ދަރިވަރުންގެ ހިތްތަކުގައި ދީނީ ރިވެތި އާދަތައް އަށަގަންނަވައި، ކީރިތި ޤުރުއާނަށް ލޯބިޖެއްސުމުގެ މަތިވެރި މަޤްޞަދުގައި ހަނިމާދޫ ސްކޫލުން ޚާއްޞަ ޕްރޮގުރާމެއް ފަށައިފިއެވެ.

މަޣުރިބު ނަމާދާއި ޢިޝާ ނަމާދާ ދެމެދު (ދެނަމާދު ދޭތެރޭގައި) ޤުރުއާން ކިޔެވުމުގެ އާދަ ހަރުލެއްވުމަށް ކުރިއަށްގެންދާ މި ޕްރޮގުރާމް ރަސްމީކޮށް ފަށާފައިވާކަން އެ ސްކޫލުން ވަނީ މިއަދު ހާމަކޮށްފައެވެ.

ހަނިމާދޫ ސްކޫލުން ބުނި ގޮތުގައި، މި ޕްރޮގުރާމަކީ ޚާއްޞަކޮށް އެ ސްކޫލުގެ ފައުންޑޭޝަން ސްޓޭޖް އަދި ކީސްޓޭޖް 1 ގެ ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދެވޭ ޕްރޮގުރާމެކެވެ.

ޅަފަތުގެ މި މުހިންމު ޢުމުރުފުރާގައި މިފަދަ ޕްރޮގުރާމެއް ކުރިއަށް ގެންދިއުމުގެ މައިގަނޑު ބޭނުމަކީ، ކުޑަކުދިންގެ ކިބައިގައި އިސްލާމީ ރިވެތި އަޚްލާޤާއި އާދަތައް އަށަގަންނުވައި، ކީރިތި ޤުރުއާނަށް ލޯބިކުރާ އަދި ޤުރުއާނަށް އަހުލުވެރި ޖީލެއް ބިނާކުރުން ކަމަށް ސްކޫލުން މައުލޫމާތުދެއެވެ.

މީގެ އިތުރުން، ދިވެހިންގެ ތެރޭގައި ޒަމާނުއްސުރެ އޮތް މި ރީތި އާދަ އަލުން ދިރުވައި، ދަރިވަރުންގެ ދިރިއުޅުމުގެ ބައެއްގެ ގޮތުގައި މިކަން ހެދުމަކީ ވެސް މި ޕްރޮގުރާމުގެ މުހިންމު އެއް އަމާޒު ކަމުގައި އެ ސްކޫލުން ފާހަގަކުރެއެވެ.

މި ޕްރޮގުރާމް ރަސްމީކޮށް ފައްޓަވައިދެއްވީ ހަނިމާދޫ ކައުންސިލްގެ ރައީސް ޢަލީ އިބްރާހީމެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، ކައުންސިލްގެ ރައީސް ޢަލީ އިބްރާހީމް ވަނީ ކުދިންގެ ތަރުބިއްޔަތުގައި ޤުރުއާނުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި ކޮންމެ ބެލެނިވެރިއަކުވެސް މި ޕްރޮގުރާމަށް ފުރިހަމަ އެއްބާރުލުން ދެއްވުމަށް އެމަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ.

ހަމައެއާއެކު، ދެނަމާދު ދޭތެރެއަކީ ބޭކާރު ގޮތުގައި ވަގުތު ދުއްވާލުމުގެ ބަދަލުގައި، ޤުރުއާން ކިޔެވުމާއި ޛިކުރުކުރުމުގައި ހޭދަކުރާ ބަރަކާތްތެރި ވަގުތަކަށް ހެދުމަށް ހުރިހާ ދަރިވަރުންނަށް ވެސް ކައުންސިލްގެ ރައީސް ވަނީ ބާރުއަޅުއްވާފައެވެ.