އުފެދުމުގައި ޞިއްޙީ ގިނަ މައްސަލަތަކަކާ ކުރިމަތިލާންޖެހިފައިވާ ށ. މިލަންދޫ، އެންދެރިމާގޭ ޢުމުރުން 13 އަހަރުގެ އަޙްމަދު ނީޝާން ޢަލީ ވަޙީދުގެ ބޭސްފަރުވާއަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް މިލަންދޫ ކައުންސިލްގެ އިދާރާއިން ޢާންމުކޮށް އިލްތިމާސްކޮށްފިއެވެ.

ނީޝާންއަކީ އުފެދުމުގައިވެސް ނުކުޅެދުންތެރިކަން ހުންނަ ކުއްޖަކަށްވާއިރު، މިވަގުތު އޭނާގެ ޞިއްޙީ ޙާލަތަށް ބަލައި ކިޑްނީގެ ބައްޔެއް ކަމަށްވާ "އެމްފައިސެމަޓަސް ޕަޔެލޮނެފްރައިޓަސް"އަށް ޝައްކުކުރެވޭ ކަމަށް ކައުންސިލުން ޢާންމުކުރި މަޢުލޫމާތުގައި ބަޔާންކޮށްފައިވެއެވެ. އެހެންކަމުން ޑޮކްޓަރުގެ ލަފާގެ މަތިން "ޔޫރޮޑައިނަމިކްސް +/- މިޓްރޮފެނޮޕް" ޕްރޮސީޖަރ ހެދުމަށް މިއަހަރުގެ ޑިސެމްބަރު މަހު ރާއްޖޭން ބޭރަށް ދިއުމަށް އާއިލާއިން އަންނަނީ ތައްޔާރުވަމުންނެވެ.

ކައުންސިލުން ފާހަގަކޮށްފައިވާ ގޮތުގައި، މި ފަރުވާއަށް ރާއްޖޭން ބޭރުގައި ގިނަ ދުވަސްތަކެއް ހޭދަކުރަންޖެހޭއިރު، އާއިލާގެ މާލީ ތަނަވަސްކަން ހުރިގޮތުން މިފަދަ ބޮޑު ޚަރަދެއް އެކަނި ހަމަޖެއްސުމަކީ އާއިލާއަށް ދަތި ކަމެކެވެ. އެހެންކަމުން ނީޝާންއަށް ކުރިމަތިވެފައިވާ މި ދަތި ދަނޑިވަޅުގައި އޭނާގެ ފަރުވާގެ ކަންކަން ފުރިހަމަކުރުމަށް އެންމެހައި ދީލަތި ފަރާތްތަކުގެ އެހީތެރިކަމަށް ކައުންސިލުން އެދިފައިވެއެވެ.

ނީޝާންގެ ބޭސްފަރުވާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާ ފަރާތްތަކަށް، އޭނާގެ މަންމަ އާމިނަތު ނަސްރީނާ އިބްރާހީމްގެ ބޭންކް އޮފް މޯލްޑިވްސް އެކައުންޓް ނަންބަރު މިލަންދޫ ކައުންސިލްގެ ރަސްމީ ފޭސްބުކް ޕޭޖުގައި މިހާރު ވަނީ ޢާންމުކޮށްފައެވެ.

އެހީތެރިކަން ފޯރުކޮށްދިނުމަށް:

ދިވެހި ރުފިޔާ އެކައުންޓް: 7730000581692 (އާމިނަތު ނަސްރީނާ އިބްރާހީމް)

ޔޫއެސް ޑޮލަރު އެކައުންޓް: 7770000075004 (އާމިނަތު ނަސްރީނާ އިބްރާހީމް)

މީގެއިތުރުން މި ކަމާ ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ނީޝާންގެ މަންމަ ނަސްރީނާ އިބްރާހީމްގެ ފޯނު ނަންބަރު 7619396 އަށް ގުޅުއްވުމަށް ވެސް ކައުންސިލުން އެދެއެވެ.