އަތޮޅުތަކުގައި ބޭނުންކުރަމުންދާ ތިން ފުރޮޅުލީ އުޅަނދު ނުވަތަ ރަށު ޕިކަޕް ރަޖިސްޓްރީ ނުކުރެވި ގިނަ ދުވަސްވާ މައްސަލައަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ބޮޑެތި ލުއިތަކެއް ދިނުމަށް އިޤްތިޞާދީ ތަރައްޤީއާ ދަތުރުފަތުރާ ވިޔަފާރިއާ ބެހޭ ވުޒާރާއިން ނިންމައިފިއެވެ.

މި ނިންމުމާ ގުޅިގެން ރަޖިސްޓްރީ ކުރުމުގެ މަރުހަލާގައި ދައްކަންޖެހޭ ފީތައް ވެސް މާފުކޮށްދިނުމަށް ވަނީ ނިންމާފައެވެ.

އެ ވުޒާރާއިން ކުރި އިއުލާނެއްގައި ބުނީ، އަތޮޅުތެރޭގައި ދުއްވާ ބައެއް އުޅަނދުތައް ރަޖިސްޓަރީކުރުމަށް ހުށަހަޅަން ލާޒިމުވާ ބައެއް ލިޔެކިޔުންތައް ވެރިފަރާތުގެ އަތުގައި ނެތުމުގެ ސަބަބުން، އެ އުޅަނދުތައް ރަޖިސްޓަރީ ނުކުރެވި ދިގުލައިގެން ގޮސްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެންކަމުން އެފަދަ ފަރާތްތަކަށް ކަންކަން ފަސޭހަކޮށްދިނުމަށްޓަކައި ލުއި ގޮތްތަކެއް ހަމަޖައްސައިދިނީ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

މި ބަދަލުތަކުގެ ތެރެއިން، ފަސިންޖަރުންނާއި މުދާ އުފުލުމަށް ބޭނުންކުރާ ސީ3 އަދި ސީ4 ކެޓަގަރީގެ ތިންފުރޮޅުލީ އުޅަނދުތަކަކީ އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ 14 ވަނަ މާއްދާގެ ދަށުން އަމިއްލަ ބޭނުމަށް ރަޖިސްޓަރީކޮށްދެވޭ އުޅަނދުތަކެއްގެ ގޮތުގައި މިހާރު ވަނީ ގިންތިކޮށްފައެވެ. މިއާއެކު މި ކެޓަގަރީތަކުގެ އުޅަނދުތައް އަމިއްލަ ފަރުދުންގެ ނަންމަތީގައި ރަޖިސްޓަރީކޮށްދެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ.

މީގެ އިތުރުން، ކަނޑައެޅިފައިވާ އުސޫލުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން، މިފަދަ އުޅަނދުތައް ރަޖިސްޓަރީކުރުމާ ގުޅިގެން ދައްކަންޖެހޭ ފީތައް ވެސް މާފުކޮށްދިނުމަށް ވަނީ ނިންމާފައެވެ. މިކަމުގެ ސަބަބުން ގިނަ ދުވަސްތަކެއް ވަންދެން ރަޖިސްޓްރީ ނުކުރެވި ހުރި އުޅަނދުތަކުގެ ވެރިފަރާތްތަކަށް މާލީ ގޮތުން ބޮޑު ލުޔެއް ލިބިގެންދާނެއެވެ.

އެ ވުޒާރާއިން އިތުރަށް ހާމަކުރި ގޮތުގައި، އިމްޕޯޓް ކުރިތާ ގިނަދުވަސްވުމުގެ ސަބަބުން ނުވަތަ ރަޖިސްޓްރީކުރުން ލާޒިމް ކުރުމުގެ ކުރިން ރާއްޖެ އެތެރެކޮށް އަތޮޅުތަކުގައި ބޭނުންކުރަމުންދާ ސީ3 އަދި ސީ4 ކެޓަގަރީގެ އުޅަނދުތައް ރަޖިސްޓަރީކުރަން ބޭނުންވާ ބައެއް ލިޔެކިޔުންތައް ވެރިފަރާތްތަކުގެ އަތުގައި ނެތުމުގެ ދަތިތަކަށް ވެސް ހައްލެއް ވަނީ ހޯދައިދީފައެވެ. އެގޮތުން އެފަދަ އުޅަނދުތައް، އެ އުޅަނދެއްގެ ރޯޑްވާދިނަސް ލިޔުމަށް ބަލައިގެން ރަޖިސްޓްރީކޮށްދިނުމަށް ވެސް މިހާރު ވަނީ ނިންމާފައެވެ.

ރަށު ޕިކަޕްތައް ރަޖިސްޓްރީ ކުރުމަށް މިފަދަ ބޮޑެތި ލުއިތަކެއް ދޭން ނިންމާފައިވާއިރު، ބެޓަރީ އޮޕަރޭޓް ކުރާ ރަށު ޕިކަޕްތަކުން ނަގަމުން އަންނަ 1،800 ރުފިޔާގެ އަހަރީ ފީ އުވާލުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ވަނީ 2024 ވަނަ އަހަރު އިއުލާން ކޮށްފައެވެ.