ވެރިކަމުން ދުރުކުރެވި، އިންޑިއާގައި ހިމާޔަތް ހޯއްދަވައިގެން ހުންނެވި ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ، ދެ އަހަރަށް ވުރެ ގިނަ ދުވަހުގެ މެދުކެނޑުމަކަށް ފަހު އަންނަ ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހު އެނބުރި ގައުމަށް ވަޑައިގަންނަވަން ނިންމަވައިފިއެވެ.

ނަމަވެސް ބަންގްލަދޭޝްގެ މިހާރުގެ ސަރުކާރުން ބުނެފައި ވަނީ، އޭނާއަށް އެނބުރި ގައުމަށް އާދެވޭނީ ކުށްވެރިން ބަދަލުކުރުމުގެ އެއްބަސްވުމުގެ ދަށުން، އަތުގައި ބިޑިއަޅުވައިގެން ހައްޔަރުކޮށްގެން ގެނައުމުން އެކަނި ކަމަށެވެ.

އުމުރުން 79 އަހަރުގެ ހަސީނާ ގައުމަށް އެނބުރި ވަޑައިގަތުމަށް ވަކި ތާރީޚެއް ކަނޑައެޅުއްވި މިއީ ފުރަތަމަ ފަހަރެވެ. ޑިސެމްބަރު 16 އަކީ 1971 ވަނަ އަހަރު ޕާކިސްތާނާ ދެކޮޅަށް ކުރި މިނިވަންކަމުގެ ހަނގުރާމަ ނިމުމަކަށް އައި ދުވަސް ނުވަތަ އެ ގައުމުގެ ކާމިޔާބީގެ ދުވަހެވެ. ހަސީނާގެ ތަރުޖަމާނު ސައިޔިދު މުޒައްމިލް އަލީ ރޮއިޓާސްއަށް ދެއްވި ބަޔާނެއްގައި ވިދާޅުވީ، 2024 ވަނަ އަހަރުގެ އޮގަސްޓް 5 ގައި ހަސީނާ އިންޑިއާއަށް ވަޑައިގެންނެވީ ބަންގްލަދޭޝްގެ މަތިންދާބޯޓެއްގައި ކަމަށްވާތީ، ގައުމީ އެއާލައިން "ބިމާން ބަންގްލަދޭޝް އެއާލައިންސް" މެދުވެރިކޮށް ދިއްލީން ޑާކާއަށް އޭނާ ގެންދިއުމުގެ އިންތިޒާމު ހަމަޖައްސައިދިނުމަށް ސަރުކާރަށް ގޮވާލައްވާ ކަމަށެވެ. އަދި ގާނޫނުއަސާސީއާ ޚިލާފަށް އޭނާ ގައުމުން ބޭރުކޮށްފައިވާއިރު، ކާމިޔާބީގެ ދުވަހު އެނބުރި ވަޑައިގެންނެވޭނެ މަގު ފަހިކޮށްދިނުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށް ވެސް ތަރުޖަމާނު ވިދާޅުވިއެވެ.

ހަސީނާގެ މި އެދިވަޑައިގަތުމާ ގުޅިގެން ބަންގްލަދޭޝްގެ ފޮރިން އެފެއާޒް ސްޓޭޓް މިނިސްޓަރު ހުމާޔޫން ކަބީރު ވިދާޅުވީ، ހަސީނާއަކީ ހުކުމް ތަންފީޒުކުރަންޖެހޭ ކުށްވެރިއެއް އަދި ފިލައިގެން އުޅޭ ޓެރަރިސްޓެއް ކަމަށެވެ. ހަސީނާއަށް އެނބުރި ގައުމަށް އާދެވޭނީ ކުށްވެރިން ބަދަލުކުރުމުގެ މުއާހަދާގެ ދަށުން، އަތުގައި ބިޑިއަޅުވައި، ހަރުކަށި ފާރަވެރިކަމެއްގެ ދަށުން ކަމަށް ވިދާޅުވަމުން އޭނާ ވަނީ، ހަސީނާ އަނބުރާ ގެނައުމަށް ފްލައިޓް ހަމަޖައްސައިދިނުން ފަދަ "ކުށްހީއެއްގެ މައްޗަށް ބިނާވެފައިވާ" އެދުންތަކަށް ސަރުކާރުން އިޖާބަ ނުދޭނެ ކަމަށް ވިދާޅުވެފައެވެ. ދަރިވަރުން އިސްވެ ކުރި މުޒާހަރާތަކާ ދެކޮޅަށް އަނިޔާވެރި އަމުރުތައް ނެރުއްވި މައްސަލައިގައި ބަންގްލަދޭޝްގެ ކޯޓަކުން މިދިޔަ އަހަރު ވަނީ ހަސީނާގެ ޣައިރު ހާޒިރުގައި އޭނާ މަރަން ހުކުމްކޮށްފައެވެ. ނަމަވެސް، ހަސީނާ ވަނީ އެ ތުހުމަތުތަކަށް އިންކާރު ކުރައްވާފައެވެ.

ބޮޑުވަޒީރު ތޯރިގް ރަހުމާންގެ އިންފޮމޭޝަން އެޑްވައިޒަރު ޒާހިދު އުރު ރަހުމާން ވިދާޅުވީ، ހަސީނާ އެނބުރި ވަޑައިގެންފި ނަމަ އޭނާގެ މައްޗަށް އިއްވާފައިވާ މަރުގެ އަދަބު ތަންފީޒުކުރަން ސަރުކާރުން ނިންމާފައިވާ ކަމަށެވެ. އަދި ފިލައިގެން އުޅޭ ހަސީނާއާ އެކު އެއްވެސް މަޝްވަރާއެއް ނުކުރާނެ ކަމަށާއި، ބަންގްލަދޭޝުން ވާހަކަދައްކާނީ އިންޑިއާއާ އެކު އޭނާ ހަވާލުކުރުމުގެ އުސޫލުތަކާ ގުޅޭގޮތުން ކަމަށް އޭނާ ވިދާޅުވިއެވެ. މީގެއިތުރުން، އަވާމީ ލީގުގެ އެއްވެސް ލީޑަރަކު އެއްގަމު މަގުން ގަވާއިދާ ޚިލާފަށް ގައުމަށް އެތެރެވިޔަނުދިނުމަށްޓަކައި ބޯޑާ ގާޑް ބަންގްލަދޭޝް އޮތީ ސަމާލުވެރިކަމުގައި ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ. ހަސީނާގެ މައްޗަށް މަރުގެ ހުކުމް އިއްވި އިންޓަނޭޝަނަލް ކްރައިމްސް ޓްރައިބިއުނަލްގެ ޗީފް ޕްރޮސެކިއުޓަރު އަމީނުލް އިސްލާމް ވެސް ވަނީ، ކުށްވެރިވެފައިވާ ފިލައިގެން އުޅޭ މީހަކު ގެނައުމަށް ސަރުކާރުން ފްލައިޓް ހަމަޖައްސައިދޭން އެދުމަކީ މަޖާ ކަމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

މިދިޔަ ފެބްރުއަރީ މަހު މަގާމާ ހަވާލުވެވަޑައިގެންނެވި ބޮޑުވަޒީރު ތޯރިގް ރަހުމާންގެ ސަރުކާރަށް މިވަގުތު ވެސް ވަނީ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައެވެ. އޭގެ ތެރޭގައި ދުނިޔޭގައި މިހާރު ހަލުވިކަމާ އެކު ފެތުރެމުންދާ ހިމަބިހީގެ އެންމެ ނުރައްކާތެރި އެއް ރޯގާ ކޮންޓްރޯލް ކުރުމާއި، މުސާރަ ބޮޑުކުރުމަށް އެދި އަންނައުނު އުފައްދާ ކާރުޚާނާތަކުގެ މަސައްކަތްތެރިން ކުރަމުންދާ ވަރުގަދަ މުޒާހަރާތައް ހިމެނެއެވެ. އަދި ހަސީނާގެ ޕާޓީ ކަމަށްވާ އަވާމީ ލީގު މަނާކޮށްފައިވާއިރު، މި މަހުގެ ކުރީކޮޅު އޭނާ އާ ޕާސްޕޯޓަކަށާއި އެހެނިހެން ލިޔެކިޔުންތަކަށް އެދިވަޑައިގަތް ފަހުން ގައުމުގެ ސިޔާސީ މަސްރަހު ވަނީ އިތުރަށް ހޫނުވެފައެވެ. އޭނާ ވެރިކަމުން ދުރުކުރި ހަމަނުޖެހުންތަކުގައި 1،400 އެއްހާ މީހުން މަރުވެފައިވާ ކަމަށް އދ. އިން ވަނީ ހާމަކޮށްފައެވެ.

ހަސީނާ އެނބުރި ވަޑައިގަތުމަށް ގޮވާލައި އަވާމީ ލީގުގެ ސަޕޯޓަރުން މަގުތަކަށް ނުކުންނަމުންދާއިރު، އޭނާގެ އުފަން އަވަށް ކަމަށްވާ ގޯޕާލްގަންޖްގައި ކުރިއަށްދާ މުޒާހަރާތަކުގައި ބައެއް މީހުންގެ ފުރާނަ ވެސް ވަނީ ގެއްލިފައެވެ. ގޯޕާލްގަންޖްގެ އަވާމީ ލީގުގެ ޒުވާނުންގެ ލީޑަރެއް ކަމަށްވާ ރިޒްވާން ހައުލާދަރު ބުނެފައި ވަނީ، ހައްޔަރުކުރުމާއި ފިއްތުންތައް ކުރިމަތިވި ނަމަވެސް ރައްޔިތުން ދެން ހިމޭނުން ނުތިބޭނެ ކަމަށާއި، މިލިއަނުން މީހުން ހަސީނާއަށް މަރުހަބާ ކިޔަން ތިބިއިރު އޭނާއަށް އޮތް ތާއީދު ފޮހެނުލެވޭނެ ކަމަށެވެ. މި މައްސަލައިގައި އިންޑިއާގެ ޚާރިޖިއްޔާއިން ވަކި އެއްޗެއް ބުނަން ދެކޮޅު ހެދި ނަމަވެސް، ހަސީނާ ހަވާލުކުރުމަށް ބަންގްލަދޭޝުން އެދިފައިވާ އެދުމާ މެދު ބަލަމުންދާ ކަމަށް އެ ގައުމުން މިދިޔަ އެޕްރީލް މަހު ވަނީ ބުނެފައެވެ.