އެކިދުވަސް މަތިން ހއ. އަލިދޫ ރިސޯޓުން ވައްކަން ކުރިކަމުގެ ތުހުމަތުގައި އުތީމުން ހައްޔަރުކުރި 6 މީހުން ދޫކޮށްލައިފިކަމަށް މޯލްވިވްސް ޕޮލިސް ސާރވިސް އިން ބުނެފިއެވެ.

އެމީހުން ބަންދުން ދޫކޮށްލާފައިވަނީ މިމަހުގެ 30 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައިކަމަށް ފުލުހުން ބުނެފައިވެއެވެ. ފުލުހުން ބުނީ އެމީހުން ހައްޔަރުން ދޫކޮށްލާފައިވަނީ ތަޙުޤީގަށް ބޭނުންވާ މަޢުލޫމާތު ލިބުމުން ކަމަށް ފުލުހުން ވަނީ މަޢުލޫމާތުދީފައެވެ.

Ad
rt

ހއ އަލިދޫ ރިސޯޓްއަށް އެކި ދުވަސްމަތިން އަރައި އެ ރިސޯޓުން ގިނަ އަދަދެއްގެ ތަކެތި ވަގަށް ނަގާފައިވަ ކަމުގެ މައްސަލަ އެއް ފުލުހުންނަށް ހުށައަޅާފައިވަނީ މިމަހުގެ 24 ވަނަ ދުވަހު އެވެ.

މި މައްސަލަ އާއި ގުޅިގެން، މިމަހުގެ 26 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ހއ. އުތީމުގެ ބައެއް ގެތަށް (ޖުމްލަ 9 ގެ) ބަލައިފާސްކުރުމަށް ފަހު ގިނަ އަދަދެއްގެ ތަކެތި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް ފުލުހުން މީޑިޔާތަކަށް މަޢުލޫމާތު ދެމުން ބުނެފައިވެއެވެ.

މި މައްސަލަ އާ ގުޅިގެން މިމަހުގެ 26 ވަނަ ދުވަހު ޖުމްލަ 04 ދިވެހި ފިރެހެނުން (35 ،34، 33 ،30 އަހަރު) ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، އެމީހުން ގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ހއ ފިއްލަދޫ މެޖިސްޓްރޭޓް ކޯޓުން 10 ދުވަސް ބަންދު ގައި ބޭތިއްބުމަށް އަމުރުކޮށްފައިވާތީ އެމީހުން ބަންދުކޮށްފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.

އެ މައްސަލަ އާއި ގުޅިގެން މިމަހުގެ 28 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން އިތުރު ދެމީހަކުވެސް ވަނީ ހައްޔަރު ކޮށްފައެވެ. އެއީ 30 އަހަރުގެ ދިވެހި ފިރިހެނަކާއި 34 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެ ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް އިހަވަންދޫ މެޖިސްޓްރޭޓު ކޯޓަށް ހާޒިރު ކުރުމުން އެ މީހުންގެ ބަންދަށް 10 ދުވަސް ޖަހާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މިމައްސަލައިގައި އެއްރަށަކުން އެހާ ބައިވަރުބަޔަކު ހައްޔަރު ކުރުމުން ސުވާލު އުފެދޭ ކަންތައްތަކެއް ހުރިކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި އަލިދޫގައި ހުރި ބަޔެއް ސާމާނުތައް އެކިފަރާތްތަކަށް ވިއްކާފައިވެއެވެ. އެގޮތުން އުތީމުގެ އިތުރުން ހއ އަދި ހދ ގެ ރަށްރަށުގައިވެސް އެރަށުން ވިއްކި ސާމާނު ގަނެފައިވާކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

އަލިދޫ ރިސޯޓު މިހާރު އޮތީ ބަންދު ކޮށްފައެވެ. ސަރުކާރުން އެ ރަށް ކުއްޔަށް ދޫކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަދި ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރުގެ އާއިލީ މަސްލަހަތު އޮންނަ ޔޮޓް ޓުއާސް އަށެވެ. އަލިދޫ ރިސޯޓަށް ލިބުނު ގެއްލުންތަކުގެ ބަދަލު ހޯދަން ޔޮޓް ޓުއާސް އިން ވަނީ އެލައިޑް އިންޝުއަރެންސް ކުންފުންޏާ ދެކޮޅަށް ވެސް ދައުވާކޮށްފަ އެވެ. އަލިދޫ ރިސޯޓް އިންޝުއާ ކޮށްފައިވާ އެލައިޑާ ދެކޮޅަށް ދައުވާކުރަނީ ރިސޯޓަށް ލިބުނު ގެއްލުންތަކުގެ ބަދަލު ހޯދަން ހުށަހެޅުމުން އެ ބަދަލު ދެވެން ނެތް ކަމަށް އެ ކުންފުނިން ނިންމުންނެވެ.

ނޯޓް: މިމައްސަލައިގައި ހައްޔަރުކުރި މީހުންގެ މައްސަލަ ޕީޖީއަށް ފޮނުވިކަމަށް މިނޫހުގައި ޝާއިރުކުރި ހަބަރު ވަނީ ފުލުހުންގެ އެދުމުގެ މަތިން ޑިލީޓް ކުރެވިފައެވެ. އެމަޢުލޫމާތަކީ ފުލުހުން މީޑިޔާތަކަށް މަޢުލޫމާތު ހިއްސާކުރުމުގައި އެޅި އޮޅުމެއްކަމަށް ފުލުހުން ފަހުން ވަނީ ބުނެފައެވެ. ފުލުހުން ވަނީއެކަމަށް މާފަށްއެދި އެކުއް އިސްލާހު ކޮށްފައެވެ. އެހެން ކަމުން ކިއުންތެރިންގެ ކިބައިން މިނޫހުގެ ފަރާތުން މާފަށް އެދެމެވެ.