ކޯވިޑް 19 އާއި ގުޅިގެން ހދ. ހަނިމާދޫގައި ޢަމަލު ކުރާނެގޮތް، ހަނިމާދޫ ކައުންސިލުން ހާމަކޮށްފިއެވެ.

އެކަމާއި ގުޅިގެން ހަނިމާދޫ ކައުންސިލުން ނެރެފައިވާ ޢިއުލާނެއްގައި ބުނެފައިވަނީ ދުނިޔޭގައި ހަލުއި ކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާ ވައިރަސް ރާއްޖޭގައި ހަލުއި ކަމާއެކު ފެތުރެންފަށައި، އުތުރުގައިވެސް އެ ނުރައްކާތެރި ބައްޔަށް މީހަކު ފައްސި ވެ ބިރުވެރި ޙާލަތަށް ގޮސްފައިވާތީ، އެކަމުން ރައްކާތެރި ވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ހުރިހާ ފަރާތަކުން އަޅަމުން ގެންދާ މިދަނޑިވަޅުގައި ހުރިހާ ފަރާތެއްގެ އެއްބާރު ލުމާއި އެހީތެރިކަން ބޭނުންވި ހިނދު، އެ ޢިއުލާންގައިވާ ފިޔަވަޅުތައް 21 އޭޕްރީލް 2020 ވަނަ ދުވަހުން ފެށިގެން އަޅަމުން ގެންދިއުމަށް ހަނިމާދޫ ކޯވިޑް – 19 ޓާސްކްފޯސް އާއި ކަމާއި ގުޅުންހުރި ހުރިހާ ފަރާތް ތަކަކުން ހަނިމާދޫ ކައުންސިލަށް ލަފާ ދީފައިވާތީ، އެކަންކަން އެގޮތަށް ތަންފީޒް ކުރާގޮތަށް ހަމަޖައްސައިފިކަމަށެވެ.

Ad
rt

ކޯވިޑް 19 އާއި ގުޅިގެން ހދ. ހަނިމާދޫގައި ޢަމަލު ކުރާނެގޮތް

1. ރަށުން ބޭރުން ރަށަން ގެނެވޭ ހުރިހާ މުދަލެއް އުޅަނދަން މުދާ އެރުވި ބަނދަރުން އުޅަނދު ފުރިތާ 24 ގަޑި އިރު ހަމަވުމުގެ ކުރިން ރަށަށް މުދާ ނުބާލައި އުޅަނދުގައި ބެހެއްޓުން، ނުވަތަ ހުރިހާ މުދަލެއް ސަޕޯޓު ޑެސްކުން ކަނޑައަޅާ ނުވަތަ އަންގާ ތަރުތީބުން ބަނދަރުގައި ބެހެއްޓުމަށްފަހު އެމުދަލުން ވައިރަސްގެ އަސަރު ކަނޑުވާ ލުމަށްޓަކައި އެޗްޕީއޭ އިން ކަނޑައަޅާފައިވާ މިންގަޑަށް ފެނުގެ ތެރެއަށް ބްލީޗް އެޅުމަށްފަހު ހުރިހާ މުދަލަކަށް ސްޕްރޭ ކުރެވޭނެއެވެ.

2. މާލެ، ހުޅުމާލެ، ވިލިމާލެ، ތިލަފުށި، ގުޅީފަޅު އަދި މިވަގުތު ކަރަންޓީނުގައި ހުރި ރައްރަށުންނާއި، ކަރަންޓީނު ކުރެވޭ ރައްރަށުންނާއި ތަންތަނުން އެއްވެސް މީހަކު ރަށަންނޭރުން، މި އެއްވެސް ސަރަޙައްދަކުން ރަށަން އަރަން އެއްވެސް މީހަކު މަސައްކަތް ކޮށްފިނަމަ އެފަރާތަކާއިމެދު އަޅަންޖެހޭ ޤާނޫނީ ފިޔަވަޅު ސަލާމަތީ ބާރުތައް މެދުވެރޮކޮށް އެޅުން. އަދި މިތަންތަނުންކުރެ އެއްވެސްތާކުން މީހަކު ޤަވާއިދާ ޚިލާފަށް މިރަށަށް ގެންނަ އުޅަނދު ފަހަރުގެ ކެޕްޓަނުންނާއި އުޅަނދުގެ ވެރިފަރާތާއިމެދު ޤާނޫނީ ފިޔަވަޅުއަޅާ އަދި އެފަދަ އުޅަނދުތައް ރަށަންވަނުން، ކަނޑައަޅާ މުއްދަތަކަށް ހަނިމާދޫ ބަނދަރަށް ނުވަދެވޭ ގޮތަށް އުޅަނދު ސަސްޕެންޑް ކުރުން.

2. ރޭގަނޑުގެ 11.00 އިން ފެށިގެން ފަތިހު 05.00 އާއި ހަމައަށް އެއްވެސް މީހަކު ގެއިން ބޭރުގައި ނޫޅުން، މިވަގުތު ތަކުގައި ގެއިން ބޭރުގައި އުޅެވޭނީ ހަމައެކަނި ސަލާމަތީ ބާރުތަކާއި، ޞިއްޙީ އެހީތެރިންނާއި، ކައުންސިލުން ހުއްދަ ދެވިފައިވާ މީހުންނަށެވެ. އަދި މިވަގުތު ތަކުގައި ޒަރޫރީކަމެއް ދިމާވެގެން ކޮންމެހެން ގެއިން ބޭރަށް ނުކުންނަން ޖެހިއްޖެނަމަ އެކަމެއް ޓާސްކްފޯސްގެ ހޮޓްލައިން 7602603، ނުވަތަ ޞިއްޙީމަރުކަޒްގެ 6520083، ނުވަތަ ހަނިމާދޫ ޕޮލިސް 9790077، ނުވަތަ ސޯސަލް ޑެސްކް 7743397، ނުވަތަ ކައުންސިލްގެ ރައީސް 9658057 އާއި ގުޅުއްވާ މަޢުލޫމާތު ދިނުމަށްފަހު ހުއްދަ ލިބިގެން ނުކުތުން އިސްތިސްނާވާނެއެވެ.

3. ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ހިމެނޭ ސަރަޙައްދަން އެއްވެސް ފަރާތަކުން ނުދިއުމަށް އެ އެއަރޕޯޓުން އިޢުލާން ކޮށްފައި ވާތީއާއި، އަދި މިފަދަ ސިނާއި ތަންތަނުން ބަލި ފެތުރުމުގެ ފުރުޞަތު ވަރަށްބޮޑަށް އޮންނާތީ އެސަރަޙައްދަން ނުދިއުން. މިސަރަޙައްދަން އެއްވެސް ފަރާތަކުން ދާންވާނީ ޑިއުޓީ މުވައްޒަފުން ފިޔަވައި ހަމައެކަނި އޭޓީއެމް ގެ ބޭނުމަށް އެ މެޝިންއާއި ހަމަޔަށް އެކަންޏެވެ.

ހަނިމާދޫ ކައުންސިލުން ވަނީ މި ފިޔަވަޅުތަކާއި އެއް ގޮތަށް ހުރިހާ ފަރާތްތަކުން އަމަލު ކުރުމަށް އަންގާފައިއެވެ.

ހަނިމާދޫގައި ވަނީ ކޯވިޑް-19 ޓާސްކް ފޯހާއި، ކަމާއި ގުޅުން ހުރި ރަށުގެ މުވައްސަސާތައް ގުޅިގެން މާލެއިން އެ ރަށަށް ދަތުރު ކުރި މީހަކު 14 ދުވަހަށް އެކަހެރިކޮށްފައެވެ.

އޭނާ އެކަހެރި ކުރީ އެ ރަށަށް ދިޔަ ފަހުން ރޯގާޖެހި، ހުން އައުމުން ރަށުފެންވަރުގައި އަޅާ ރަށްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށް ކައުންސިލުން ވަނީ ބުނެފައިއެވެ.