ކޯވިޑް-19 އަށް ހއ. ތަކަންދޫން ތިން މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެ ރަށަށް އަންގައިފި އެވެ.

ތަކަންދޫން ވާހަކަ ދެއްކި މީހަކު މި ނޫހަށް ބުނީ، އެ ރަށުން ކޯވިޑަށް ޕޮޒިޓިވް ވެފައިވަނީ ހުސްވި އޭޕްރިލް މަހުގެ 15 ވަނަ ދުވަހު ހއ. އިހަވަންދު ކާވިޔާ ބޯޓުން އެރަށް ދިޔަ މީހުންގެ ތެރެއިން ކުޑަކުއްޖަކާއި އެ ކުއްޖާގެ މަންމަ އާއި އިތުރު އަންހެނެއް ކަމަށެވެ.

Ad
rt

ކާވިޔާ ބޯޓުން ދަތުރުކުރި ހއ. އުލިގަމު މީހަކު މި ބައްޔަށް ޕޮޒިޓިވް ވުމާއި ގުޅިގެން އެ ބޯޓުން ދަތުރުކުރި ރައްތަކުގެ މީހުންގެ ސާމްޕަލްތައް ވަނީ ނަގާފައެވެ. މި ގޮތުން އުލިގަމުން ފައްސިވި މީހާގެ ކޭހާއި ގުޅިގެން ބަޔަކު މިބައްޔަށް ޕޮޒިޓިވުވި މީ ފުރަތަމަ ފަހަރެވެ.

އުލިގަމު މީހާގެ ކޭހާއި ގުޅިގެން އިހަވަންދޫ އިން ސާމްޕަލް ނެގި 35 މީހުންނާއި، ވައިކަރަދޫން ސާމްޕަލް ނެގި 23 މީހުންވެސް ވަނީ މިބައްޔަށް ނެގެޓިވު ވެފައެވެ.

ތަކަންދޫންވެސް ވަނީ ކާވިޔާ ބޯޓުން ތަކަންދު އަށް ދިޔަ 36 މީހެއްގެ ސާމްޕަލް ނަގާފައި ކަމަށް އެރަށުން ވާހަކަ ދެއްކި މީހާ ބުންޏެވެ.

ށ. ނަރުދޫ އަމާޒު ބޯޓު ކެޕްޓަންގެ ކޭހާއި ގުޅިގެން މިހާތަނަށް ކެޕްޓަނާއި އެކު ނުވަ މީހަކުވަނީ ޕޮޒިޓިވް ވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ އަމާޒު ބޯޓު ކެޕްޓަނާއި އެކު ނަރުދޫ 8 މީނުންނާއި، މިލަންދޫ މީހެކެވެ.

ތަަކަންދޫން ތިން މީހަކު ޕޮޒިޓިވްވުމުން އެރަށް ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފަ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ޕޮޒިޓިވްވި މީހުން އެކަހެރި ކުރުމުގެ މަސައްކަތް ތަކަންދޫ ކޯވިޑް-19 ޓާސްކްފޯހުން އަންނަނީ ކުރަމުންނެވެ.

އުތުރުގެ ރަށްތަކުން ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުން ކަރަންޓީންކޮށް ފަރުވާ ދިނުމަށް ހއ. ދޮނަކުޅީގައި ހިންގާ ހައިޑަވޭ އައިލެންޑް ރިސޯޓް ވަނީ ހަމަޖައްސައިފަ އެވެ.