ކޮވިޑް 19 އާ ގުޅިގެން ސަރުކާރުގެ ސްޓިމިޔުލަސް ޕެކޭޖުގެ ތެރެއިން ޕާސަނަލް، ހައުސިން އަދި ވިޔަފާރި ލޯނުތައް ދެއްކުން ހަ މަސް ދުވަހަށް ފަސްކޮށްދީފައި ވާއިރު އިތުރުކޮށްދޭ ހަމަހުގައި އެލޯނު ތަކަށް އިންޓްރެސްޓެއް ނުހިނގާނެ ކަމަށާއި އިތުރު ފައިސާއެއް ވެސް ދައްކަން ނުޖެހޭ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފި އެވެ.

އެ ބޭންކުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހަ މަސް ދުވަހު ލޯނުގެ އިންޓަރެސްޓަށްވާ ފައިސާ ލޯނުގެ އަދަދަށް އިތުރުކުރެވި ލޯނުގެ ބާކީ މުއްދަތުގެ ތެރޭގައި މަހުންމަހަށް ބަހާލައިގެން ދައްކަން ޖެހޭނެ ކަަމަށެވެ. ނަމަވެސް ލޯނު އަނބުރާ ދެއްކުން ފަސްކޮށްދޭ މުއްދަތުގައި ކޮމްޕައުންޑްކޮށް އިންޓަރެސްޓް ނުނެގުމަށް ހަމަޖައްސާފައިވާ ކަަމަށާއި އިންޓަރެސްޓް މައްޗަށް ބޭންކުން އިތުރު އިންޓަރެސްޓެއް ނުނަގާނެ ކަމަށެވެ.

Ad
rt

މީގެ އިތުރުން އެބޭންކުން ވަނީ ލޯނު އަނބުރާ ދެއްކުން ފަސްކޮށްދިނުމަށް ކަނޑައަޅާފައިވާ ޝަރުތުތަކަށް ވެސް އިތުރު ލުއިކަމެއް ގެނެސްފައެވެ. އެގޮތުން މިހާރު ލޯނަށް ގަވައިދުން ދައްކަން ޖެހި، ނުދައްކާ އެއްމަސް ދުވަހުގެ އިންސްޓޯލްމަންޓް އޮންނަ ކަސްޓަމަރުންނަށްވެސް ޝަރުތު ހަމަވާ ގޮތަށް ވަނީ ކަނޑައަޅައިފައެވެ.

ނަމަވެސް އެއްމަހަށް ވުރެ ގިނަ ދުވަހު ފައިސާ ދައްކާފައި ނުވާ ކަސްޓަމަރުން ދައްކަން ޖެހޭ ފައިސާ ދެއްކުމަށްފަހު ލޯނު އަނބުރާ ދެއްކުން ފަސްކުރުމުގެ ފުރުސަތަށް އެދި ހުށަހެޅިދާނެ ކަމަށް ބޭންކުން ބުނެއެވެ. މި ގޮތުން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ކޮންމެ ވަގުތެއްގައިވެސް ލޯނުގެ ފައިސާ ފަހުން ދެއްކޭނެ ގޮތް ހަމަޖައްސައިދިނުމަށް ކަސްޓަމަރަށް އެދެވޭނެ ކަމަށް ވެސް ބީއެމްއެލުން ބުނެއެވެ.

ކުރިން ކަނޑައަޅާފައިވާ ގޮތުން ނަމަ މިގޮތަށް ފަސް ކުރާ މުއްދަތުގައި ނަގާ އިންޓްރެސްޓް އެއް މަހުން އަނެއް މަހަށް ދާނީ އިތުރުވަމުންނެވެ.

ބީއެމްއެލުން ބުނީ ލޯނު ފަސްކުރަން ކޮންމެ ކަސްޓަމަރަކަށް ވެސް ވަކިވަކިން ލޯނާ ގުޅޭ މައުލޫމާތު ފޯރުކޮށްދީ، އެކަމަށް ފަސޭހައިން އެދެވޭނެ އިންތިޒާމް އެބޭންކުން ހަމަޖައްސައިދޭނެ ކަމަށެވެ. އެގޮތުން އޮންލައިންކޮށް ފޯމު ހުށަހެޅޭނެ ގޮތް އަންނަ ހަފުތާގައި ހަމަޖައްސާނެ ކަމަށް ވެސް އެބޭންކުން ބުންޏެވެ.

ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރުވެސް ވަނީ މިކަމަށް އަލިއަޅުއްވާލައްވާ ޓުވީޓެއް ކުރައްވާފައެވެ. އަމީރު ވިދާޅުވީ ބައެއް ފަރާތްތަކުން ހީކުރަމުންދާ ގޮތަށް ލޯނު ދެއްކުން ހަަމަހަށް ފަސްކުރާ މުއްދަތުގެ އިންޓްރެސްޓަށް ބީއެމްއެލްއިން އިތުރު އިންްޓްރެސްޓްއެއް ނުނަގާނެކަމަށެވެ. އެބޭފުޅާ ވިދާޅުވީ ބޭންކުގެ ގާބިލްކަމާއި ބޭންކުން އަމަލު ކުރަންޖެހޭ ބައިނަލްއަގްވާމީ ހަމަތަކާއި އެއްގޮތަށް ކަސްޓަމަރުންނާއި ގައުމަށް އެހީވުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އަދި ހާލަތަށް ބަލައި އިތުރަށް އެހީވަމުންދާާނެ ކަމަށްވެސް އަމީރު ވިދާޅުވިއެވެ.

ބީއެމްއެލްއިން މިކަން އިޢުލާނުކޮށް ފުރަތަމަ ނެރެފައިވާ ބަޔާނަށް ގިނަބަޔެއްގެ ފާޑު ކިއުން ވަނީ އަމާޒުވެފައެވެ.