ދުނިޔެއާ އެތައް ސަތޭކަ މޭލެއްގެ އުހުގައި، ބައިނަލްއަޤްވާމީ ޖައްވީ ސްޓޭޝަން (އައިއެސްއެސް) ގައި ހުރެ ކެނެޑާގެ އެސްޓްރޮނޮޓަކު އޭނާގެ ތިންވަނަ ދަރިފުޅު އުފަންވުމުގެ އުފާ ފާހަގަކޮށްފިއެވެ.
އޮކްޓޫބަރު މަހު ފެށި ހަމަސް ދުވަހުގެ ޖައްވީ މިޝަނެއްގައި ހަރަކާތްތެރިވަމުން އަންނަ އެސްޓްރޮނޮޓް ޖޯޝުއާ ކުޓްރިކް އަދި އޭނާގެ އަނބިމީހާ ހެދާ ކުޓްރިކަށް ލިބިފައިވަނީ އަންހެން ކުއްޖެކެވެ.
ކެނެޑާގެ ސްޕޭސް އޭޖެންސީ (ސީއެސްއޭ) އިން އަންގާރަ ދުވަހު މިކަން ހާމަކޮށް އާންމުކުރި ބަޔާނެއްގައި އެ ދެމަފިރިން ބުނީ، ދެމެދުގައި ބޮޑު ދުރުމިނެއް ހުރި ނަމަވެސް، ދިރިއުޅުމަށް އައި އާ ތަރިއަށް މަރުޙަބާ ކިޔުމުގައި ދެމެދުގައި ވަރަށް ބޮޑު ގުޅުމެއް އިހުސާސްވާ ކަމަށެވެ. އަދި އާއިލާ ބޮޑުވަމުން އަންނާތީ ފަޚުރުވެރިވާ ކަމަށާއި، ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ މުޅި އާއިލާ އެކުގައި އަލުން ބައްދަލުވާނެ ދުވަހަކަށް އިންތިޒާރު ކުރަމުންދާ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ. މި ދެމަފިރިންގެ އިތުރު ދެ ކުދިން ތިބޭއިރު، އެ ކުދިންގެ އުމުރަކީ ފަސް އަހަރާއި ހަތް އަހަރެވެ.
ޖޯޝުއާ ކުޓްރިކްގެ މިއީ ފުރަތަމަ ޖައްވީ މިޝަން ކަމަށްވާއިރު، އޭނާއަކީ ބައިނަލްއަޤްވާމީ ޖައްވީ ސްޓޭޝަނުގައި ހުއްޓައި ދަރިއަކު އުފަންވި ތާރީޚުގައި ހަތަރުވަނަ އެސްޓްރޮނޮޓެވެ. ޖައްވަށް ދިއުމަކީ ކުޑައިރުގެ ހުވަފެނެއް ހަގީގަތަކަށް ވުން ކަމަށް ސިފަކުރަމުން އެ ދެމަފިރިން ބުނީ، ބޮޑެތި ހުވަފެންތައް ހަގީގަތަކަށް ހެދުމަށް މަސައްކަތް ކުރުމުގެ އަގުހުރިކަމާއި، ބުރަ މަސައްކަތާއި އަޒުމުގެ މުހިންމުކަން ދަރިންނަށް ދައްކައިދޭން ބޭނުންވާ ކަމަށެވެ. އަދި އާއިލާއާއި މުޖުތަމައުގެ އެހީތެރިކަމާއެކު އާދަޔާޚިލާފު ކަންކަން ހާސިލުކުރެވިދާނެކަން ސާބިތުކޮށްދޭން އެދޭ ކަމަށްވެސް ބުންޏެވެ.
އަލްބާޓާގެ ފޯޓް ސަސްކަޗެވަން އަށް އުފަން ކުޓްރިކަކީ އެސްޓްރޮނޮޓަކަށް ވުމުގެ ކުރިން ރޯޔަލް ކެނޭޑިއަން އެއާ ފޯސްގެ ކާނަލެއްގެ އިތުރުން ފައިޓާ ޕައިލެޓެކެވެ. އޭނާ ކެނެޑާގެ ސްޕޭސް އޭޖެންސީއާ ގުޅުނީ 2017 ވަނަ އަހަރުއެވެ. ކުޓްރިކަކީ ނާސާގެ ސްޕޭސްއެކްސް ކްރޫ-13 މިޝަނަށް ހޮވުނު ހަމައެކަނި ކެނެޑާގެ ރައްޔިތެވެ. މި މިޝަންގައި ހިމެނޭ ހަތަރު އެސްޓްރޮނޮޓުން ދަނީ ޖައްވުގައި ސައިންޓިފިކް ތަހުލީލުތައް ކުރުމާއި އާ ޓެކްނޮލޮޖީތައް ޓެސްޓުކުރުމުގެ މަސައްކަތް ކުރަމުންނެވެ.
މި މިޝަންގައި ކުޓްރިކްގެ އިތުރުން ބައިވެރިވަނީ އެމެރިކާގެ ދެ އެސްޓްރޮނޮޓުން ކަމަށްވާ ލޫކް ޑެލާނީ އަދި ޖެސިކާ ވޮޓްކިންސްގެ އިތުރުން ރަޝިއާގެ އެސްޓްރޮނޮޓް ސާގޭ ޓެޓެރިޔަޓްނިކޯވްއެވެ. މިޝަން ފެށުމުގެ ގޮތުން މިދިޔަ އޮކްޓޫބަރު މަހުގެ 1 ވަނަ ދުވަހު ފުރުމުގެ ކުރިން، ކެނެޑާގެ ސީބީސީ ނިއުސްއަށް ދިން އިންޓަވިއުއެއްގައި ހެދާ ކުޓްރިކް ބުނެފައިވަނީ، މި މިޝަނަށް އާއިލާއިން އެތައް އަހަރެއް ވަންދެން ތައްޔާރުވަމުން އައި ކަމަށެވެ.
މާބަނޑުވުމަކީ ކުރިން ރޭވިފައި އޮތް ކަމެއް ނޫން ކަމަށް ވިޔަސް، އެއީ ވަރަށް އުފާވެރި ކަމެއްގެ ގޮތުގައި ހެދާ ސިފަކުރިއެވެ. އަދި މިކަމާ ގުޅިގެން މާބޮޑު ހާސްކަމެއް ނެތް ކަމަށާއި، ސީއެސްއޭ އަދި ނާސާގެ އިތުރުން ވަށައިގެންވާ މުޖުތަމައުގެ ފަރާތުން ބޮޑު އެހީތެރިކަމެއް ލިބެމުންދާ ކަމަށް އޭނާ ބުންޏެވެ. ހަމައެއާއެކު، ހަމަސް ދުވަހުގެ މި މުއްދަތު ރަނގަޅަށް ވޭތުވެގެންދާނެ ކަމަށް ގަބޫލުކުރާ ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.
ޖޯޝުއާ ކުޓްރިކް ބުނެފައިވަނީ، އޭނާ ކުރަމުންދާ މި މިޝަނަކީ އާންމު ޚިދުމަތަށާއި ކެނެޑާއަށްޓަކައި ވެވޭ ގުރުބާނީއެއް އަދި ނަގާ ނުރައްކަލެއްގެ ގޮތުގައި އޭނާގެ މި ތުއްތު ދަރިފުޅު މުސްތަގުބަލުގައި ދެކޭނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!