ރަށުންފޭބުން: މިއީ ދަނޑަށް ދިޔުމުގެ އެންމެ ފަހުގެ މަރުޙަލާއެވެ. މިކަންކުރަމުންގެންދާނީ ވަކި އުސޫލަކުން ތަރުތީބުކުރެވިގެން ކުރެވޭ ކަމެކެވެ. ރަށްވެރި ދޯންޏަކީ ދަނޑަށް އެރި ހުރިހާ ބައިވެރީންގެ ދޯންޏަކަށްވީހިނދު ހުރިހާ ބައިވެރީން ސާމިލްވާގޮތެއްގައި އެކަން އިންތިޒާމް ހަމަޖެހުމަކީ އެންމެ ބުއްދި ވެރި ގޮތްކަމަށް ވާއިރު އެހުރު މީހާ އެގޮތްތައް ކަނޑައަޅާނީ ގޮވާން ކަޑައި ނިމޭ ގޮތެއްގެ މައްޗަށެވެ. ފުރަތަމަ ނިމޭ މީހާގެ ގޮވާންތައް ގެންދިއުމަށް ފަޅުވެރީން ހަމަޖައްސައިދޭނީ ވަކި ތަރުތީބަކުންނެވެ.
ފުރަތަމަ ބުރުގައި ގެންނާނީ ހެއްދި ގޮވާންތަކެވެ. ދެވަނަ ބުރުގައި ގެންނާނީ އަންހެނުންނާއި ކުޑަކުދީންނާއި މުސްކުޅީންނެވެ. މީގެ އިތުރުން އެބައެއްގެ ހިފާގެންގުޅޭ ސާމާނާއި ބަދިގެ ސާމާނެވެ. އެންމެ ފަހުގެ މީހާ ނިމެންދެންވެސް ހުރިހާ ފިރިހެންވެރީ ބައިވެރިވާނެއެވެ. ރަށައް ގޮސް އޮޑި ހުސްވަންދެން އެންމެންވެސް ބައިވެރިވާނެއެވެ. ގެންނަ ސާމާނު އެމީހެއްގެ އަމިއްލަ ގެއަށް ގެންދިއުމަކީ އެމީހެއްގެ އަމިއްލަ ޒިންމާއެކެވެ. މަދުވެގެން ކޮންމެ ފިރިހެނަކަށް 30 ބަސްތާ ގޮވާން ގެންނަން ލިބޭނެއެވެ. އެއްވެސް ވެހިކަލެއް ނެތް ޒަމާނެއްގައި އެތަކެތި ރައްކާތެރިކަމާއި އެކު އިރު އޮއްސެންވާއިރަށް ގެންދެވޭނީ ވަރަށް ހިތްވަރު ގަދަ މީހަކަށެވެ. އެނބުރި ރަށައް އަންނަ އިރު ހުންނަނީ ކުރިން ދިރިއުޅުނު ގެ ހަލާކުވެ ވީރާނާވާން ކައިރިވެފައެވެ. އަލުން ބަލުން ޖެހެނީ ގޭގައި ފަންލާ ހިޔާކުރާށެވެ. މިކަން ކުރާނީ އެމީހަކު އަމިއްލައަށެވެ.
ހަނދާނައްޓަކައި ވައިކަރަދޫ މީހުން ދަނޑަށް ދިޔަ ރަށްތައް ހިމަނާލެވޭތޯ ބަލާނަމެ.
| 1 | ހއ. އުލިގަމު ( ފަޅުރަށެއްގެ ގޮތުގައި އޮތް އިރު) | 12 | ހދ. ކުޑަމުރައިދޫ |
| 2 | ހއ. އަލިދޫއާއި | 13 | ށ. އެރިޔަދޫ |
| 3 | ހއ. މާފަހި | 14 | ށ. ކީކިމިނި |
| 4 | ހއ.ހުވަހަންދޫއާއި | 15 | ށ. މަޑިދޫ |
| 5 | ހއ. އަލިދުއްފަރު | 16 | ށ. ދޮޅިޔަދޫ، |
| 6 | ހއ. ދައްޕަރު | 17 | ނ. ކުރެދިވަރު |
| 7 | ހދ. ވައިކަރަމުރާދޫ | 18 | ށ. ކަބާލިފަރު |
| 8 | ހދ. ކަނަމަނަ، | 19 | ށ. ކަކައިރިދޫ |
| 9 | ހދ. ނޮޅިވަރަންފަރު ( ދެކުނު ކޮޅު ) | 20 | ނ. ހުއިވަނި |
| 10 | ހދ. ކޭލަކުނު | 21 | ނ. މާލެލަވަރު |
| 11 | ހދ. ނާގޯށި | 22 | އ. އިންނަފުށީ |
މީގެ އިތުރުންވެސް ވައިކަރަދޫ މީހުން ދަނޑުވެރިކަން ކުރަން ގޮސްއުޅުނު ރަށްރަށް ހުރުމަކީ އެކަށިގެންވާކަމެއްކަމުގައި މި މަޢުލޫމާތު ދެއްވި ފަރާތުން ބުނެއެވެ. މި މަޢްލޫމާތު ދެއްވީ ވައިކަރަދޫ ރޯސަނީގޭ ޢަބުދުލް ވައްޙާބު އިބްރާޙިމްއެވެ.
އިތުރު ބައިތަކެއް
ކުރުގޮތަކަށް މިދަންނަވާލެވުނީ ވައިކަރަދޫ މީހުން ދަނޑުވެރިކަން ކޮށް އުޅުނު ގޮތެވެ. އުޅެން ޖެހުނު ހާލެވެ. ކުރާ މަސައްކަތުގެ ބުރަކަމެވެ. ކުރާ މަސައްކަތާއި ލިބޭ އެއްޗެއް ގުޅި ލާމެހި މީހާ ކުރިއަރައިގެން ދާތަނެއް ނުފެނެއެވެ. އަބަދުވެސް ޖެހެނީ ފުރިތަނުގައެވެ. މިޒަމާނުގައި ދަނޑުވެރިކަން ކުރާ ގޮތާއި އެޒަމާނުގައި ދަނޑުވެރިކަން ކުރަމުން ގެންދިޔަގޮތް ތަފާތު ނަމަވެސް ކުރަމުން ގެންދަނީ އެއްކަމެކެވެ. މިހާރު ދަނޑުވެރީން ކުރާ ޚަރަދު ބޮޑުވެފައި ލިބޭ އެއްޗެއް ތާޒާކަންމަތީ ވިއްކާނުލެވޭކަމާއި އެކަށީގެންވާ އަގު ނުލިބުމަކީ ދިމާވާ އެންމެ ބޮޑު މައްސަލައެވެ. އަމުދުން އެޒަމާނުގައި ދިހަ، ބާރަ މީހުން ބޮޑު ސިންގާ މާރަށެއްގައި ކޮންމެ މީހަކަށް ހައެއްކަ ދަނޑު ހެއްދުމަކީ ވަރަށް ބުރަ މަސައްކަތެކެވެ. ފެން ޖެހުމަކީ އެހާ ބުރަ ކަމެކެވެ. ހުރިހާ ދަނޑު ތަކުން ތޮނަ ނަގާ ސާފުކޮށް ބެލެހެއްޓުމަކީ ކުޑަކަމެއްނޫނެވެ.
އެ ޒަމާނުގައި އިސްރައްވެހީންނާއި ތަޢުލީމީ މީހުންނާއި ޒުވާނުން ދިރި އުޅެމުން ގެންދިޔައީ ވަރަށް އެކުވެރި މާހައުލެއްގައެވެ. އެހެންކަމުން ކަންކަން ކުރުމަށް ފަސޭހަވެގެން ދިޔައެވެ. މިއިން ކޮންމެ ކަމަކީ އޭރު ކުޑަކުއްޖެއްގެ ގޮތުން ތަޖުރިބާކުރެވި ފެނިފައި ހުރި ކަންކަމެވެ.
މި ޒަމާނުގައި އެގޮތަށް މަސައްކަތް ކުރާނެ ޒުވާނުންތަކެއް ނުކުންނާނެ ބާވައޭ އަޅުގަނޑު ހިތައް އަރައެވެ. މިހާރުގެ ޒުވާނުން އެންމެ ފުރަތަމަވެސް އެ ފަޅުރަކަށް އަރާނީ އިންޓަރނެޓް ،ކަރަންޓު، އެއާކޯން، އޮޓޯމެސިން، ސްޕަންޖުގޮދަޑި، ސޯފާސެޓް، ޓީވީ، ކޮމްޕިއުޓަރ، އައިސްއަލަމާރި، ގޭސްއުދުން މިތަކެއްޗާއި އެކުގައެވެ.
ކުރީގެ ޒުވާނުން
ދެން އޮތީ އިއްޔެގެ ޒުވާންޖީލު ދަނޑުވެރިކަން ހުއްޓާލާފައި ވައިކަރަދޫއާއި ދަނޑުވެރިކަން ދޫކޮށް މާލެ އައިސް އަނބިދަރީންނަށް ކާންބޯންދިނުމައްޓަކައި ކުރަންޖެހުނު ބުރަމަސައްކަތުގެ ވާހަކައެވެ. ރިސޯޓުތަކާއި މާލޭގެ ފިހާރަތަކާއި ހޮޓާތަކާއި އިމާރަތްކުރުމާއި ވަޑާމުގެ މަސައްކަތަކާއި ސަރުކާރުގެ އޮފީސްތަކުގައި އުޅެންޖެމުން ދިރި އުޅުމަށް އައި ބަދަލުތަކެވެ. މި ބަދަލުތައް އައީ އިއްތިފާގަކުން ނޫނެވެ. ހަމަ ހުރެފައި އައީކީވެސް ނޫނެވެ. އަޅުގަނޑު ދެކޭގޮތުގައި ސަރުކާރު ހިންގަންވެގެން ސަރުކާރުގެ ސިޔާސަތައް ގެންނެވި ބަދަލާއި އެކު އެކަން ކުރަން މަޖުބޫރުވީއެވެ. އޭރުގެ ޒުވާން ޖީލު މީހުންނާއި އިދެ ދަރީންލިބި އެދަރީންނަށް ތަޢްލީމު ހޯދައި ދިނުމައްޓަކައި ބުރަތަކެއް އުފުލަން ޖެހުނީއެވެ. މާލޭ މީހުންނަށް ޖިޒީ ދައްކައިގެންނަމަވެސް ބޭނުންވީ ދަރީން ހެޔޮގޮތުގައި ބަލާ އެކުދީންގެ މުސްތަޤުބަ އުޖާލާ ކޮއްދިނުމެވެ. މީހެއްގެ ވާހަކަ ދައްކާކަށެއް ނެތީމެވެ. މިސާލު ނަގާނީ ލިބިފައިހުރި ތަޖުރިބާއިންނެވެ.
ދިވެހި ޖުމްހޫރިއްޔާ ފެށުނު އިރު ވައިކަރަދޫ މީހުން މާލޭގައި އުޅުނު އަދަދު އަތުގެ އިގިލި ތަކުން ގުނާލެވޭނެއެވެ. މިހާރު ހާހަކަށްވުރެން މަތިވާނެއެވެ. މި ފުރަމާލޭގައި ވައިކަރަދޫމީހުން އުޅެނީ މިތަން ރީތިވެ ހިތްފަސޭހަ ކަމަކުންނޫނެވެ. އަނބިދަރީންގެ ޙައްޤުގައި ބަނޑު ފުރާނަ މުއްތިކުރުމައްޓަކައެވެ.
(ނިމުނީ)

ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!