" އަޅެ. ވަރަށް ފުލްވާނެ. އަލަށް ހުޅުވި ތަނެއްވީމަ މީހުން އަންނާނެއެއްނު. ދޭބަލަ އަރަން. މި އަންނަނީއޭ." ޒިމްނާ ބުންޏެވެ. އެއަށް ފަހު މާޔާ ސައިކަލަށް އެރުމުގެ ކުރިން އޭނާ ދުއްވާލިއެވެ.
އޭރު ޒިމްނާ ހުރީ މުޅިން އުދާސްވެފައެވެ. މާޔާގެ ނިންމުމާމެދު އޭނާ އެއްގޮތަކަށް ވެސް ނުރުހެއެވެ.
ކުރިމަތީގައި ހުރި ބޮޑު އިމާރާތަށް ބަލަހައްޓައިގެން މާޔާ ވެސް ހުރީ ނުތަނަވަސްވެފައެވެ. ޒިމްނާގެ އެދުމުގެ މަތިން ހިތާ ދެކޮޅަށް ނަމަވެސް އޭނާ ބޭނުންވީ އެތެރެއަށް ވަންނާށެވެ. ޓެރަހަށް ދިޔުމަށްޓަކައި ލިފްޓަށް އެރި އިރު ވެސް މާޔާގެ ހިތަކަށް ހަމަޖެހުމެއް ނުލިބެއެވެ. ޒިމްނާ އޭނާދެކެ ހިތްހަމަނުޖެހުނު ކަމުގެ އިޙްސާސް ކުރެވެނީއެވެ. ނަޖާހުއާ ވަކިވުމުން، ޒިމްނާ ވެސް ރުޅި އަންނާނެޔޭ ހީކުރެވެނީއެވެ.
އެފަދަ ހައިޖާނެއް ފަދަ ޚިޔާލުތަކެއްގެ ތެރެއަށް ގެއްލިފައި ހުއްޓާ، ކުއްލިއަކަށް ލިފްޓުގެ ދޮރު ހުޅުވިއްޖެއެވެ. ކުރިމަތިން ފެންނަން އޮތް ހަނި ސިޑިން މައްޗަށް އަރަމުން ދިޔައިރު، ހިތުގެ ތެޅުން އަވަސްވެ، އެކި ވަސްވާސްތަކާއި ނުތަނަވަސް ޚިޔާލުތަކުން މާޔާގެ ސިކުނޑިއަށް ކުޑަވެސް ލުޔެއް ނުލިބެއެވެ.
ފަސްޖެހެމުން ކަހަލަ ގޮތަކަށް ސިޑީގެ އެންމެ ފަހު ހަރުފަތުން، ޓެރަހަށް އެޅި ފިޔަވަޅާއެކު މާޔާއަށް މުޅި މާހައުލަށް ބަލައިލެވުނެވެ. އެއީ އޭނާ ހީކުރި ފަދަ އާދައިގެ ރެސްޓޯރެންޓެއް ނޫނެވެ. އެތަން އޮތީ މީހުން ފުރި، ތޮއްޖެހިފައެއް ވެސް ނޫނެވެ.
މުޅި ޓެރަސް ޒީނަތްތެރިކޮށްފައި ވަނީ ތާޒާ ރަތް ފިނިފެންމާތަކާއި ހުދު ކުދި މާތަކުންނެވެ. ޓެޜަހަށް ވެރިވެފައިވާ ފަނޑު އަލިކަމަކީ، އުއްބައްތިތަކެއް ފަދަ އެކި ވަރުވަރުގެ ލެޑް ލައިޓުތަކުންނެވެ. އެއީ ހިތްގައިމު "ރޮމޭންޓިކް" އަލިކަމެކެވެ.
ޓެރަހުގެ މެދުގައި ހުރީ ހުދު ފޮތި އަޅާފައިވާ ކުޑަ މޭޒަކާއި ދެ ގޮނޑިއެވެ. އެ މޭޒުމަތީގައި ތަފާތު ވައްތަރުގެ ކާއެއްޗެހި އަތުރާލާފައި ހުއްޓެވެ.
ހައިރާންވެފައި ހުރި މާޔާއަށް ކުރިއަށް އެންމެ ފިޔަވަޅެއް ވެސް ނޭޅުނެވެ. މޭޒު ކައިރީގައި މާޔާގެ އިންތިޒާރުގައި ހުރީ ނަޖާހެވެ. އުއްބައްތިތަކުގެ މަޑުމައިތިރި އޮރެންޖް ކުލައިގެ އަލިފާން އަލި އޭނާގެ މޫނަށް އެޅިފައިވާއިރު، އެ ތޫނު ދެލޮލުންނާއި ތުންފަތްމަތިން ފެންނަން ހުރީ އިންތިހާ ދަރަޖައިގެ އުފާވެރިކަމެވެ. އެ ހިނިތުންވުމުގައިވީ ލޯތްބާއި ކުލުނު ފެނުމާއެކު، ހިނދުކޮޅަކަށް މާޔާގެ ހުރިހާ ބިރަކާއި ނުތަނަވަސްކަމެއް ވިރިގެން ދިޔަ ފަދައެވެ.
ކުއްލިއަކަށް މާޔާއަށް ފެނުނީ އެ ހިނިތުންވުމާއެކު ނަޖާހު އޭނާއާ ދިމާލަށް އަންނަތަނެވެ. ލަދުން ހުރެ މާޔާ އަވަސް އަވަހަށް އިސްޖަހާލަމުން، މޫނުމައްޗަށް ވެއްޓިފައި އިސްތަށިކޮޅު ނަގާ ކަންފަތްބުޑަށް ޖައްސާލިއެވެ.
" ލަދުގަތީތަ؟" ނަޖާހުގެ އަޑަށް މާޔާ އިސްއުފުލާލިއެވެ.
އޭނާ ހުރީ ހުދު ކުލައިގެ އަތްދިގު ގަމީހަކާއި އަޅި ކުލައިގެ ފަޓްލޫނެއް ލައިގެންނެވެ. ފަޓްލޫންގެ ދެ ޖީބަށް އަތް ޖަހާލަމުން ނަޖާހު ކުޑަކޮށް ދެ ކޮނޑު އުފުލާލިއެވެ.
" މިރޭ ހާދަ ރީތިހެން ހީވެޔޭ." ނަޖާހު ބުންޏެވެ.
" އެކަމަކު އަހަރެން... ރީއްޗެއް ނުވަމޭ. " އަވަސް އަވަހަށް މާޔާ ބުންޏެވެ.
" ރީތި ނުވިޔަސް އަހަންނަށް މާޔާ ހާދަ ރީއްޗޭ. ރީތިވާކަށް ނުވެސް ޖެހޭނެ. ތި ބުޅިބުޅި ރަން އިސްތަށިގަނޑާ، ތި ދޮން ހަށިގަނޑާ، ޤުދުރަތުން ދެއްވާފައިވާ މަޑުފިޔާތޮށިކުލައިގެ ރީތި ތުންފަތާ، ތި އިސްކޮޅަކީ އަހަރެންގެ ހިތް ފަތަޙަކޮށްފައިވާ އާދަޔާ ޚިލާފު ރީތިކަމެއް. " ހިތުގެ އެންމެ ފުނުގައި އެނބުރެމުންދިޔަ ލޯބީގެ ޖަޒްބާތީ އަސަރުގަދަ އިޙްސާސްތައް ތޫނު ޖުމްލަތަކެއްގެ ސިފައިގައި ދުލާހަމައަށް ބޭރުވަމުންދިޔައީ ނަޖާހުގެ އިޙްތިޔާރަކާ ނުލައެވެ.
ނަޖާހުގެ ދުލުން ބޭރުވަމުން ދިޔަ ކޮންމެ ޖުމްލަކުން މާޔާގެ ހިތަށް ފިނިވެގެން ދިޔައެވެ. ދުވަހަކުވެސް މީހަކު އޭނާއަށް އެފަދައިން ތަޢުރީފުކޮށްފައިނުވާތީ، މާޔާ ހުރީ އަދިވެސް އިތުރަށް އަޑުއަހާހިތްވެފައެވެ.
ނަޖާހު މަޑުމަޑުން ކުރިއަށް ވުރެ ބޮޑަށް ކުރިއަށް ޖެހިލިއެވެ. އަދި ފިނިވެފައިވާ މާޔާގެ ދެ އަތުގައި ހިފާލުމާއެކު މާޔާގެ މުޅި ހަށިގަނޑު ތުރުތުރުއަޅައިގަތެވެ. މާޔާގެ އެ ހިމޭންކަމަކީ ނަޖާހަށްޓަކައި އޭނާގެ ހިތުގައި ޚާއްޞަ މަޤާމެއް އޮތްކަން ނަޖާހުއަށް އިޙްސާސްކުރެވުނެވެ.
" އަހަރެން މިރޭ ވަރަށް އުފާވެއްޖެ. އެނގޭތަ އަހަރެން މިހާ ޚާއްޞަ ޑިނަރ އެއް މި ތައްޔާރުކުރީ ކީއްވެކަން؟ " ނަޖާހު އެހިއެވެ. މާޔާ ދެ ފަރާތަށް ބޯ ހޫރާލިއެވެ.
އޭރުވެސް މާޔާގެ ދެއަތުން ނަޖާހު ދުލެއް ނުކުރެއެވެ.
" ހަމައެކަނި އެންމެ ހިނިތުންވުމަކަށްޓަކައި. މާޔާ އުފާކޮށްލަން. އަހަރެންގެ ސަބަބުން މާޔާ އުފާވިއްޔާ، އަހަންނަށް މުޅި ދުނިޔެ ލިބުނު ކަހަލަ." ނަޖާހު ބުނެލިއެވެ.
މާޔާއަށް ހިންދިރުވާލެވުނެވެ.
" އާދޭ އިށީންނަން. " ނަޖާހު މާޔާގެ އެއް އަތުން ދޫކޮށްލުމަށްފަހު މާޔާ ގޮވައިގެން ހިނގައިގަތެވެ.
އޭރު ވެސް މާޔާއަށް ހުރެވުނީ ދުލުން ބަހެއް ބޭރުކޮށްލަން ނުކުޅެދިފައެވެ. ނަޖާހު ގޮސް ގޮނޑި ދުރުކޮށްލާ، މާޔާއަށް އިށީނުމަށް ދަޢުވަތު ދިނެވެ. ރާނީއެއް ފަދައިން މާޔާއަށް ޚިދުމަތްކުރަން އޭނާ ހުރީ ތައްޔާރަށޭ ބުނާ ކަހަލައެެވެ.
ބަހެއް ބުނުމެއްނެތި މާޔާ އިށީނުމާއެކު، ނަޖާހު ގޮސް އޭނާގެ ކުރިމަތީގައި ހުރި ގޮނޑީގައި އިށީނެވެ.
" މާޔާ އާންމުކޮށް އޯޑަރު ކުރާ ކަހަލަ ކާއެއްޗެހި މި ހުރީ. ކަމުދޭތަ؟" ނަޖާހު ސުވާލުކުރިއެވެ.
އެއާއެކު ސުފުރާ މަތީގައި އަތުރާފައިވާ ތަށިތަކަށް މާޔާ މަޑުމަޑުން ނަޒަރު ހިންގާލިއެވެ. ނަޖާހުއާއެކު ތަންތަނަށް ކާން ގޮސް، އޭނާ އޯޑަރު ކުރާ ހުރިހާ ބާވަތެއް އެ މޭޒުމަތީގައި ހުއްޓެވެ. ނަޖާހު އޭނާއާ މެދު ވިސްނާވަރު މާޔާއަށް އިހްސާސްވިއެވެ.
" މި ވީ ކުރު މުއްދަތުގެ ތެރޭގައި އަހަންނަށް މާޔާދެކެ އިތުރަށް ލޯބިވެވުނު. ފަހަރެއްގައި ވެސް މާޔާ އަހަރެންގެ އަތުން ބީވާކަށް ނޭދެން. " ނަޖާހު ވާހަކަދައްކަން ފެށިއެވެ.
ދ އަތް އުނގުމަތީ ބާއްވާލަމުން މާޔާއަށް އިސްޖަހާލެވުނެވެ.
" ކަންބޮޑުނުވައްޗޭ. މާޔާގެ ޝަރުޠުމަތިން އަހަރެން ހަނދާން އެބަހުއްޓޭ. އެކަމަކު ވެސް އަހަރެންގެ ހިތަށް ބާރެއް ނުފޯރުވޭ. ވާ ލޯތްބަކަށް ބަދަލެއް ނާދޭ. ކޮންމެ ޙާލެއްގައި ވެސް އަހަރެން މާޔާ ބޭނުން. " ނަޖާހު ބުނެލިއެވެ.
އެއާއެކު މާޔާ އިސްއުފުލާލިއެވެ. އަދި ޒީނަތްތެރިކޮށްފައިވާ އެ ޓެރަހަށް ނަޒަރު ހިންގާލިއެވެ.
" އެއްވެސް ޔަޤީންކަމެއް ނެތް މީހަކަށްޓަކައި މިހާ ބޮޑު އުއްމީދެއް ތި ކުރަނީ ކީއްވެ؟" ހިމަހިމަ އަޑަކުން މާޔާ އެހިއެވެ.
އެއާއެކު ނަޖާހު ސާދާ ގޮތަކަށް ހީލިއެވެ.
" އަހަރެންގެ ހިތް އަހަންނަށް ދޭ ޔަޤީންކަމަކީ އަހަރެންނަށް ލިބޭ އެންމެ ބޮޑު ހިތްވަރު. " ނަޖާހު ބުނެލިއެވެ.
މާޔާއަށްޓަކައި ނަޖާހު ކުރަމުންދާ އުއްމީދު ބޮޑުކަން އެނގި، މާޔާ މާޔޫސްވެއްޖެއެވެ. އިތުރަށް ނަޖާހު ވާހަކަ ދައްކަން ފުރުޞަތު ނުދީ، އޭނާ ބޭނުންވީ އަވަހަށް ޙަޤީޤަތް ހާމަކުރާށެވެ.
" ނަޖާ! އިތުރަށް އަހަންނަށްޓަކައި އުއްމީދު ނުކުރޭ." މަޑުމަޑުން މާޔާ ދޫކޮށްލި ޖުމްލައިން، އުޖާލާވެފައިވާ ނަޖާހުގެ މޫނުމަތި މިލައިފިއެވެ.
ސުވާލުގެ ނަޒަރަކުން ނަޖާހު މާޔާގެ މޫނަށް ބަލަމުން ދިޔައެވެ.
" ތިބުނީ؟" ނަޖާހު އެހިއެވެ.
ބުނަން ބޭނުންވި ޖުމްލަ، ދުލާހަމައަށް ނުފޯރައިގެން މާޔާއަށް ދެ ތުންފަތް ފިއްތާލެވުނެވެ. އޭރު އޭނާގެ ދެ ލޮލުން ކަރުނަައިގެ އަސަރު ފާޅުވަމުން ދިޔައެވެ.
" މާޔާ! އަހަރެންގެ ހިތް އެބަ ބިރުގަނޭ. ކިހިނެއްވީ؟" ނަޖާހު އޯގާތެރިކަމާއެކު ސުވާލުކުރިއެވެ.
އެއާއެކު މާޔާ އިސްޖަހާލަމުން ދެ ފަރާތަށް ބޯ ހޫރާލިއެވެ. މާޔާއަށް ވަމުންދާގޮތް ފެނި ނަޖާހުގެ ހިތަކަށް ކުޅަދާނައެއް ނުވިއެވެ. ބާރުބާރަށް ތެދުވެގެން ގޮސް މާޔާ އިން ގޮނޑިކައިރީ ހުއްޓުމަށްފަހު ނަޖާހުއާ ދިމާލަށް ގޮނޑި އަނބުރާލިއެވެ. އެއާއެކު މާޔާ ދިޔައީ ސިއްސައިގެންނެވެ.
މާޔާ ކޮޅަށް ތެދުވުމުގެ ކުރިން ނަޖާހު، މާޔާގެ ދެ އަތުގައި ހިފުމަށްފަހު ކުޑަކަކޫ މައްޗަށް ތިރިވިއެވެ.
" ކީއްވެ ތިހެން ބުނީ؟" ބިރުން ހުރެ ނަޖާހު ސުވާލުކުރިއެވެ.
އެއާއެކު މާޔާއާ ނަޖާހުގެ ހަތަރުކަޅި ބައްދަލުވެ، އެ ދެމެދަށް ހިމޭންކަން ވެރިވިއެވެ. ނަޖާހުގެ ދެ ލޮލުން މާޔާއަށް ފެނުނީ އޭނާއަށްޓަކައިވާ ސާފުތެދުވެރި ލޯތްބެވެ. މާޔާގެ ލޯތްބަށް އެދި ކުރާ އާދޭހެވެ.
" އަހަރެން ނުތަޅުވާ ޕްލީޒް! މި އުފާވެރި ރޭ، މާޔާގެ މޫނުމަތިން އަހަރެން ދެކެން ބޭނުންވީ ހަމައެކަނި ހިނިތުންވުން. އެކަމަކު، އަހަންނަށް މި ފެންނަނީ އުދާސްވެފައިވާ މޮޅިވެރި މޫނެއް. ބުނެދީބަލަ ވެގެން އުޅޭ ގޮތެއް." ނަޖާހު އެހިއެވެ.
" ނަ...ނަޖާ." ވަރަށް އުނދަގުލުން މާޔާ ގޮވާލިއެވެ. ނަޖާހު ބޯ ޖަހާލަމުން ދެ ލޯ މަރާލިއެވެ. މާޔާގެ ދުލުން އޭނާގެ ނަން ކިޔާލިޔަސް، އެ ހިތް ފުރި ބަންޑުންވާހެން އޭނާއަށް ހީވެއެވެ.
" އާއިޒް... އާއިޒް އެނބުރި އަތުވެއްޖެ." ބެދިފައިވާ އަޑަކުން މާޔާ ދޫކޮށްލި ޖުމްލައިން ބާރަށް ހިފަހައްޓާފައިވާ މާޔާގެ ދެއަތްތިލައިން ނަޖާހުއަށް ދޫކޮށްލެވުނެވެ.
އާއިޒްގެ ނަން އިވުމާއެކު ނަޖާހުގެ ހިތުގައި ވޭނީ ކެކުޅުންތަކެއް އުފެދުނެވެ. އޭނާގެ މޫނުމައްޗަށް ވެރިވި ހައިރާންކަމާއި، ނުތަނަވަސްކަންފެނި މާޔާ އިތުރަށް ހާސްވެއްޖެއެވެ.
" ތި ބުނީ؟" ނަޖާހު އެހިއެވެ.
އޭނާއަށް ވިސްނޭގޮތް ބިރުވެރިކަމުން، ނަޖާހު ބޭނުންވީ ހިތްހަމަޖެހޭ ބަހެއް މާޔާގެ ދުލުން ނެރޭށެވެ.
" މި ބުނީ... އާއިޒް އަހަރެން ހޯދަން އަތުވެއްޖޭ. އަހަންނާ މިރޭ އޭނަ ބައްދަލުކޮށްފިއޭ." ވަރަށް އުނދަގުލުން މާޔާ ބުނެލީ ނޭވާ ހިފަހައްޓައިގެން ހުރެއެވެ.
" ދެން؟" އެއާއެކު ނަޖާހު އެހިއެވެ.
ދެން ބުނާނެ އެއްވެސް އެއްޗެއް މާޔާއަކަށް ނުވިސްނުނެވެ. ނަޖާހު ދެެރަވެފައިހުރިވަރު ފެނުމުން އިތުރަށް ވާހަކަ ދައްކާނެ ހިތްވަރު ވެސް އޭނާއަކަށް ނުލިބުނެވެ.
" ދެން ކިހިނެއް ހަދަނީ؟ މާޔާ އޭނަ ކައިރިއަށް ދަނީތަ؟" ކުރަކިވެފައިވާ އަޑަކުން ނަޖާހު ސުވާލު ކުރިއެވެ. އޭރު ވެސް އޭނާ އިނީ މާޔާގެ ކުރިމަތީގައި ކުޑަކަކޫ ޖަހައިގެން އިސް އުފުލައިގެންނެވެ.
ނަޖާހުގެ ސުވާލު އިވުނު ނަމަވެސް، އަޑެއް ލައްވާލާނެ ހިތްވަރު ވެސް މާޔާގެ ކިބަޔަކު ނެތެވެ ހިމޭންވެފައި އިން މާޔާގެ މޫނަށް ފުންނަޒަރަކުން ބަލަމުން ދިޔަ ނަޖާހު މަޑުމަޑުން ކޮޅަށް ތެދުވިއެވެ. އަދި މާޔާއަށް ފުރަގަސް ދިނުމަށްފަހު އަނެއްކާ ވެސް ވާހަކަ ދައްކަން ފެށިއެވެ.
" ތި ހިމޭންކަމަކީ އާނއެކޭ ނަމަ، އަހަރެން އެނބުރި ބަަލައިލުމުގެ ކުރިން މި ތަނުން ދޭ!" ނަޖާހު އެދުނެވެ.
އެއާއެކު ފުންމައިގެން މާޔާއަށް ތެދުވެވުނެވެ. ކުރިމަތީގައި ހުޅުވިފައި އޮތީ ޙަޔާތުގައި، އޭނާއަށް ގޮތެއް ނިންމަން ޖެހުނު އެންމެ އުނދަގޫ ޞަފްޙާއޭ އޭނާގެ ހިތަށް އެރިއެވެ.
" މި ދުވަސް އަތުވެދާނެތީ އަހަރެން މާ ކުރިން ޝަރުޠެއް ކުރި ހަނދާންވޭތަ؟ " އަވަސް އަވަހަށް މާޔާ ބުންޏެވެ.
" މާުޔާއަށް އަހަރެންދެކެ ލޯބިވެވުމުގެ ކުރިން، އާއިޒް އެނބުރި އަތުވެއްޖެއްޔާ މާޔާ އޭނަ ކައިރިއަށް ދާނަމޭ ބުނި ހަނދާން އެބަހުރި. ދެން އަހަރެން އަހާލާ ހިތްވަނީ، އާއިޒް އެނބުރި އެ އައި އިރު މާޔާ، އަހަރެންދެކެ ލޯތްބެއް ނުވޭތަ؟" މާޔާއަށް ފުރަގަސްދީގެން ހުރެ، ނަޖާހު ސުވާލުކުރިއެވެ.
ހުއްޓުންއަރާފައި ހުރި މާޔާއަށް އިސްޖަހާލެވުނެވެ.
( ނުނިމޭ)
މި ވާހަކަ ގެނެސްދޭނީ ކޮންމެ އާދީއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހުއެވެ.
ކިޔުންތެރިންގެ ފިނިއަށި 2 ޚިޔާލެއް ލިބިފައިވޭ!
މާޔާއަށް ރަނގަޅީ ދެމީހުން ކުރެ އެކަކުވެސް ނުލިބުނިއްޔާ
haadha kureyyy😭😭