މަޝްހޫރު އޮންލައިން ބިޒްނަސް ޗެއިން އަލީބާބާގެ ފައުންޑަރު ޖެކް މާ އާއި ޗައިނާގެ އެކި ފަރާތްތަކުން ކޯވިޑް-19އާ ގުޅިގެން ރާއްޖެ އަށް ފޯރުކޮށްދޭ އެހީތައް ގެނައުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު މިއަދު ވިދާޅުވެއްޖެ އެވެ.

ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައިވާ ހުންނަވާ ސަފީރު ޖަންގް ލިޖޮންގް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖެ އަށް އެހީވާން ނިންމާފައިވާކަން ޖެކް މާ ހާމަކުރެއްވުމާ އެކު، އެ ތަކެތި ގެނައުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

Ad
rt

ސަފީރު ވިދާޅުވި ގޮތުގައި، ރާއްޖެ އަށް އެހީވުމުގައި ޖެކް މާގެ އިތުރުން ޗައިނާގެ ހަ ކުންފުންޏަކާއި ގުއަންޒީ ސިޓީންނާއި އެ ގައުމުގެ ފޮރިން މިނިސްޓްރީން ވެސް ބައިވެރިވެ އެވެ.

އޭޝިއާގެ އެންމެ މުއްސަނދި މީހާ ކަމުގައިވެސް ހިމެނޭ ޖެކް މާ ހަދިޔާ ކުރައްވާ ތަކެތީގެ ތެރޭގައި ހިމެނެނީ މާސްކާއި ޓެސްޓު ކިޓާއި ހަޒްމަޓް ސޫޓާއި ވެންޓިލޭޓަރާއި ތާމޯމީޓަރެވެ. އޭނާ މިތަކެތި ހަދިޔާ ކުރަން ނިންމައި، އެކަން ހާމަކުރީ މިއަހަރުގެ މާރިޗް 21 ވަނަ ދުވަހުއެވެ.

ކޯވިޑް-19 ގެ މިހާލަތުގައި ރާއްޖެއަށް އެހީތެރިވުމުގެ ގޮތުން 800 މީހުންގެ ވަގުތީ ކަރަންޓީނު ފެސިލިޓީއެއް ގާއިމްކޮށް ދޭންވެސް ޗައިނާއިން ވަނީ ނިންމައިފައެވެ. މި ކަރަންޓީނު ފެސިލީޓީގެ މަސައްކަތަށް ސަމާނާއި ވަސީލަތްތަކާއެކު ރާއްޖެއަށް 100 މީހުން ގެންނަން ވަނީ ނިންމާފައި ވާ ކަމަށް ޗައިނާ ސަފީރު ވަނީ ހުސްވި އޭޕްރިލް މަހުގެ 27 ވަނަ ދުވަހު ވިދާޅުވެފައެވެ.