މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިސްނަގައިގެން، ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރުންނަށް ޚާއްޞަކޮށްގެން ކުރިއަށްގެންދިޔަ މާލީ ހޭލުންތެރިކަމުގެ ސެޝަން ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މި ޕްރޮގްރާމަކީ ދަރިވަރުންގެ މެދުގައި މާލީ ދާއިރާއަށް ހޭލުންތެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި ކުރިއަށްގެންދިޔަ ޚާއްޞަ ސެޝަނެކެވެ. އެ ސްކޫލުން ހާމަކުރި ގޮތުގައި މިއީ މާލީ ހޭލުންތެރިކަމާ ގުޅޭގޮތުން ނުހަނު އަގުހުރި މަޢުލޫމާތުތަކެއް ބައިވެރިންނާ ޙިއްޞާކުރެވިގެން ދިޔަ ފައިދާހުރި ޕްރޮގްރާމެކެވެ.

މަޢުލޫމާތުން ފުރިގެންވާ މި ސެޝަން ކުރިއަށް ގެންދިއުމުގައި އެމްއެމްއޭގެ އެންމެ އިސް ވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ. އެގޮތުން މަރުކަޒީ ބޭންކުގެ ގަވަރުނަރު އަލްފާޟިލް އަޙްމަދު މުނައްވަރުގެ އިތުރުން ޑެޕިއުޓީ ގަވަރުނަރު އަލްފާޟިލާ ޢާއިޝަތު އަސްނާ ޙަމްދީ މި ހަރަކާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

މީގެއިތުރުން، މި ސެޝަން ފުރިހަމަކަމާއެކު ކުރިއަށް ގެންގޮސްދެއްވުމުގައި އެމްއެމްއޭގެ ފެސިލިޓޭޓަރުންނާއި، ފައިނޭންޝަލް އެމްބެސެޑަރ އަލްފާޟިލް އަޙްމަދު ރިޟާ ވަނީ މުހިންމު ދައުރެއް އަދާކުރައްވާފައެވެ.

މިފަދަ އަގުހުރި ސެޝަނެއް ދަރިވަރުންނަށް ކުރިއަށް ގެންގޮސްދެއްވި ކަމަށްޓަކައި ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ފަރާތުން ވަނީ ގަވަރުނަރު އަޙްމަދު މުނައްވަރަށާއި ޑެޕިއުޓީ ގަވަރުނަރު ޢާއިޝަތު އަސްނާ ޙަމްދީއަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކޮށްފައެވެ. އަދި ސެޝަންގެ ފެސިލިޓޭޓަރުންނަށާއި ފައިނޭންޝަލް އެމްބެސެޑަރ އަޙްމަދު ރިޟާއަށްވެސް އެ ސްކޫލުން ވަނީ ޚާއްޞަ ޝުކުރެއް އަދާކޮށްފައެވެ.

މި ސެޝަންގެ ތެރެއިން ވަނީ ބައިވެރިންނަށް ފައިސާގެ އިނާމުތަކެއްވެސް ދީފައެވެ. އެގޮތުން މި ސެޝަންގައި ފައިސާގެ އިނާމް ހޯދި ބައިވެރިންނަށް ހއ. އަތޮޅު ތަޢުލީމީ މަރުކަޒުން ވަނީ މަރުޙަބާ ކިޔާފައެވެ.

މި ހަރަކާތަކީ މާލީ ގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް ހއ. އަތޮޅުގެ 6 ރަށެއްގައި އެމްއެމްއޭއިން މި މަހުގެ 20 އިން 22 އަށް ކުރިއަށް ގެންދިޔަ "ފިންލިޓް ފެސްޓް"ގެ ތެރެއިން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.