ހއ. ފިއްލަދޫއިން ދަނޑުވެރިކަން ކުރުމަށް ބިންދޫކުރުމަށް ފިއްލަދޫ ކައުންސިލުން ނިންމައިފިއެވެ.
އެ ކައުންސިލުން މިއަދު ކުރި ޢިއުލާނެއްގައި ބުނެފައިވަނީ ކޮވިޑް-19ގެ ހާއްސަ ހާލަތަށް ތައްޔާރުވުމުގެ ގޮތުން ފިއްލަދޫން ދަނޑުވެރިކަން ކުރުމަށް ޝައުގު ހުރި ފަރާތްތަކަށް ފުރުޞަތު ހުޅުވާލާކަމަށެވެ.
ފިއްލަދޫއިން ދަނޑުބިމަށް އެދުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ މިއަދުން ފެށިގެން މިމަހުގެ 7 ދުވަހުގެ ނިޔަލަށެވެ. ދަނޑު ބިމަށް އެދޭ ފޯމު ދޫކުރުމަށް ހަމަޖެހިފައިވަނީ އެ މުއްދަތުގައި ބަންދު ދުވަސްތައްވެސް ހިމެނޭހެން ކޮންމެ ދުވަހެއްގެ 14:00 އިން 15:30 އަށެވެ.
ފިއްލަދޫއިން ދަނޑުބިން ދޫކުރުމަށް އެރަށު ކައުންސިލުން ނިންމާފައިވަނީ ރަށުގެ އިރުމަތީ ފަރާތުންނާއި، ދެކުނު ފަރާތުން އެ ރަށުގެ ކޮންމެ ގޭ ބިސީއަކަށް 5000 އަކަފޫޓުގެ 1 ބިމެވެ.
ފިއްލަދޫގައި ހައްދާފައިވާ ގިތެޔޮ މިރުސް، ފޮޓޯ ނަލަނަލަ ފިއްލަދޫ ފޭސްބުކް ޕޭޖް
އެބިންތައް ދޫކުރަނީ 1 އަހަރު ދުވަހުގެ މުއްދަތަށެވެ. އަދި މުއްދަތު އިތުރުކުރަން އެދޭނަމަ އިތުރު 1 އަހަރަށް މުއްދަތު އިތުރު ކޮށްދިނުމަށް ފިއްލަދޫ ކައުންސިލުން ވަނީ ނިންމާފައިއެވެ.
ފިއްލަދޫ ކައުންސިލުން ބުނެފައިވަނީ އެ ދަނޑު ބިންތަކުގައި ހައްދަންވާނީ މޭވާ، ތަރުކާރީ، ފަލަމަޑި އަދި ގޮވާމުގެ ބާވަތްތައް ކަމަށެވެ.
ހއ. ފިއްލަދޫއަކީ ބިން ބޮޑު، ދަނޑުވެރިކަމަށް ފައްކާ ރަށެކެވެ. އެރަށަކީ މިހާރުވެސް ދަނޑު ހައްދަމުންދާ، ދަނޑުވެރިކަމަށް ބިންގަނޑު ރަނގަޅު ރަށެއްގޮތުގައި އުތުރުން ފާހަގަކޮށް ލެވޭ ރަށެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!