އީރާނުން ދެމުންދާ އިންޒާރުތަކާއި އެމެރިކާގެ އެތެރޭގެ ސަލާމަތީ ނުރައްކާތަކާ ގުޅިގެން، ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުގެ އިސް ވެރިންތަކެއް ވޮޝިންގޓަން ޑީސީ ސަރަހައްދުގައި ހުންނަ އަސްކަރީ މަރުކަޒުތަކަށް (މިލިޓަރީ ބޭސްތަކަށް) ދިރިއުޅުން ބަދަލުކޮށްފިއެވެ.

ސީއެންއެން އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޓްރަމްޕްގެ ސަރުކާރުގެ އިސް ގާތްގަނޑަކަށް ހަ ބޭފުޅަކު މިހާރު ދިރިއުޅުއްވަމުން ގެންދަވަނީ އަސްކަރިއްޔާގެ ބެލުމުގެ ދަށުގައިވާ ރައްކާތެރި ސަރަހައްދުތަކުގައެވެ.

މިއީ ތާރީޚުގައި ވެސް ސިވިލިއަން ނުވަތަ މަދަނީ އިސް ވެރިން މިފަދަ އަދަދަކަށް އަސްކަރީ މަރުކަޒުތަކުގައި ދިރިއުޅުއްވަން ފެއްޓެވި ފުރަތަމަ ފަހަރެވެ. މީގެ ކުރީގެ ރައީސުންގެ ވެރިކަމުގައި މަދަނީ އިސް އޮފިޝަލުން މިފަދަ މަރުކަޒުތަކުގައި ދިރިއުޅުއްވުމަކީ ވަރަށް ނާދިރު ކަމެއް ކަމަށާއި، އެއީ ހަމައެކަނި ވަގުތީ ކުއްލި ހާލަތްތަކުގައި ނުވަތަ ގާނޫނީ ވަކި ހަމަތަކެއްގެ ދަށުން އޮންނަ އިންތިޒާމުތަކުގައި މެނުވީ ހިނގާފައިވާ ކަމެއް ނޫން ކަމަށް ރިޕޯޓުތައް ބުނެއެވެ.

އަސްކަރީ މަރުކަޒުތަކަށް ދިރިއުޅުން ބަދަލުކުރެއްވި ބޭފުޅުންގެ ތެރޭގައި ޓްރެޜަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް ހިމެނިވަޑައިގަންނަވައެވެ. ޖޯޖްޓައުންގައި ހުންނަ އަމިއްލަ ގެކޮޅު ދޫކޮށްލެއްވުމަށްފަހު އަސްކަރީ މަރުކަޒަކަށް ބަދަލުވެވަޑައިގެންނެވި ބެސެންޓް ވަނީ، ތެހެރާނާ ދެކޮޅަށް އެމެރިކާއިން އަޅާ ދަތިކުރުމުގެ ފިޔަވަޅުތަކުގައި އޭނާ އިސް ދައުރެއް އަދާކުރައްވާތީ އީރާނުގެ ލީޑަރޝިޕުން އޭނާއަށާއި ކެބިނެޓުގެ އެހެން މެންބަރުންނަށް އަމާޒުކޮށް "މަރުގެ އިންޒާރުތައް ދޭން ފަށާފައިވާ" ކަމަށް ސީއެންބީސީ އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައެވެ.

މީގެ އިތުރުން އެޓާނީ ޖެނެރަލް ޓޮޑް ބްލާންޗް ވެސް ވަނީ އަމިއްލަ ރައްކާތެރިކަމަށްޓަކައި އަސްކަރީ ބޭހަކަށް ދިރިއުޅުން ބަދަލުކުރައްވާފައެވެ. މިއީ 2025 ވަނަ އަހަރު އޭރުގެ އެޓާނީ ޖެނެރަލް ޕޭމް ބޮންޑީ ވެސް އަސްކަރީ މަރުކަޒެއްގައި ދިރިއުޅުއްވި އުސޫލުން އަޅާފައިވާ ފިޔަވަޅެކެވެ. ހަމައެއާއެކު، ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ އަދި ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު ވެސް ދިރިއުޅުއްވަނީ ވެރިރަށުގެ ސަރަހައްދުގައި ހުންނަ އަސްކަރީ ހައުސިންގގައެވެ.

ވައިޓް ހައުސްގެ ޗީފް އޮފް ސްޓާފް ސްޓީވަން މިލާ ވެސް އޭނާގެ އާއިލާއާއެކު މިހާރު ދިރިއުޅުއްވަނީ ރޫބިއޯ އަދި ހެގްސެތު ދިރިއުޅުއްވާ އަސްކަރީ މަރުކަޒުގައެވެ. މިލާ އެ މަރުކަޒަށް ބަދަލުވެވަޑައިގެންނެވީ ވާޖީނިއާގައި ހުންނަ އޭނާގެ އަމިއްލަ ގެކޮޅު ކައިރިއަށް މުޒާހަރާގެ ބައިވެރިން އެއްވެ، އޭނާގެ އަމިއްލަ އެޑްރެސް ހިމެނޭ ގޮތަށް ލީފްލެޓްތަކެއް ބެހުމާ ގުޅިގެން އުފެދުނު ސަލާމަތީ ކަންބޮޑުވުންތަކާ ހެދިއެވެ.

އޮފިޝަލުން އަސްކަރީ ބޭސްތަކަށް ބަދަލުވާން ފަށާފައި މިވަނީ، ވޮޝިންގޓަންގައި ތިއްބަވާ އެމެރިކާގެ އިސް އޮފިޝަލުންނަށް އަމާޒުކޮށް ކެމިކަލް ނުވަތަ ރޭޑިއޮލޮޖިކަލް ("ޑާޓީ ބޮމް") ހަމަލާތަކެއް ދިނުމަށް އީރާނުން ރާވަމުންދާ ކަމަށް އެމެރިކާގެ ޖާސޫސީ އިދާރާތަކުން ނޮވެމްބަރު މަހު އިންޒާރު ދީފައިވާ ދަނޑިވަޅެއްގައެވެ.

މި ނިންމުމާ ގުޅިގެން ވައިޓް ހައުސްގެ އޮފިޝަލުން ބުނަނީ، ބޭރުގެ އަދި އެތެރޭގެ ނުރައްކާތައް ކުރިމަތިވެފައިވާ ވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މި ފިޔަވަޅުތަކަކީ ކޮންމެހެން މުހިންމު ފިޔަވަޅުތަކެއް ކަމަށެވެ. ނަމަވެސް ގައުމީ ސަލާމަތާއި ވެރިކަން ހިންގުމުގެ ދާއިރާގެ މާހިރުން ސީއެންއެން އަށް ފާހަގަކުރި ގޮތުގައި، ގިނަ އަދަދެއްގެ މަދަނީ ވެރިން އަސްކަރީ ފައުޖުތަކުގެ ރައްކާތެރިކަމުގެ ތެރެއަށް ވަދެވަޑައިގަތުމަކީ، އާންމު ރައްޔިތުންގެ ތެރޭގައި ވެރިން ދިރިއުޅުމުގެ ޑިމޮކްރެޓިކް އާންމު އުސޫލުތަކާ މުޅިން ޚިލާފު ކަމެކެވެ.