ށ. މިލަންދޫގެ އުތުރުކޮޅު 136 ނަންބަރު ކޮށީގައި އެއްވެސް ފަރާތެއްގެ ރުއްގަހެއް ހުރި ނަމަ އެކަން އެ ރަށު ކައުންސިލްގެ އިދާރާއަށް އެންގުމަށް އެ ކައުންސިލުން އަންގައިފިއެވެ.

މިލަންދޫ ކައުންސިލުން ބުނީ، އެ ރަށު އުތުރުކޮޅު 136 ނަންބަރު ކޮށީގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ 50 ހައުސިންގ ޔުނިޓް އަޅާ ސަރަހައްދު އެއްކޮށް ސާފުކުރުމުގެ މަސައްކަތް ފެށުމަށް ނިންމާފައިވަނީ 2 ޑިސެމްބަރ 2026 ގެ ފަހުން ކަމަށެވެ.

އެހެންކަމުން، އެ ސަރަހައްދުގައި އެއްވެސް ފަރާތެއްގެ ރުއްގަސް ހުރި ނަމަ 2 ޑިސެމްބަރ 2026 ގެ ކުރިން މިލަންދޫ ކައުންސިލްގެ އިދާރާގައި ނޯޓުކުރުމަށް އެ އިދާރާއިން ވަނީ އެދިފައެވެ.

މީގެއިތުރުން، އެ ސަރަހައްދުގައި އެއްވެސް ފަރާތެއްގެ ރުއްގަސް ނުވަތަ މި ނޫން ވެސް އެއްޗެއް ހުރި ނަމަ، 2 ޑިސެމްބަރ 2026 ވަނަ ދުވަހުގެ ކުރިން އެ ތަކެތި އެ ސަރަހައްދުން ނެގުމަށް ވެސް ކައުންސިލުން ވަނީ އަންގާފައެވެ.

ހައުސިންގ ޔުނިޓްތައް އެޅުމަށް ހަމަޖެހިފައިވާ ސަރަހައްދު ރައްޔިތުންނަށް ސާފުކޮށް އެނގޭނެހެން، އެ ބިމުގެ ތަފުސީލު ހާމަކުރުމުގެ މަސައްކަތް ވެސް ކައުންސިލުން ވަނީ ކޮށްފައެވެ.

އެގޮތުން، މިލަންދޫގައި 50 ހައުސިންގ ޔުނިޓް އިމާރާތްކުރާ ސަރަހައްދު އެނގޭނެ ޗާޓު، މިލަންދޫ ކައުންސިލްގެ ރަސްމީ ފޭސްބުކް ޕޭޖުގައި މިހާރު ވަނީ އާންމުކޮށްފައެވެ.