ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮވިޑް-19 ނުވަތަ ކޮރޯނާ ވައިރަސް ޖެހުނު މީހުންގެ އަދަދު ދެވަނަ އަށް އެންމެ ގިނަ ޤައުމު ކަމުގައި އިޓަލީ ވިލާތް ހިމެނިއްޖެއެވެ.

މިބަލި އިޓަލީއިން މިހާތަނަށް 86493 މީހުންނަށް ވަނީ ޖެހިފައެވެ. އިޓަލީން މިބަލީގެ ފުރަތަމަ ކޭސް ރިޕޯޓް ކޮށްފައިވަނީ މިއަހަރުގެ ފެބްރުއަރީ 20 ގައިއެވެ.

Ad
rt

2019 ވަނަ އަހަރު ޑިސެމްބަރުމަހު ފަހުކޮޅު ޗައިނާގެ ވޫހާން ސިޓީގެ މާރުކޭޓަކުން ފެތުރެންފެށި މިބަލި، ޗައިނާއިން މިހާތަނަށް ޖެހިފައިވަނީ 81340 މީހުންނަށެވެ.

ކުރިން އެންމެ ގިނަ މީހުން މިބައްޔަށް ޕޮޒިޓިވްވި ޗައިނާއަށްވުރެ، ބަލި ޖެހުނު މީހުންގެ ޢަދަދު މަތިވެ، އެންމެ ގިނައިން މިބަލި ޖެހުނު މީހުން ތިބި ޤައުމަށް އެމެރިކާ ވަނީ ރޭގެ ވަގުތެއްގައި ވެފައެވެ.

ބަލި ފެތުރެން ފެށި ޗައިނާއިން މިހާތަނަށް މިބަލީގައި މަރުވެފައިވަނީ 3292 މީހުންނެވެ. ނަމަވެސް އިޓަލީން މިހާރުވަނީ 9134 މީހުން މިބަލީގައި މަރުވެފައެވެ. ދުނިޔޭން މިބަލީގައި އެންމެ ގިނަ މީހުން މަރުވެފައި ވަނީވެސް އިޓަލީންނެވެ. އެމެރިކާއިން މިބަލީގައި މަރުވެފައި ވަނީ 1384 މީހުންނެވެ.

މިބަލިން މި ތިން ޤައުމުން މީހުން ރަނގަޅުވި ޢަދަދަށް ބަލާއިރު ޗައިނާއިންވަނީ 74588 މީހުން ރަނގަޅުވެފައިއެވެ. އިޓަލީން ރަނގަޅު ވެފައިވަނީ 10950 މީހުންނެވެ. އެމެރިކާއިން ރަނގަޅުވެފައި ވަނީ 2424 މީހުންނެވެ.

މިހާލަތުގައި އިޓަލީއަށް އެހީވުމަށް ޗައިނާގެ ސިއްޚީ އެހީތެރިން ގޮސްފައިވާއިރު، ސިއްޚީ އާލާތްތައްވެސް ޗައިނާއިން އިޓަލީއަށް ދަނީ ފޮނުވަމުންނެވެ.

ދުނިޔޭގައި އެމެރިކާ ފިޔަވައި އެންމެ ބާރަށް މިބަލި ފެތުރެމުން ދަނީ ޔޫރަޕް ބައްރުގައެވެ. އިޓަލީ ވިލާތުގެ އިތުރުން، ސްޕޭން، ޖަރުމަނު ވިލާތް، ފުރާންސް، ސްވިޒަލޭންޑް، އިނގިރޭސިވިލާތް، ނެދަލެންޑް، ސްވިޑަން އަދި ބެލްޖިއަމް ފަދަ އެތައް ޔޫރަޕްގެ ޤައުމެއްގައި ހަލުވިކަމާއިއެކު މިބަލި ދަނީ ފެތުރެމުންނެވެ.

ދިނިޔޭން މިހާތަނަށް މިބައްޔަށް 572464 މީހުންވަނީ ޕޮޒިޓިވްވެ، 26348 މީހުންވަނީ މަރުވެފައެވެ. 129،946 މީހުން މިހާތަނަށް މިބަލިން ރަނގަޅުވެފައި ވެއެވެ.

ކޮވިޑް-19 ވައިރަސް މިހާރު ވަނީ ދުނިޔޭގެ އެކި ބައްރުތަކުން 199 ޤައުމަށާއި، ސަރަހައްދަށް ފެތުރިފައެވެ.