ޕޮޒިޓިވް ވެފައެވެ.

ރާއްޖެއިން މިހާތަނަށް 491 މީހަކު ވަނީ ކޯވިޑަށް ޕޮޒިޓިވް ވެފައެވެ.