ގއ. ނިލަންދޫ މަގުމަތީގައި ތޫނު ހަތިޔާރު ގެންގުޅެ، ބިރުވެރިކަން އުފައްދައި މާރާމާރީ ހިންގަން އުޅުނު ދެ މީހެއްގެ މައްޗަށް ކުރި ދަޢުވާތައް، ދަޢުވާ ފޯމުގައި އިދާރީ ކުށެއް އޮތުމުން ސާބިތުނުވާ ކަމަށް ނިންމި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ނިންމައިފިއެވެ.
މިކަން ހާމަކޮށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހުން މިއަދު ބުނީ، މި މައްސަލާގައި ދަޢުވާ އުފުލާފައިވަނީ ގއ. ނިލަންދޫ، ފެހިވިނަ، މުއުމިން ޙަސަން އަދި އެ ރަށު ސަރްދީގެ، ޢަލީ އިބްރާހީމްގެ މައްޗަށްކަމަށެވެ. އެ ދެ މީހުންގެ މައްޗަށް ދަޢުވާކުރީ 2025 މޭ 29 ވަނަ ދުވަހުގެ ރޭގަނޑު، ނިލަންދޫ މަގުމަތީގައި ޢާންމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް އަޑުގަދަކޮށް، ތޫނު ހަތިޔާރު ގެންގުޅެ، މާރާމާރީ ހިންގައި ރަށު ތެރޭގެ އަމަންއަމާންކަން ނަގާލަން އުޅުނު ކަމަށް ތުހުމަތުކުރެވުނު މައްސަލައިގައެވެ. މި މައްސަލައިގެ ދަޢުވާތައް ގއ. ނިލަންދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅީ 2025 ޖުލައި 23 ގައެވެ.
މި މައްސަލައިގައި މުއުމިން ޙަސަންގެ މައްޗަށް ދެ ދަޢުވާއެއް އުފުލިއެވެ. އެއީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރު ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ 3 ވަނަ މާއްދާގެ ދަށުން، މަޤްބޫލު ސަބަބެއް ނެތި ޢާންމު ތަނެއްގައި ތޫނު އެއްޗެއް ގެންގުޅުމުގެ ދަޢުވާއާއި، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 615 ވަނަ މާއްދާގެ ދަށުން، ޢާންމު ތަނެއްގައި ހުރި މީހަކު އެހެން މީހަކަށް ބިރު ހީވާނެކަން އެނގިހުރެ މާރާމާރީ ހިންގައި، ތަޅައިފޮޅައި، ހަރުކަށިކޮށް ނުވަތަ ބިރު އުފެދޭ ގޮތަށް އުޅުމުގެ ކުށުގެ ދަޢުވާއެވެ. އަދި ޢަލީ އިބްރާހީމްގެ މައްޗަށް އުފުލާފައިވަނީ ޤާނޫނުލްޢުޤޫބާތުގެ 615 ވަނަ މާއްދާގެ ދަށުން ކުރި ދަޢުވާއެވެ.
ޕީޖީ އޮފީހުން ބުނީ ދަޢުވާގައި ބަޔާންކޮށްފައިވާ ރޭ، އެ ދެ މީހުން އެ ޢަމަލުތައް ކުރިކަމަށް ދައުލަތުން ހުށަހެޅި ހަތަރު ޝަފަހީ ހެކިން ޝަރީޢަތުގެ މަޖިލީހުގައި ހެކިބަސް ދީފައިވާ ކަމަށެވެ. އަދި މައްސަލައާ ގުޅިގެން ހުށަހެޅި ފޮޓޯ ރިޕޯޓުން ވެސް އެކަން އެނގެން އޮތް ކަމަށް އެ އޮފީހުން ބުންޏެވެ. އެހެންނަމަވެސް، މި ދަޢުވާތައް ސާބިތުނުވާ ކަމަށް އެ ކޯޓުން ވަނީ 2026 ނޮވެންބަރު 26 ގައި ނިންމައިފައެވެ.
އެ ނިންމުން ކޯޓުން ބިނާކުރި މައިގަނޑު އަސާސަކީ، ދަޢުވާ ފޯމުގައި ކުށުގެ ޢަމަލު ހިނގި ސަރަޙައްދު ބަޔާންކުރުމުގައި ކުށެއް ލިޔެވިފައި ވުމެވެ. ޕީޖީ އޮފީހުން ފާހަގަކުރި ގޮތުގައި، ދަޢުވާ ފޯމުގައިވާ އެ ކުށަކީ އިދާރީ ކުށެއް ކަމާއި، އޭގެ ރަނގަޅު ގޮތަކީ ކޮބައިކަން ޝަރީޢަތުގެ މަޖިލީހުގައި ވަނީ ސާފުކޮށްދީފައެވެ. އަދި މި މައްސަލައިގައި ދަޢުވާކޮށްފައިވާ ކުށުގެ ޢަމަލު ފުރިހަމަވުމަށްޓަކައި ދައުލަތުން ސާބިތުކޮށްދޭން ޖެހެނީ ޢާންމު ތަނެއްގައި އެފަދަ ޢަމަލެއް ހިންގިކަން ކަމަށާއި، ވަކި ޚާއްޞަ ތަނެއް ކައިރީގައި އެކަން ހިނގުމަކީ ދަޢުވާކޮށްފައިވާ ކުށުގެ ޢުންޞުރެއް ނޫން ކަމަށް ވެސް ބުނެފައިވެއެވެ.
މީގެއިތުރުން، ދަޢުވާ ފޯމުގައި މިފަދަ ކުށެއް ލިޔެވިފައި އޮތުމަކީ، އޭގެ ސަބަބުން ދަޢުވާ ލިބޭ ފަރާތަށް އެ ދަޢުވާ އޮޅިދާނެ ޙާލަތެއްގައި މެނުވީ، ދަޢުވާއަށް އަސަރުކުރާނެ ކަމެއްގެ ގޮތުގައި ނުބެލެވޭނެ ކަމަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 85 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމަށް ވެސް ޕީޖީ އޮފީހުން ބުންޏެވެ. އެހެންކަމުން، މި ސަބަބުތައް މިހެން ހުރުމާއެކު، ނިލަންދޫ ކޯޓުގެ ނިންމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ޤަޞްދުކުރާ ކަމަށް އެ އޮފީހުން ވަނީ ހާމަކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!