އެމެރިކާގެ ރައްޔިތުން ދައްކާ ޓެކްސް ފައިސާއިން އިސްރާއީލުގެ އަސްކަރިއްޔާއަށް ފޯރުކޮށްދޭ ބޮޑެތި މާލީ އެހީތައް ހާމަކޮށް، އެ ގައުމުގެ މަޝްހޫރު ޓީވީ ނެޓްވޯކް އެންބީސީން ދެއްކި އިޝްތިހާރަކާ ގުޅިގެން އިސްރާއީލު ސަރުކާރާއި ޔަހޫދީ ޖަމާއަތްތަކުން ވަރުގަދަ ނުރުހުމެއް ފާޅުކޮށްފިއެވެ.

އެމެރިކާގެ "ތޭންކްސްގިވިންގ" ޗުއްޓީއާ ދިމާކޮށް ބުދަ ދުވަހުގެ ރޭ ދެއްކި މަގުބޫލު ޝޯ "ސެޓަޑޭ ނައިޓް ލައިވް" ގެ ޚާއްސަ އެޕިސޯޑުގެ ތެރެއިން މި އިޝްތިހާރު ވަނީ އެމެރިކާގެ އެކި ކަންކޮޅުތަކަށް ދުރަށް ދައްކައިފައެވެ.

ކެލިފޯނިއާގައި ހިންގާ ފަލަސްތީނުގެ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތެއް ކަމަށްވާ "އިންސްޓިޓިއުޓް ފޯ މިޑްލް އީސްޓް އަންޑަސްޓޭންޑިންގ ޕޮލިސީ ޕްރޮޖެކްޓް" (އައިމީއު) އިން ތައްޔާރުކުރި 30 ސިކުންތުގެ މި އިޝްތިހާރު ފެށެނީ އެމެރިކާގެ ކުޑަ އަންހެން ކުއްޖަކު ބައިސްކަލެއް ގަތުމަށް ބޭނުންވާ 400 ޑޮލަރު ހޯދުމަށް އަހަރު ދުވަހު ގޭތެރޭގެ އެކި މަސައްކަތްތައް ކުރާ މަންޒަރުންނެވެ. ނަމަވެސް، ދެން ފެނިގެންދަނީ އިސްރާއީލުން ބޮންއަޅައި ހަލާކުކޮށްލާފައިވާ ޣައްޒާގެ ކުނިބުނީގެ ތެރޭގައި އެއްފައި ގެއްލި، އަސާގަނޑެއްގެ އެހީގައި ހިނގަން މަސައްކަތްކުރާ ފަލަސްތީނުގެ އަންހެން ކުއްޖެކެވެ. އެ މަންޒަރާއެކު އިޝްތިހާރުގެ އަޑުއަޅާ ފަރާތުން ބުނަނީ، ކޮންމެ ތިން ސިކުންތަކުން އެމެރިކާ ސަރުކާރުން އެ ގައުމުގެ ރައްޔިތުންގެ ޓެކްސް ފައިސާއިން 400 ޑޮލަރު އިސްރާއީލަށް މިފަދަ ކަންކަން ކުރުމަށް ފޮނުވާ ކަމަށެވެ.

މި އިޝްތިހާރުގައި ފާހަގަކޮށްފައިވާ ހިސާބުތަކަށް ބަލާއިރު، 2019 އިން 2028 އަށް އެކުލަވާލާފައިވާ 10 އަހަރުގެ އެއްބަސްވުމެއްގެ ދަށުން އެމެރިކާއިން އަހަރަކު ރަސްމީކޮށް 3.8 ބިލިއަން ޑޮލަރު އިސްރާއީލަށް ދެއެވެ. މިއީ ކޮންމެ ތިން ސިކުންތަކުން ގާތްގަނޑަކަށް 360 އަށް ވުރެ ގިނަ ޑޮލަރެވެ. މީގެ ތެރޭގައި ޚާރިޖީ އަސްކަރީ އެހީގެ ގޮތުގައި ދޭ 3.3 ބިލިއަން ޑޮލަރާއި މިސައިލް ދިފާއީ ޕްރޮގްރާމްތަކަށް ކަނޑައަޅާފައިވާ 500 މިލިއަން ޑޮލަރު ހިމެނެއެވެ. އިޝްތިހާރު ނިމޭއިރު ބެލުންތެރިން ގެންދާ "ނޯ މޯ ފޯ އިސްރާއީލް" ވެބްސައިޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، 1948 ވަނަ އަހަރުން ފެށިގެން އެމެރިކާއިން ވަނީ އިންފްލޭޝަނަށް ބަލައި 330 ބިލިއަނަށް ވުރެ ގިނަ ޑޮލަރު އިސްރާއީލަށް ފޮނުވައިފައެވެ. އަދި މިހާރު ވެސް ވައިޓް ހައުސްއިން ސިއްރިއްޔާތުގައި މަޝްވަރާކުރަމުން ދަނީ ކުރިއަށް އޮތް ފަސް އަހަރު ތެރޭ އިތުރު 19 ބިލިއަން ޑޮލަރުގެ ހަތިޔާރު އިސްރާއީލަށް ދިނުމަށެވެ.

މި އިޝްތިހާރާ ގުޅިގެން އައިމީއުގެ އެގްޒެކެޓިވް ޑިރެކްޓަރު މާގްރެޓް ޑިރޫސް "ސެމަފޯ" އަށް ވިދާޅުވީ، އެ ޖަމާއަތުން މި އިޝްތިހާރު ދެއްކީ އެމެރިކާގެ ރައްޔިތުން ދައްކާ ފައިސާ ޚަރަދުކުރެވެނީ ކޮން ކަމަކަށްކަން އެނގުމުގެ ހައްގު އެ މީހުންނަށް އޮންނަންޖެހޭނެ ކަމަށް ގަބޫލުކުރެވޭތީ ކަމަށެވެ. ބުދަ ދުވަހުގެ ރޭ މި އިޝްތިހާރު ދެއްކި ޝޯ ބެލި މީހުންގެ ރަސްމީ އަދަދު އަދި ހާމަނުކުރި ނަމަވެސް، މިދިޔަ އަހަރުގެ މި ޚާއްސަ ޝޯ ގާތްގަނޑަކަށް 2.7 މިލިއަން މީހުން ވަނީ ބަލައިފައެވެ.

މި އިޝްތިހާރު ދެއްކުމާ ގުޅިގެން އިސްރާއީލުގެ ނޫސްތަކާއި އެ ގައުމުގެ ޚާރިޖީ ވުޒާރާއިން އަދި އެމެރިކާގައި ތިބި އިސްރާއީލަށް ތާއީދުކުރާ ފަރާތްތަކުން ވަނީ އެންބީސީއަށް ވަރަށް ބޮޑަށް ފާޑުކިޔައިފައެވެ. އިސްރާއީލުގެ ޚާރިޖީ ވުޒާރާއިން ބުނީ، މި ޗުއްޓީ މޫސުމުގައި އެއްވެސް ބަޔަކު އޯގާތެރިކަމުގެ ނާޖާއިޒު ފައިދާ ނެގިޔަ ނުދިނުމަށާއި، މި ކެމްޕޭނަށް ފަންޑުކުރަނީ އިސްރާއީލު ނައްތާލުމުގެ މަގުސަދު އޮތް ކޮން ބައެއްތޯ ސުވާލު އުފައްދަންޖެހޭ ކަމަށެވެ. އަދި ޔަހޫދީ ޖަމާއަތެއް ކަމަށްވާ "އެންޑް ޖޫ ހޭޓްރެޑް" އިން ވަނީ މި އިޝްތިހާރަކީ ހަމާސްގެ ޕްރޮޕެގަންޑާއެއް ކަމަށް ބުނެ، އެންބީސީން އެ ދެއްކުން ހުއްޓުވުމަށް ޕެޓިޝަނެއް ހުށަހަޅައިފައެވެ.

މީގެއިތުރުން އެންޓި-ޑިފެމޭޝަން ލީގުގެ ސީއީއޯ ޖޮނަތަން ގްރީންބްލެޓް އެކްސްގައި ވިދާޅުވީ، އާއިލީ ޗުއްޓީއެއްގެ ދަނޑިވަޅުގައި އިސްރާއީލު ގޯސްކޮށް، އެމެރިކާގެ ޓެކްސް ފައިސާއާ ގުޅުވައިގެން ދޮގު މައުލޫމާތު ފެތުރުމަކީ ދިފާއުކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެކްޓިވިސްޓެއް ކަމަށްވާ ސަމަންތާ އެޓަސް ބުނީ، އިސްރާއީލުން ގަސްދުގައި ކުޑަކުދިންނަށް ހަމަލާދޭ ކަމަށް ބުނެ މި އިޝްތިހާރުން ދޮގު ފަތުރާ ކަމަށެވެ. ނަމަވެސް އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި ފަލަސްތީނުގެ 22،000 އަށް ވުރެ ގިނަ ކުޑަކުދިން މިހާތަނަށް ވަނީ ޝަހީދުވެފައެވެ.