އެމެރިކާގެ ވައިގެ ސިފައިން ބޭނުންކުރާ މައި ކްލައުޑް ކޮމްޕިއުޓިން ޕްލެޓްފޯމް ކަމަށްވާ "ކްލައުޑް ވަން" އަށް ހެކަރުން ވަދެ، އެ ސިސްޓަމްގެ ސަލާމަތީ ފިޔަވަޅުތައް ފޫއަޅުވާލައިފިއެވެ.
ރޮއިޓާސް ނިއުސް އެޖެންސީން ހާމަކޮށްފައިވާ ގޮތުގައި، މި ސައިބާ ހަމަލާގެ ސަބަބުން އަސްކަރިއްޔާގެ ހަނގުރާމަމަތީ މުހިންމު މައުލޫމާތުތަކާއި، މުވައްޒަފުންނާއި ލޮޖިސްޓިކްސްއާ ގުޅޭ ނާޒުކު ގިނަ ޑޭޓާތަކެއް ހާމަވުމުގެ ބިރު ވަނީ އުފެދިފައެވެ.
މި މައްސަލައާ ގުޅުންހުރި އިތުބާރު ހުރި ފަސް މަސްދަރަކާ ހަވާލާދީ ރޮއިޓާސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ހަމަލާ ފާހަގަކުރެވިފައިވަނީ ވޭތުވެދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި ސިސްޓަމް އަޕްގްރޭޑް ކުރުމުގެ އާންމު މަސައްކަތްތަކެއް ކުރިއަށްދަނިކޮށެވެ. މައުލޫމާތު ދިން ފަރާތަކުން ބުނި ގޮތުގައި، ހެކަރުން ވަނީ މި ޕްލެޓްފޯމުގެ "ކޮންޓްރޯލް ޕްލޭން" އާ ހަމައަށް ވާސިލުވެފައެވެ. ނަމަވެސް، މި ހަމަލާ ފެށުނު ތާރީޚަކާއި، މީގެ ފަހަތުގައިވަނީ ކޮން ބައެއްކަން އަދި އެއްވެސް ޑޭޓާއެއް ވަގަށް ނަގާފައިވޭތޯ ތަހުގީގުކުރާ ފަރާތްތަކަށް އަދި ދެނެގަނެވިފައެއް ނުވެއެވެ.
"ކްލައުޑް ވަން" އަކީ އެމެރިކާގެ އަސްކަރިއްޔާގެ އެންމެ ބޮޑު އެއް ކްލައުޑް ވިއުގައެވެ. އެސްއޭއައިސީ (SAIC) ގެ އަތުން 2025 ވަނަ އަހަރު މި ވިއުގަ ބެލެހެއްޓުން ބަދަލުކުރެވުނު ޕްރައިމް ކޮންޓްރެކްޓަރު ލެއިޑޯސް (Leidos) އިން މެނޭޖްކުރަމުން އަންނަ މި ޕްލެޓްފޯމުގައި ވައިގެ ސިފައިންގެ މައިގަނޑު އެތައް ސިސްޓަމެއް ހިންގައެވެ. އޭގެ ތެރޭގައި ސިފައިންގެ ރެކޯޑުތަކާއި، މުސާރައާ ބެހޭ ކަންކަމާއި، މަތިންދާބޯޓުތައް މަރާމާތުކުރުމާއި ސްޕެއާ ޕާޓްސްތައް ޓްރެކްކުރުން ފަދަ ލޮޖިސްޓިކްސް ބެލެހެއްޓުން ހިމެނެއެވެ.
މީގެ އިތުރުން އަސްކަރީ މުހިންމު އޮޕަރޭޝަންތަކަށް ބޭނުންކުރާ ސޮފްޓްވެއާތައް ވެސް މި ޕްލެޓްފޯމުގައި ހިމެނެއެވެ. އެގޮތުން އުތުރު އެމެރިކާގެ ވައިގެ ދިފާއީ ރާޑަރުތަކާއި ސެންސަރުތަކުގެ މައުލޫމާތު އެއްކުރާ "ކްލައުޑް-ބޭސްޑް ކޮމާންޑް އެންޑް ކޮންޓްރޯލް" ސިސްޓަމާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުރި ވައިގެ ސިފައިންގެ 200 އަށް ވުރެ ގިނަ މަރުކަޒުގައި ބޮމާއި މިސައިލް ފަދަ ހަތިޔާރުތައް ޓްރެކްކުރާ "ތިއޭޓާ އިންޓެގްރޭޓެޑް ކޮމްބެޓް މިއުނިޝަންސް ސިސްޓަމް" ހިންގަނީ ވެސް މި ކްލައުޑުގައެވެ.
މި ހަމަލާ ފަޅާއެރުމާ ގުޅިގެން، ވައިގެ ސިފައިން ވަނީ ކްލައުޑް ވަން އަށް ބެކް-އޮފީސް ސޮފްޓްވެއާތައް ބަދަލުކުރުމުގެ މަސައްކަތް ވަގުތުން ހުއްޓުވާފައެވެ. އަދި އަލަށް ފެންނަ ސޮފްޓްވެއާގެ މައްސަލަތައް ހައްލުކުރުމަށް އެޕްލިކޭޝަންތައް އަޕްޑޭޓްކުރުން ހުއްޓުވައި، ސިސްޓަމް ބޭނުންކުރާ ބައެއް ފަރާތްތަކުގެ އެޑްމިނިސްޓްރޭޓާ އިމްތިޔާޒުތައް ވެސް ވަނީ ބާތިލުކޮށްފައެވެ. މި ހާދިސާގައި ލިބުނު ގެއްލުންތައް ދެނެގަތުމަށް ފޮރެންސިކް އެސެސްމެންޓެއް ހެދުމަށް ޔޫއެސް ސައިބާ ކޮމާންޑް މިހާރު ވަނީ މި މަސައްކަތުގެ ތެރެއަށް ވައްދާފައެވެ.
މި ހާދިސާއާ ގުޅިގެން ވައިގެ ސިފައިން އެއްވެސް ތަފުސީލެއް ހާމަކުރަން ދެކޮޅު ހަދާފައިވާއިރު، އެ އިދާރާއިން ބުނީ ވަކިވަކި ނެޓްވޯކްތަކާއި ސިސްޓަމްތަކުގެ ސަލާމަތީ ހާލަތާއި، ނާޒުކު ކަންކަމާއި، އޮޕަރޭޝަނަލް ހާލަތާ ގުޅޭ ގޮތުން ކޮމެންޓް ނުކުރާ ކަމަށެވެ. މި ހަމަލާއަކީ އެމެރިކާގެ ސަރުކާރުގެ އިދާރާތަކަށް ފަހަކަށް އައިސް ކުރިމަތިވި ސައިބާ ހަމަލާތަކުގެ ތެރެއިން ހާމަވި މަދުވެގެން ހަތްވަނަ ހަމަލާއެވެ. މިގޮތުން މި ހިނގާ ނޮވެމްބަރު މަހުގެ 24 ގައި ސީއައިއޭ އަށާއި، 25 ގައި ޓްރެޜަރީ ޑިޕާޓްމަންޓުގެ ފިންސެން (FinCEN) ބިއުރޯގެ އިތުރުން، އެފްބީއައި އަދި ޑިޕާޓްމަންޓް އޮފް ހޯމްލޭންޑް ސެކިއުރިޓީއަށް ވެސް ވަނީ ސައިބާ ހަމަލާތައް އަމާޒުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!