ކޮވިޑް-19ގެ ސަބަބުން ވަރުގަދަ އެމެރިކާ އިނދަޖެހެނީ

4323B390-AA13-427E-AEB8-A268AD8D4B9B

ދުނިޔޭގެ އެހެން ކަންކޮޅުތަކެކޭ އެއްފަދައިން، އެމެރިކާގައި ހިފެހެއްޓުމެއްނެތި ފެތުރެމުންދާ ކޮވިޑް- 19 ގެ ސަބަބުން އެމެރިކާގެ އިގުތިސާދު އަޑިއަޅާލައިފިކަމަށާއި އިގްތިސާދު ދަށަށް ދަނީ ލަފާކުރެވިފައިވާ ވަރަށް ވުރެ މާ އަވަހަށް ކަމުގައި އެމެރިކާގެ އެންމެ ބޮޑު އެއް ނޫސް، ވޮޝިންޓަން ޕޯސްޓުން ބުނެފިއެވެ.

ކޮވިޑް- 19 ގެ ވަކި އެމެރިކާގައި ވެސް ހިއްޕަމުން ދާއިރު، އެ ނޫހުން ބުނެފައިވާ ގޮތުގައި 2008 ގައި ވެއްޓުނު މާލީ އަޑިގަނޑަށްވުރެ އަޑިއަށް މިފަހަރު އެމެރިކާގެ އިގްތިސާދު ވެއްޓޭނެއެވެ.

އެމެރިކާގެ ގިނަ އިކޮނޮމިސްޓުންނާއި ރިސާޗަރުން ލަފާކުރާ ގޮތުގައި އެ ގައުމުގެ ފެޑެރަލް ސަރުކާރުގެ އެހީތެރިކަން ލިބުނު ނަމަވެސް އެތައް މިލިއަން ބައެއްގެ ވަޒީފާ ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި ގެއްލޭނެއެވެ. މިދިޔަ ހަފްތާގައި އެމެރިކާ ސަރުކާރުން އާއްމުކުރި ރިޕޯޓަކުން ދައްކާ ގޮތުގައި 280،000 އަށް ވުރެ ގިނަ މީހުންގެ ވަޒީފާ ވަނީ އެ ހަފްތާގައި އެކަނިވެސް ގެއްލިފައެވެ.

ކޮވިޑް19ގެ ސަބަބުން އެމެރިކާގެ އިޤްތިސާދަށް ކުރާ ނޭދެވޭ އަސަރުތަކުގެ ސަބަބުން ގާތްގަނޑަކަށް 10 މިލިއަން މީހުންގެ ވަޒީފާ ގެއްލޭނެ ކަމަށް ތަޖުރިބާކާރުން ލަފާކޮށްފިއެވެ.

ވޮޝިންޓަން ޕޯސްޓުން ނުބެފައިވާ ގޮތުގައި، ކުރިއަށް އޮތް ހަފުތާތެރޭގައި ވަޒީފާ ގެއްލިގެން އެހީތެރިކަން ހޯދަން ލޭބާ ޑިޕާޓްމަންޓަށް ހުށަހަޅާ މީހުންގެ އަދަދު ތިން މިލިއަނަށް އަރާނެއެވެ. މިއަދަދާއެކު އެމެރިކާގައި ވަޒީފާ ނެތިފައި ތިބި މީހުންގެ ނިސްބަތް %3.5 އިން %20 އަށް އަރައިގެން ދާނެއެވެ.

ޓެކްނޮލޮޖީގެ ގޮތުން އެމެރިކާ އަކީ ކިތަންމެ ކުރިއަރާފައިވާ ގައުމަކަށް ވީ ނަމަވެސް ބަލިމަޑުކަމަކަށް އެ ގައުމުން ތައްޔާރުވެފައި ނެތުމުގެ ސަބަބުން ބޮޑެތި ގޮންޖެހުންތަކާއި ދަނީ ކުރިމަތިވަމުންނެވެ. އެގޮތުން ވަރަށް  ސިއްހީ ޚިދުމަތަށް ބޭނުންވާ ވަރަށް އަސާސީ ސާމާނުގެ ދަތިކަން އެގައުމަށް ވަނީ ކުރިމަތިވެފައެވެ. އޭގެ ތެރޭގައި ފޭސް މާސްކާއި ސެނިޓައިޒާ ފަދަ ތަކެތިހިމެނެ އެވެ.

މިކަމުގެ ނުރައްކާތެރިކަން ހާމަކުރަމުން ވޮޝިންޓަން ޕޯސްޓުން ބުނެފައި ވަނީ، މި ހާލަތުގައި އެތައް މިލިއަން ބައެއްގެ ވަޒީފާ ގެއްލުން ގާތްކަމުގައެވެ. އަދި ސަރުކާރުން ކަންކަން ނިންމުމުގެ ދުވެލި ހުރި ގޮތުން ވަގުތުން އެކަން ފޫބައްދައި ދެވޭނެ ގޮތެއް ނެތް ކަމުގައެވެ.

ރައީސް ޑޮނާލްޑް ޓްރަމްޕްގެ ޓީމާއި ކޮންގްރެސްއިން ގުޅިގެން އެހީގެ ޕެކޭޖެއް ފާސްނުކުރެވިގެން އުޅެނިކޮށް އޭގެ އަދަދު ވަނީ ބޮޑުކުރަން ޖެހިފައެވެ. ފުރަތަމަ 1 ޓްރިލިއަން ޑޮލަރުގެ ޕެކޭޖެއް ފާސްކުރަން އުޅުނު ނަމަވެސް އެ އަދަދު ވަނީ ފަހުން ބޮޑުކޮށްފައެވެ.

މިހާލަތުގައި ސަރުކާރުން ކުރަން ޖެހޭ ކަމަކީ އެމެރިކާގެ ކޮންމެ މީހަކަށް ވަގުތުން 2000 ޑޮލަރުން ދިނުން ކަމުގައި ނިއުޔޯކް ޓައިމްސް އިން ނެރުނު ރިޕޯޓެއްގައި ބުނެފައި ވެއެވެ. ނިއުޔޯކް ޓައިމްސް އިން ފާހަގަކޮށްފައިވާ ގޮތުގައި ކޮންގްރެސްގެ ބައެއް މެންބަރުން ވެސް ވަނީ ކޮންމެ ރައްޔިތަކަށް 2000 ޑޮލަރު ދިނުމަށް ހުށަހަޅުއްވާފައެެވެ. އަދި އަހަރު ނިމުމުގެ ކުރިން ކޮންމެ ރައްޔިތަކަށް 4500 ޑޮލަރު ލިބޭނެ ގޮތް ހެދުމަށެެވެ.

ފުރަަތަމަ 2000 ޑޮލަރު ދިނުމަށްވެސް 660 ބިލިއަން ޑޮަލަރު ބޭނުންވާނެ ކަމަށް ވެއެވެ. އެއީ އެމެރިކާގެ އުފެއްދުންތެރިކަމުގެ %3 އެވެ. މިކަމުގެ ސަބަބުންވެސް އިގްތިސާދު އިތުރަށް ވެއްޓިގެން ދިއުން އެކަށީގެން ވެއެވެ.

ފަރަންސޭސިވިލާތުގެ ނޫހެއްކަމަށްވާ ލިޒްކޯ ގައި ޝާއިޢުކޮށްފައިވާ މި ރިޕޯޓް ބުނާގޮތުން ކޮވިޑް-19 އާއެކު ދުނިޔޭގެ ވައިގެ ދަތުރުތަކަށް ހުރަސްއެޅި ބައިނަލްއަގްވާމީ އިގްތިސާދަށްވަނީ ކުއްލި ޝޮކެއް ކުރިމަތިވެފަ އެވެ. މިޝޮކާއެކު އެންމެ ފުރަތަމަ އިނދަޖެހޭނީ ދުނިޔޭގެ ގައުމުތަކުގެ އެއާލައިންތައްކަމަށާ ހަމައެއާ އެކު ރެސޯޓްތަކާއި ހޮޓާތަކާއި ކެފޭ ރެސްޓޯރެންޓް ތަކާ އެދާއިރާތަކާ ގުޅިފައިވާ ރީޓެއިލް ވިޔަފާރިތަކަށް ވެސް މާލީ އެހީގެ ޕެކެޖްތައް ނުލިބިއްޖެ ނަމަ ލަސްތަކެއްނުވެ އެކުންފުނިތައް ބަނގުރޫޓް ވެގެންދާނެކަމަށް ލިޒްކޯގެ ރިޕޯޓު ބުނެއެވެ.

ކޮވިޑް-19 ގެ ސަބަބުން މިހާރު އެންމެ ބޮޑަށް ގެއްލުމެއް ލިބެނީ ޗައިނާގެ އިތުރުން ޔޫރަޕާއި އެމެރިކާގެ އެއާލައިންސް ތަކަށެވެ. މި އެއާލައިންސްތަކުގެ 60 އިންސައްތައާއި 80 އިންސައްތަ އާ ދެމެދުގެ ދަތުރުތައް ކެންސަލްކޮށްފައިވާ ކަމަށް އިންޓަނޭޝަނަލް އެއާ ޓްރާންސްޕޯޓް އެސޯސިއޭޝަނުން ބުނެފައިވެއެވެ.

އެމެރިކާގައި ހަލުވިކަމާއި އެކު ކޮވިޑް19 ކޮރޯނާ ވައިރަސް ފެތުރެމުން އަންނައިރު އެގައުމުގެ ސިފައިންގެ ތެރޭގައިވެސް އެ ރޯގާ ދަނީ ފެތުރެމުންނެވެ. އެހެންވެ ޕެންޓަގަނުން ވެސް ވަނީ އިރާގުގައި ތިބޭ އެމެރިކާ ސިފައިންގެ ގިނަ ބަޔަކު އިރާގުން ބޭލުމާމެދު ވިސްނަމުންދާކަން ހާމަކޮށްފައެެވެ.

އެމެރިކާގައި 34882 އަށް ވުރެ ގިނަ މީހުންނަށް ކޮވިޑް19 ޖެހިފައިވާއިރު އެގައުމުން 450 އަށް ވުރެ ގިނަ މީހުން ވަނީ އެ ބަލި ޖެހިގެން މަރުވެފައެެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *