ކޭމްބްރިޖް އައިޖީސީއެސްއީ އިމްތިހާނުގެ "އިންގްލިޝް އޭޒް އަ ސެކަންޑް ލޭންގުއޭޖް" މާއްދާއިން މުޅި ދުނިޔެއިންނާއި ރާއްޖެއިން އެއްވަނަ ހއ. އަތޮޅުގެ ދެ ސްކޫލެއްގެ ދަރިވަރުން ހޯދައި، "އައުޓްސްޓޭންޑިންގ ކޭމްބްރިޖް ލާނަރ އެވޯޑް" ޙާޞިލުކޮށްފިއެވެ.
މި ފަހުރުވެރި ކާމިޔާބީ ހޯދާފައިވަނީ ދިއްދޫގައި ހުންނަ ހއ. އަތޮޅު ތައުލީމީ މަރުކަޒުގެ ގްރޭޑް 10 ގެ ދަރިވަރު ފާތިމަތު އަލްޔާ އަލީ އަދި ހއ. ހޯރަފުށީގައި ހުންނަ ހއ. އަތޮޅު މަދަރުސާގެ ގްރޭޑް 10 އެސް ގެ ދަރިވަރު އައިޝަތު ޝަލްހާ އަހުމަދު ޝުޖާއު އެވެ.
މި ދެ ދަރިވަރުންނަށް ވެސް ލިބިފައިވަނީ ދުނިޔޭގެ ފެންވަރުގައި އަދި ރާއްޖޭގެ ފެންވަރުގައި މި މާއްދާއިން އެއްވަނައެވެ.
ކޭމްބްރިޖް އެސެސްމަންޓް އިންޓަނޭޝަނަލް އެޑިއުކޭޝަނުން ދޭ "އައުޓްސްޓޭންޑިންގ ކޭމްބްރިޖް ލާނަރ އެވޯޑްސް" ގެ ތެރެއިން "ޓޮޕް އިން ދަ ވޯލްޑް" އެވޯޑަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެ މާއްދާއިން އިމްތިހާނު ހެދި ހުރިހާ ދަރިވަރުންނާ ވާދަކޮށް އެންމެ މަތީ މާކްސް ހޯދާ ދަރިވަރުންނަށް ލިބޭ ހާއްސަ ޝަރަފެކެވެ.
އެއް އަތޮޅެއްގެ ދެ ސްކޫލަކުން ދުނިޔޭގެ ފެންވަރުގެ މިފަދަ ބޮޑު ކާމިޔާބީއެއް އެއް މާއްދާއަކުން ހޯދުމަކީ އެ ސްކޫލްތަކަށާއި މުޅި ރާއްޖެއަށް ލިބުނު ވަރަށް ރީތި ނަމަކާއި ބޮޑު ފަޚުރެކެވެ.
ދެ ސްކޫލުން ވެސް ވަނީ އެ ދަރިވަރުން ހޯދި މި މަތީ ވަނައަށް މަރުހަބާ ކިޔައި، އެ ދަރިވަރުންގެ ކުރިމަގަށް ކާމިޔާބީއަށް އެދިފައެވެ.
މީގެއިތުރުން، މި ފަޚުރުވެރި ކާމިޔާބީ ޙާސިލުކުރުމުގައި މުދައްރިސުންނާއި މުވައްޒަފުން ކުރެއްވި ބުރަ މަސައްކަތާއި، ދެއްވި މުހިންމު އިރުޝާދުގެ އިތުރުން ބެލެނިވެރިންގެ ފަރާތުން ލިބުނު މެދުކެނޑުމެއްނެތް އެއްބާރުލުމާއި އެހީތެރިކަން ފާހަގަކޮށް، ދެ ސްކޫލުގެ މެނޭޖްމަންޓުން ވެސް ވަނީ އެ ފަރާތްތަކަށް ނުހަނު އިޚްލާޞްތެރިކަމާއެކު ފަށްފަށުން ޝުކުރު އަދާކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!