ހުޅުމާލެ ފޭސް ދޭއްގައި ޕާކުކޮށްފައި އޮތް ކާރެއްގައި ރޭ ދަންވަރު އަލިފާން ރޯވެ ބޭނުން ނުކުރެވޭ ވަރަށް އަނދައި ހުލިވެއްޖެއެވެ. އަލިފާން ރޯވެފައި ވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހު ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 9 އަހަރުގެ އަންހެން ކުއްޖަކު ނިޔާވި ހާދިސާގައި ހިމެނޭ ކާރުގައެވެ.

މި ހާދިސާ ހިނގާފައިވަނީ ހުޅުމާލެ ފޭސް ދޭއްގެ ހީނާމާ ހިނގުމުގައި، ވިނަރެސް ޓަވަރު 3 ގެ ބީ ބްލޮކް ކައިރީގައެވެ. މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ދަންވަރު 02:15 އެހައިކަންހާއިރު ރިޕޯޓްކޮށްފައިވާއިރު، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް މައުލޫމާތު ލިބިފައިވަނީ ދަންވަރު 02:17 ގައެވެ.

ހާދިސާގެ މައުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ހުޅުމާލެ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުންނާއި ފުލުހުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައެވެ. އަލިފާން އެއްކޮށް ނިއްވާލެވުނު ވަގުތާ ގުޅޭގޮތުން ފުލުހުން ބުނީ ދަންވަރު 02:26 ހާއިރު އަލިފާންގަނޑު އެއްކޮށް ނިއްވާލެވިފައިވާ ކަމަށެވެ. ނަމަވެސް އެމްއެންޑީއެފުން ބުނެފައިވަނީ އަލިފާން އެއްކޮށް ނިއްވާލެވުނީ ދަންވަރު 02:39 ހާއިރު ކަމަށެވެ.

މި ހާދިސާގައި އަލިފާން ރޯވި ކާރު ވަނީ އެއްވެސް ވަރަކަށް ބޭނުން ނުކުރެވޭ ވަރަށް އަނދައި ބޮޑެތި ގެއްލުންތަކެއް ވެފައެވެ. މީގެ އިތުރުން އެ ކާރު ކައިރީގައި ޕާކުކޮށްފައި އޮތް އިތުރު ދެ ކާރަކަށް ވެސް ގެއްލުން ވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެމްއެންޑީއެފުން ބުނި ގޮތުގައި އަލިފާން ރޯވި ކާރު ކައިރީ އޮތް އިތުރު ކާރަކަށް ވަނީ ހޫނުގެ އަސަރުކޮށްފައެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

ޚަބަރުގެ ފޮޓޯ

އަނދައި އަޅިއަށްވި ކާރުގެ ރަޖިސްޓްރީ ނަންބަރުން ކަށަވަރުވެފައިވާ ގޮތުގައި، މިއީ މިދިޔަ ސެޕްޓެމްބަރު މަހު ވިނަރެސް 7 ވަނަ ޓަވަރު ކައިރީ ހިނގި އެކްސިޑެންޓުގައި 9 އަހަރުގެ ކުއްޖާގެ ގައިމަތިން ދިޔަ ކަމަށް ފުލުހުން ކުރިން ބުނެފައިވާ ކާރެވެ. އެ އެކްސިޑެންޓަކީ މަގުމަތީ މަޑުކޮށްގެން އޮތް ކާރަކަށް އަރަން ދިޔަ މީހެއްގެ ގައިގައި ސައިކަލަކުން ޖެހި، ސައިކަލު ވެއްޓުމުން އޭގެ ފަހަތުގައި އިން 9 އަހަރުގެ ކުއްޖާގެ ގައިމަތިން ފަހަތުން އައި ކާރު ގޮސް ހިނގި ހާދިސާއެކެވެ. އެ ކުއްޖާއަށް ލިބުނު ސީރިއަސް އަނިޔާތަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް ވަނީ ނިޔާވެފައެވެ.

އެ އެކްސިޑެންޓާ ގުޅިގެން ތަހުގީގަށް ބޭނުންވާ ހެކި ހޯދުމަށް ފުލުހުން އޭރު އެ ކާރު ޓޯކުރި ނަމަވެސް، އެ އުޅަނދު އޭގެ ވެރިފަރާތާ އަނބުރާ ހަވާލުކުރި ތާރީހެއް ސާފެއް ނުވެއެވެ. މި ކާރުގައި އަލިފާން ރޯވާން މެދުވެރިވި ސަބަބު އަދި މިހާތަނަށް އެނގިފައި ނުވާއިރު، ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.