ކިންގްސްޓަން ހޯލްޑިންގްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން އަގުހެޔޮކޮށް ސައިކަލު ވިއްކާ ކަމަށް ބުނެ އޮޅުވާލައިގެން ގިނަ ބައެއްގެ އަތުން ފައިސާ ނަގައި ޓަކައިގަތް މައްސަލައިގައި، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް 139 ދައުވާއެއް ކޯޓަށް ހުށަހަޅައިފިއެވެ.
މި ދައުވާތައް ސާބިތުވެއްޖެނަމަ އޭނާގެ މައްޗަށް މަދުވެގެން 133 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.
ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހުން މިއަދު ބުނީ، ކިންގްސްޓަން ހޯލްޑިންގްސްގެ މެނޭޖިން ޑިރެކްޓަރު، ދ. ބަނޑިދޫ، ޕޯލާރގްރޭސް، އަޙްމަދު ޢާޠިފް ޙަސަންގެ މައްޗަށް ޓެކުމުގެ ކުށުގެ 139 ދައުވާ ކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ 26 ނޮވެންބަރުގައެވެ. މި ދައުވާތައް އުފުލާފައިވަނީ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 212 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރާއި 3 ވަނަ ނަންބަރާ ހަވާލާދީ، 210 ވަނަ މާއްދާގެ (ށ) ގެ ދަށުންނެވެ.
އާތިފްގެ މައްޗަށް މި ދައުވާތައް އުފުލި ސަބަބެއް ކަމަށް ޕީޖީ އޮފީހުން ބުނީ، އޭނާ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުރެ، ކުންފުނި މެދުވެރިކޮށް އަގުހެޔޮކޮށް ސައިކަލު ވިއްކާ ކަމަށް ދައްކުވައިގެން 2023 ވަނަ އަހަރުން ފެށިގެން އެކި މީހުންގެ އަތުން ފައިސާ ނަގާފައިވާތީއެވެ. އަދި ސައިކަލު ފޯރުކޮށްދިނުމަށް އެއްވެސް މަސައްކަތެއް ނުކޮށް، އެ ފައިސާއިން އިތުރު ތަސައްރުފުކޮށް، މީހުންނަށް ސައިކަލު ދީފައިނުވުމުގެ އިތުރުން ފައިސާ ވެސް އަނބުރާ ރައްދުކޮށްފައި ނުވާ ކަމަށް އެ އޮފީހުން ފާހަގަކުރިއެވެ.
ޕީޖީ އޮފީހުން ބުނި ގޮތުގައި މި ދައުވާތައް ޝަރީއަތަށް ސާބިތުވާ ހާލަތެއްގައި އަހުމަދު އާތިފް ހަސަންގެ މައްޗަށް މަދުވެގެން 133 އަހަރާއި، 4 މަހާއި، 24 ދުވަހުގެ ޖަލު އަދަބެއް ކަނޑައެޅޭނެއެވެ.
މި މައްސަލައިގައި ދައުވާތައް ކޯޓަށް ހުށަހަޅާފައިވަނީ ސައިކަލު ގަތުމަށް ފައިސާ ދެއްކި ވަކިވަކި މީހުންގެ ބައި ވަކިންނެވެ. އެހެންކަމުން، މި ދައުވާތައް ސާބިތުވާ ހާލަތެއްގައި ހުށަހެޅިފައިވާ 139 ދައުވާގެ ތެރެއިން ކޮންމެ ދައުވާއަކަށް ވެސް ކޯޓުން އަދަބު ކަނޑައަޅާނީ ވަކިވަކިން ކަމަށް ޕީޖީ އޮފީހުން މައުލޫމާތު ދެއެވެ.
މީގެއިތުރުން، ފައިސާ ދެއްކި މީހުންނަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ޖުމްލަ 6,250,420.12ރ (ހަ މިލިއަން ދެ ލައްކަ ފަންސާސް ހާސް ހަތަރު ސަތޭކަ ވިހި ރުފިޔާ ބާރަ ލާރި) އަހުމަދު އާތިފް ހަސަންގެ އަތުން ނަގައިދިނުމަށް ވެސް ކޯޓުގައި އެދިފައިވާނެ ކަމަށް އެ އޮފީހުން ބުންޏެވެ.
ޕީޖީ އޮފީހުން އިތުރަށް ހާމަކުރި ގޮތުގައި، ކިންގްސްޓަން މެދުވެރިކޮށް ހިންގި މި މައްސަލާގައި ބަދަލު ލިބެންޖެހޭ އިތުރު 11 މީހެއްގެ ބައި އިތުރަށް ތަހުގީގު ކުރުމަށް ދިވެހި ފުލުހުންގެ ހިދުމަތަށް މިހާރު ވަނީ ލަފާދީފައެވެ. އަދި އެ ބައިތަކުގެ ތަހުގީގު ނިމުމުން، އެ މައްސަލަތަކުގައި ދައުވާ ކުރުމާ މެދު ގޮތެއް ނިންމާނެ ކަމަށް ވެސް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!